ސިޔާސީ ގޮތުން ކުުއްލިއަކަށް ހަލަބޮލިވުން: "ސައިލެންޓް" ކޫއެއްތަ؟

ސިޔާސީ ގޮތުން ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތް ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ރާއްޖޭގެ ސިޔާސީ އުދަރެސް ކުއްލިއަކަށް ބަނަވެގެން ދިޔައީ ކުއްލިއަކަށެވެ. މިއީ ރާއްޖޭގެ ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބި ކަމެއް ނޫނެވެ. ހުދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްުޔޫމަށް ވެސް އެކަން ވެގެން ދިޔައީ ގަބޫލުފުޅު ކުރަން ދަތިވި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ގިނަ ބައެއްގެ ސިކުނޑީގައި ވެސް ވަނީ މަތިމައްޗަށް ސުވާލު އުފެދިފަ އެވެ؟ ހަމަ ކުއްލިއަކަށް ސުޕްރީމް ކޯޓުގެ ނިންމުން ބަދަލުވާންވީ ކީއްވެތޯ އެވެ؟ މި ދަނޑިވަޅު އެ ނިންމުން އެއައީ ހަމަ އިއްތިފާގުންތޯ އެވެ؟ މިކަމުގައި އަޑީގައި "ތިން ވަނަ ފަރާތެއް" ވޭތޯ އެވެ؟

ގޮނޑިގެއްލުނު މެމްބަރުން ސުޕްރީމްކޯޓަށް ވަޑައިގެންނަވަނީ--ސަންފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ސިޔާސީ މަސްރަހަކީ ދިވެހިންނަށް ވަރަށް އާ އެއްޗެކެވެ. ބޮޑެތި ގައުމުތަކުގައި ހިނގަމުންދާ ސިޔާސީ ބޮޑެތި ކޯޅުންތަކާއި އެއްގައުމުން އަނެއް ގައުމުގެ ކަންތައްތަކާ ނުފޫޒު ފޯރުވާ މައްސަލަ ހަބަރުތަކުގެ ސުރުހީތަކުން ފެނުނަސް އޭގެ ބޮޑު ބައި އަދި ވެސް އޮތީ ފަރުދާގެ ފުރަގަހުގަ އެވެ.

ރާއްޖެ ހިމެނޭ ސަރަހައްދަކީ މީގެ ކުރިން މާ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި ސަރަހައްދެއް ނޫނެވެ. ހާއްސަކޮށް ރާއްޖެ އޮންނަނީ ވަރަށް ބޮޑަށް އެކަހެރި ސަރަހައްދެއްގައި ކަމަށްވާތީވެ، ރާއްޖެއަކީ މީގެ ކުރިން އެހެނިހެން ގައުމުތަކުން މާބޮޑު ސަމާލުކަމެއް ދިން ގައުމެއް ނޫނެވެ. މި ސަރަހައްދުގައި އެންމެ ފަހުން ބޮޑު ހަނގުރާމައެއް ހިނގީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނާއި އިނގިރޭސިވިލާތާ ދެމެދު އެވެ.

ރާއްޖެ ހިމެނޭ ސަރަހައްދު ކުއްލިއަކަށް މުހިންމުވީ ކީއްވެ؟

ރާއްޖެ ހިމެނޭ ސަރަހައްދަކީ މިހާރު "ސްޓެރެޓިޖިކް" ގޮތުން ވަރަށް މުހިންމު ސަރަހައްދެކެވެ. އެކާވީސް ވަނަ ގަރުނަށް ޗައިނާއިން ސްޓްރެޓެޖިކް ގޮތުން ކަނޑައަޅައިފައިވާ މެރިޓައިމް ސިލްކް ރޯޑާ އެކު މިހާރު މި ސަރަހައްދުގެ ކޮންޓްރޯލް ހޯދުމަށް ޗައިނާ އާއި އިންޑިއާއާ ދެމެދު ވަނީ ވަރަށް ބޮޑު ވާދަވެރިކަމެއް އުފެދިފަ އެވެ.

ޗައިނާގެ ސިލްކް ރޯޑް. ސިލްކު ރޯޑުން ޗައިނާ އާ އެފްރިކާ، އޭސީއާ އަދި ޔޫރަޕް ގުޅާލުމަށް ވަނީ ހަމަޖެހިފައި--

ސިޔާސީ މާހިރުން ޗައިނާ އާއި އިންޑިއާގެ ވާދަވެރިކަން "ގްރޭޓް ގޭމް" އާ ވެސް އަޅާކިޔަ އެވެ. ގްޜޭޓް ގޭމް އަކީ ކުރީގެ ޜަޝިއަން އެމްޕަޔާ އަދި އިނގިރޭސިވިލާތުން އިސްތިއުމާރީ ދުވަސްވަރު މެދުތެރޭ އޭޝިއާގެ ކޮންޓްރޯލް ހޯދުމުގައި ގެންގުޅުން ސިޔާސަތުތަކަށް ކިޔާ ނަމެކެވެ.

