"ވަކިން ލޯބިން"ގެ ޓިކެޓް ވިއްކަން ފަށައިފި

ފިލްމުގެ ޕޯސްޓަރެއް--- ފޮޓޯ/ ފޭސްބުކް

ޑާކްރެއިން އެންޓަޓެއިންމަންޓް އިން އަންނަ މާޗް ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ވަކިން ލޯބިން"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަށް ބުނީ މިއަދު 2:30 އިން ފެށިގެން ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށާފައިވާ ކަމަށެވެ.

ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓް ކުރާ އެ ފިލްމުގެ ފުރަތަމަ ޝޯވްގެ ޓިކެޓް 200 ރުފިޔާ އަށް ވިއްކަމުން ދާއިރު އެހެނިހެން ޝޯވްތަކުގެ ޓިކެޓްގެ އަގަގީ 100 ރުފިޔާ އެވެ.

ޓިކެޓް ވިއްކުން ހެދުނު 10:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ވެސް މޮގާ ބުންޏެވެ.

ޓިކެޓް ބުކް ކުރި މީހުންނަށް ދެ ތިން ދުވަސްތެރޭ ގުޅާނެ ކަމަށާއި މިހާރު ޓިކެޓް ބުކް ކުރުން ހުއްޓާލައިފައިވާ ކަމަށް މޮގާ ސަން އަށް ބުންޏެވެ.

ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެންނާނީ ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

އޭގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ)، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

"ވަކިން ލޯބިން" އަކީ މުހިއްމު މެސެޖެއް އަންގައިދޭ، މުޖުތަމައަށް ބޭނުންތެރި މެސެޖެއް ރައްދު ކޮށްދޭނެ ފިލްމެއްކަމަށާއި ފިލްމަކީ ރާއްޖޭގައި އާއިލާތަކުގައި ހިނގާ ބޮޑު މައްސަލައަކަށް ތައްޔާރުކޮށްފައިވާ ފިލްމެއްކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް