ސެމްސަންގުގެ ވެރިޔާ ޖަލުން ދޫކޮށްލަން ދެކުނު ކޮރެއާގެ ކޯޓަކުން އަމުރުކޮށްފި

ދެކުނު ކޮރެއާގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގް -- ފޮޓޯ: ގެޓީ

ސޯލް (ފެބްރުއަރީ 5): ކޮރަޕްޝަނުގެ މައްސަލައެއްގައި ސެމްސަންގުގެ ވައިސް ޗެއާމަން ލީ ޖައެ ޔޮންގްގެ މައްޗަށް ކުރި ފަސް އަހަރުގެ ޖަލު ހުކުމް ސަސްޕެންޑުކޮށް، އޭނާ ދޫކޮށްލަން ދެކުނު ކޮރެއާގެ ކޯޓަކުން އަމުރުކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ދެކުނު ކޮރެއާގެ ކޯޓަކުން ވަނީ ސިޔާސީ ފައިދާއަށް ޓަކައި ލީ އެ ގައުމުގެ ކުރީގެ ރައީސް ޕާކް ގުން ހޭ އާއި އޭނާގެ ގާތް އެކުވެރިޔާ ޗޮއި ސޫން ސިލްއަށް 43 ބިލިއަން ކޮރެއަން ވޮން (38 މިލިއަން ޑޮލަރު) ރިޝްވަތުގެ ގޮތުގައި ދިން ކަމަށް ނިންމައިފަ އެވެ.

ދެކުނު ކޮރެއާގެ ބޮޑެތި އާއިލީ ކުންފުނިތަކާއި ސަރުކާރާ ދެމެދު އޮންނަ ގުޅުންތަކަށް ގައުމުގެ ރައްޔިތުންގެ ފާޑު ކިޔުންތައް އަމާޒުވި އެމައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ މާޗް މަހު އެގައުމުގެ ރައީސް ޕާކް ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައްކޮށް ހައްޔަރުކޮށްފަ އެވެ.

އުމުރުން 48 އަހަރުގެ ލީއަކީ ސެމްސަންގްގެ ވައިސް ޗެއާމަން ނަމަވެސް، އެކުންފުނީގެ ޗެއާމަންގެ ރޯލު ވެސް އަދާކުރައްވަން ޖެހެނީ އޭނާ އެވެ. ސަބަބަކީ، 2014 ވަނަ އަހަރު އޭނާގެ ބައްޕަ އަދި ޗެއާމަން ލީ ކުން ހީއަށް ހާޓް އެޓޭކެއް ޖެހިވަޑައިގެން، ހޮސްޕިޓަލުގައި އޮންނަވަން ޖެހިވަޑައިގަތުމުންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ލީ ކުން ހީގެ މައްޗަށް ވެސް ރިޝްވަތު ދިނުމާއި ޓެކްސް ނުދެއްކުމުގެ ދައުވާ ސާބިތުވެފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ޖަލު ހުކުމްތައް ވެސް އޭރު ވަނީ ސަސްޕެންޑުކޮށްފަ އެވެ. (ރޮއިޓާސް)

comment ކޮމެންޓް