ޗައިނާ އިން ހިންގަމުންދާ ސިލްކު ރޯޑުގެ ބިޔަ ޕްރޮޖެކްޓާ މެދު، އިންޑިއާ އިން އަބަދު ވެސް ދިޔައީ ނުރުހުން ފާޅު ކުރަމުންނެވެ. ސްރީލަންކާގެ ގިނަ ޕްރޮޖެކްޓްތައް ޗައިނާއަށް ހަވާލުކުރުމުން އިންޑިއާ އިން ވަރަށް ރުޅިގަދަވި އެވެ. ހާއްސަކޮށް ޕާކިސްތާނަކީ އިންޑިއާގެ އެންމެ ބޮޑު ދުޝްމަނަށް ވެފައި ޗައިނާ އިން ޕާކިސްތާނާ އެކު ގުޅުން ގާއިމްކޮށްފައިވުމަކީ އިންޑިއާ އިން ވަރަށް ނުރުހުންވާ ކަމެކެވެ.

ރާއްޖެއިން "ރަތް ރޮނގު" ހުރަސް ކުރީތަ؟

ރައީސާ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ޗައިނާއާ އެކު ވަނީ މިއިން ޒަމާނަކު ވެސް ރާއްޖެ އިން ޗައިނާއާ އެކު ގުޅުން ބަދަހި ނުވާ ވަރަށް ގުޅުންތައް ބަދަހިކޮށްފަ އެވެ.

ދާދި ފަހުން ރާއްޖެ އިން ޗައިނާ އާއި ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވިދާޅުވީ ސިލްކު ރޯޑާ އެކު ޗައިނާ އާއި ރާއްޖޭގެ ގުޅުން މުޅިން އާޒަމަނަކުން ފެށިގެން ހިނގައްޖެ ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ ބޮޑެތި މަޝްރޫއުތަކުގައި ޗައިނާ ދަނީ އެހެން އެއްވެސް ގައުމަކުން ހިއްސާ ނުވާ ވަރަށް ހިއްސާވަމުންނެވެ. އެއާޕޯޓުން ފެށިގެން، ބުރިޖް އަދި ހުޅުމާލެ ހިޔާގެ ބޮޑު ޕްރޮޖެކްޓްގައި ވެސް ޗައިނާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.

ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ޒިންހުއާ ނިއުސް

ޗައިނާ އާއި ރާއްޖެއާ ދެމެދު ގާއިމްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދަށް އިތުރުވި އެންމެ ފަހުގެ ބޮޅެވެ. އިންޑިއާ އިން ސީދާ އެކެމާ މެދު ވަކި އެެއްޗެއް ނުބުނި ކަމުގައި ވިޔަސް އެގައުމުން ހިތްހަމަނުޖެހިފައިވާކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޗައިނާ- ވިޔަފާރީގެ އެއްބަސްވުން މުރާޖާކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ވެސް އިންޑިއާގެ ނުފޫޒު ވަރަށް ބޮޑަށް ހާމަވާ ކަމެކެވެ.

އިންޑިއާ- އެމެރިކާގެ ގުޅުން

ފިނި ހަނގުރާމަ ނިމުނު ނަމަވެސް އެމެރިކާގެ ސިޔާސަތުތަކުން އަނެއްކާ ވެސް ވަނީ އެ ހަނގުރާމަ އިއާދަވެފައިވާ ކަމުގެ ކުލަތައް ވަރަށް ރީއްޗަށް ފެންނަމުންނެވެ. ކުރިން އެމެރިކާގެ އެންމެ ބޮޑު ދުޝްމަަނަކީ ރަޝިއާ ކަމަށް ވިޔަސް މިހާރު އެ ބޮޅަށް ޗައިނާ ވެސް ވަނީ އިތުރުވެފަ އެވެ.

ޗައިނާ އިން ފަށާފައިވާ ސިލްކް ރޯޑް ވަނީ ޔޫރަޕާ ވެސް ގުޅާލުމަށް ހަމަޖެހިފަ އެވެ. ދުނިޔޭގެ އެންމެ ވަރު ގަދަ އިގްތިސާދީ ބާރަކަށް ޗައިނާ ވަމުން އަންނަ އިރު އަސްކަރީ ގޮތުން ވެސް ޗައިނާ އިން ދަނީ އެމެރިކާއާ އަރާ ހަމަކުރަމުންނެވެ.

އިންޑިއާ އާއި އެމެރިކާގެ ގުޅުން ފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް ވަރުގަދަވަމުންނެވެ. ހާއްސަކޮށް އިންޑިއާ އާއި އެމެރިކާއާ އެކު 2016 ވަނަ އަހަރު ގާއިމްކުރި މިލިޓަރީ ސްޓެރެޓެޖިކް ޕާޓްނާޝިޕަކީ ޗައިނާގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާ އިން އެކުލަވާލި ސިޔާސަތެއް ކަމަށް ވަރަށް ގިނަ މާހިރުން ބުނެ އެވެ. އެހެން ކަމުން އިންޑިއާއަކީ އެމެރިކާ އިން ޗައިނާ ކޮންޓްރޯލް ކުރުމަށް ގެންގުޅޭ "ޓޫލް" އެކެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ކުއްލިއަކަށް ހަލަބޮލިވުން

މި ހަތަރު އަހަރުގެ ވެރިކަމުގައި ސިޔާސީ ގޮތުން ހަލަބޮލިވާ ކިތަންމެ ކަމެއް ވަނީ ފެނިގެން ގޮސްފަ އެވެ. ހާއްސަކޮށް ރައީސުލުޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދިން ހަމަލާ އާއި ދެ ނާއިބު ރައީސުން ވަކިކުރުމަކީ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ވަރުގަދަ ކޯޅުންތަކެއް ހިންގަމުން ދިޔަ ކަމުގެ ހެއްކެކެވެ.

ސިޔާސީ ބޭފުޅުންގެ މައްޗަށް ކުރިން އިއްވި ހުކުމުން ފެށިގެން ގޮނޑި ގެއްލުމުގެ ހުކުމާ ހަމައަށް ފެނިގެން ގޮސްފައި ވަނީ މުޅިން އެހެން މަންޒަރެކެވެ. އޭގެން މާބޮޑު ނުރައްކަލެއް ސަރުކާރަށް ކުރިމަތިވެފައެއް ނުވެ އެެވެ. ނަމަވެސް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ހުކުމްތައް ފެނިގެން ދިޔައީ ދިމާ އިދިފުށަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ ކުރުމާ ގުޅިގެން އެ ހުކުން ތަންފީޒުކުރުމަށް ގޮވާލާ މުޒާހަރާކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އޮންނަހެން ރާއްޖޭގައި ވެސް "ޑީޕް ސްޓޭޓް"އެއް އޮންނަ ކަމަށް ވަރަށް ގިނައިން ތުހުމަތުކުރެ އެވެ. ޑީޕް ސްޓޭޓަކީ އާންމުކޮށް ގައުމެއްގެ ނުފޫޒު ގަދަ މީހުން އަޑިއަޑިން އެކި ރޭވުންތައް ރާވާހެދުމަށް ކިޔައި އުޅޭ ނަމެކެވެ.

މިބީދައިން ކަންތައްތައް ހިނގާ ކަމަށް ބެލެވޭނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. ހުދު ސަރުކާރުން ވަނީ ރާއްޖޭގެ ބައެއް ނުފޫޒު ގަދަ ފަރާތްތަކުން ސަރުކާރު ވައްޓާލުމަށް ހަރަދު ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ކުއްލި ނިންމުމަކީ މިނިވަން ނިންމުމެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ އެކު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ވެސް ސަރުކާރަށް ގެއްލިފަ އެވެ.

ރައީސް ނަޝީދު ވަނީ ސުޕްރީމް ކޯޓުގެ ނިންމުމުގެ ކުރިން ކުއްލިއަކަށް ރާއްޖެ ވަޑައިގެން އިންތިހާބުގައި ބާއިވެރިވެވަޑައިގަންނަވާނެ ކަމަށް ވަރަށް އިތުބާރާ އެކު ވިދާޅުވެފަ އެވެ.

ނަޝީދުއެކޭ އެއްގޮތަށް އިދިކޮޅު މެމްބަރަކު ސުޕްރީމް ކޯޓުން ގާނޫނުގެ ދިގު އަތް ދަމާލަން އުޅޭ ކަމަށް، ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ދެތިން ދުވަސް ކުރިން ވިދާޅުވި އެވެ. މިއީ ވެސް ހަމަ އިއްތިފާގެއް ކަމާމެ މެދު ސުވާލު އުފެދެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހުގެ ތިލަފަތް މިހާރު މިވަނީ އިދިކޮޅު ފަރާތްތަކަށް ބަރުވެފަ އެވެ. މިއީ "ސައިލެންޓް ކޫ"އެއް ނޫން ކަމާ މެދު ހަގީގަތުގައި ވެސް ސުވާލު އުފެދެ އެވެ.

