ސައްދާމް ހުސެއިންގެ ދޮށީ އަންހެން ދަރިފުޅު "މޯސްޓް ވޯންޓެޑް ލިސްޓަށް"

ސައްދާމް ހުސެއިން ދޮށީ އަންހެން ދަރިފުޅު ދިރިއުޅުއްވަނީ އުރުދުންގައި -- ފޮޓޯ:އީޕީއޭ

ބަޣުދާދު (ފެބްރުއަރީ 5): އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ އެންމެ ދޮށީ އަންހެން ދަރިފުޅުގެ ނަން އެގައުމުގެ މޯސްޓް ވޯންޓެޑް ލިސްޓުގައި ހިމަނައިފި އެވެ.

އުރުދުންގައި ދިރިއުޅުއްވާ ރަގަދް ހުސެއިންގެ ނަން އެލިސްޓުގައި ހިމަނާފައި ވަނީ އިތުރު 59 މީހެއްގެ ނަމާ އެއްކޮށެވެ. އޭގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ 28 މީހަކާއި އަލް ގައިދާއަށް ނިސްބަތްވާ 12 މީހަކާއި އިރާގުން މަނާކޮށްފައިވާ ބާއަތު ޕާޓީއަށް ނިސްބަތްވާ 20 މީހަކު ހިމެނެ އެވެ.

އޭއެފްޕީގައިވާ ގޮތުން އިރާގުގެ ސަރުކާރުން އެކުލަވާލި އެލިސްޓުގައި އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި، އެމީހުންގެ ފޮޓޯތައް ވެސް ހިމަނާފައިވެ އެވެ. އަދި އެ 60 މީހުންގެ ތެރޭގައި ހިމެނޭ ބޭރު ގައުމަކަށް ނިސްބަތްވާ ހަމައެކަނި މީހަކީ ލުބުނާނުގެ މާން ބަޝޫރު ކިޔާ މީހެއް ކަމަށާއި އޭނާއަކީ އިރާގަށް ހަނގުރާމަވެރިން ފޮނުވާ މީހެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް އެލިސްޓުގައި އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގުދާދީގެ ނަން ހިމަނާފައި ނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އިރާގުގެ ސަރުކާރާ ސުވާލު ކުރުމުން ޖަވާބެއް ލިބިފައި ނުވާ ކަމަށް ވެސް އޭއެފްޕީން ބުންޏެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް