ސަލާހްގެ ގޯލުން އޭނާ ދައްކާލީ މެސީގެ ހުނަރު!

ލިވަޕޫލްގެ މުހައްމަދު ސަލާހް. ރޭގެ މެޗުގައި އޭނާ ޖެހި ދެވަނަ ގޯލައަކީ ރީތި ގޯލައެއް --- ފޮޓޯ/އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލާއި ޓޮޓެންހަމް ކުޅުނު މެޗުގައި މުހައްމަދު ސަލާހް ކާމިޔާބުކުރި ދެވަނަ ގޯލް ޖެހޭނެ އިތުރު ކުޅުންތެރިއަކީ ހަމައެކަނި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ކަމަށް ލިވަޕޫލްގެ ލެޖެންޑް ޖެމީ ކެރެގާ ބުނެފިއެވެ.

ރޭގެ މެޗު 2-2 އިން އެއްވަރުވެފައިވާއިރު، މެޗުގައި ލިވަޕޫލްގެ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހެވެ.

ރޭގެ މެޗުގެ 91 ވަނަ މިނެޓުގައި ސަލާހް ޖެހި ގޯލަށް ލިވަޕޫލްގެ ލެޖެންޑް ކެރެގާވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. ޓޮޓެންހަމްގެ އޭރިއާ ތެރެއަށް ވަދެ، ވަރަށް ރީތިކޮށް އެޓީމުގެ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ސަލާހްވަނީ ޓޮޓެންހަމް ކީޕަރު ހޫގޯ ލޮރިސްގެ ބޯ މަތިން ބޯޅަ ގޯލް ތެރެއަށް ފޮނުވާލާފައެވެ.

ކެރެގާ ބުނެފައިވަނީ ގިނަ ޑިފެންޑަރުންގެ ތެރެއިން މެސީ ދެމިގެންދާ ގޮތަކީ އާދަޔާހިލާފު ހުނަރެއް ކަމަށާއި، އާއްމުކޮށް އެފަދަ ޗަރުކޭހާއެކު ކީޕަރު ކައިރިއަށް ގޮސް މެސީ ޖަހާ ގޯލް ފެންނާނީ ވަރަށް ފަސޭހަ ގޮތަކަށް ކަމަށެވެ.

ކެރެގާ ބުނީ ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ އާއްމުކޮށް ޖަހާ ގޯލްތަކާ، ސަލާހް ރޭގެ މެޗުގައި ޖެހި ގޯލާއި ދާދި އެއްގޮތް ކަމަށެވެ. އަދި އެ ހުނަރަކީ އުނދަގޫ ހުނަރެއް ނަމަވެސް ސަލާހް މިހާރު ހުރި ފޯމުގައި އޭނާއަށް އެފަދަ ހުނަރެއް ދެއްކިދާނެ ކަމަށްވެސް ކެރެގާ ފާހަގަކުރިއެވެ.

ކެރެގާ އިތުރަށް ބުނީ ސަލާހަކީ ހުނަރުހުރި ތަފާތު ކުޅުންތެރިއެއް ކަމަށެވެ. ހާއްސަކޮށް ސަލާހަކީ ހަލުވި ކަމާއެކު މިސްރާބު ބަދަލުކޮށް، ކޮއްޓުމަށްވެސް އަވަސް، ފުދޭވަރަކަށް ވަރުގަދަ ކުޅުންތެރިއެއް ކަމަށް ކެރެގާ ބުންޏެވެ.

ސަލާހްވަނީ ލިވަޕޫލަށް ކުޅުނު 33 މެޗުން 28 ގޯލް ޖަހައިފައެވެ. ކުރިން ޗެލްސީ އަދި ރޯމާއަށްވެސް ކުޅުނު ސަލާހު އަންނަނީ އޭނާގެ ގައުމު، މިސްރުގެ ގައުމީ ޓީމާއެކުވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

comment ކޮމެންޓް