އިންޑިއާ އިން ރާއްޖެއާ މެދު އަމަލުކުރާނީ ކިހިނެއް؟

އިންޑިއާގެ ސަރުކާރުގެ ވަރަށް ނުފޫޒު ގަދަ ތިންކް ޓޭންކަކުން މިދިޔަ އަހަރު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން އެގައުމުގެ ނޫހެއް ކަމަށްވާ "ވަޔާ" އަށް" ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީީ އިންޑިއާ އިން ރާއްޖޭގެ ދާހިލީ ކަންތައްތަކާ ބެހޭ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

"އިންޑިއާއަކީ އަވަށްޓެރި ގައުމުތަކުން ސިޔާސަތުތަކަށް ވަގުތުން ރައްދުދޭ ގައުމެއް ނޫން. އިންޑިއާ އިން އަބަދު ވެސް ކަންތައްތައް ރާވާނީ ވަރަށް މަޑުމަޑުން،" ނަޝީދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާދު އިންޑިއާ އިން މިހާތަނަށް ދީފައި ވަނީ ފިނި ރައްދެކެވެ. ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ތަބާވެ އަމަލު ކުރުމަށް ބުނުން ފިޔަވައި އިތުރަކަށް މާބޮޑު އެއްޗެއް ބުނެފައެއް ނުވެ އެވެ.

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ ބައްދަލު ކުރެއްވުން ---

އެހެންކަމުން ބޮޑަށް ބުރެވެވެނީ އިންޑިއާ އިން މަސައްކަތްކުރާނީ ރާއްޖެއާ ދެކޮޅަށް ސީދާ މަސައްކަތް ކުރުމުގެ ބަދަލުގައި ބައިނަލަގްވާމީ ނުފޫޒު ގަދަ ގައުމުތަކާ ގުޅިގެން އިސްދައުރެއް އަދާ ކުރުމަށެވެ.

އެގޮތުން ސިޔާސީ ގޮތުން ރާއްޖެ އެކެހެރި ކުރުމަށް މަސައްކަތްކުރުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ. އަދި ރާއްޖެއަކީ ވަރަށް އަނިޔާވެރި ހުދުމުހުތާރު ތަނެއް ކަމަށް ދެއްކުމުގެ އިތުރަށް ޗައިނާގެ "ޕަޕެޓް' ސަރުކާރެއް ކަމަށް ދުނިޔެއަށް ދެއްކުމަށް މަސައްކަތް ކުރުމަކީ އިންޑިއާއިން ގެންގުޅޭނެ އުކުޅެއް ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ރާއްޖެއަށް ބައިނަލްގްވާމީ ފިއްތުންތައް ވަރަށް ބޮޑު

ސުޕްރީމް ކޯޓުގެ ނިންމުމާ އެކު، ހާއްސަކޮށް ބައިނަލަގްވާމީ މުޖުތަމައުން ފިއްތުންތައް އިތުރުވަމުންދާތަން ދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. ކޯޓުން ނެރުނު އަމުރަށް 72 ގަޑިއިރު ވެފައިވާއިރު އެމެރިކާ އަދި އިނގިރޭސިވިލާތުން ވަނީ ބަޔާންތައް ނެރެން ފަށައިފަ އެވެ.

ރާއްޖެ އަށް ވުރެ މާ އަނިޔާވެރި މިސްރު ފަދަ ގައުމުތަކުގެ ވެރިންނަށް އެއްވެސް ވަރަކަށް ފިއްތުންތައް ކުރިމަތި ކުރާތަނެއް ނުފެނެ އެވެ. އަދި މިސްރުގެ ރައީސް އަބަދުލް ފައްތާހު ސީސީ ވަނީ މިސްރުގައި އަންނަ މަހު ބާއްވާ އިންތިހާބުގައި އެއްވެސް ފަރާތަކަށް ވާދަނުކުރެވޭ ގޮތް ހަދައިފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ސަރުކާރުން މިހާތަނަށް އަމަަލުކުރާނެތޯ ނުވަތަ ނޫންތޯ އަދި ވަނީ ނޭނގުމެއްގެ ތޭރޭގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ސަރުކާރުން ބުނަމުން ދަނީ އެ އަމުރަށް އަމަލުކުރާނެ ކަމަށެވެ.

މައުލޫމާތު: ޔޫރޭޝިޔާ ރިވިއު

comment ކޮމެންޓް