ނޭނގި ހިތާ ކުޅެލީ - 22

"ބަނޑުހައިވެސް އެބަވޭ. ގޭސްފުޅިވެސް ހުސްވެފައި އެހެރީ. ކާނެ އެއްޗެއްނެތް. ކުރިން ފްރިޖް ބަރާވެފައި ހުންނަނީ ޗޮކްލެޓާއި އެއްޗެހިން. ބައްޕަ ކައިރި ބުނާކަށް ނުވެސްޖެހޭ. ކާޑުގައި ހުރި ފައިސާވެސް ބައްޕަ ނަގާ ހުސްކުރީ. ނުކައި ބަނޑަށް ހުރެ ބާ މިރޭވެސް ނިދަން ޖެހޭނީ. ލޫކް ގެއަށް އާދެބަލަ. ކޮންމެވެސް އެއްޗެއް ގެނެސްދީބަލަ. ބައްޕަވެސް ކޮންތާކު ތިހިރީ ގުޅާވެސްނުލާ. މަންމަ ހުރިނަމަ...." ސަވާނާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އަމިއްލަ އެކަނިވެރިކަމާއި ނިކަމެތިކަން އިހުސާސްކުރެވި ހިތުގައި ޖެހިފައި އިންދާ ދޮރު ހުޅުވައިލުމުން ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ.

ދޮރުމަތީގައި ހުރީ ލުކުމާންއެއް ނޫނެވެ.

"ޑޮކްޓަރ އިޒިކް......."ސަވާނާއަށް ކިޔާލެވުނެވެ. އިޒިކްގެ މޫނުމަތިން ފެނުނީ އޯގާތެރިކަމުން ސަވާނާގެ ލޮލުގައިވާ ކަރުނަތައް ގިނަވާން އުޅުނެވެ. ނަމަވެސް އޭނަ ހިތްވަރުކޮށްލާފައި ތެދުވެ ހީލިއިރު އެރީތި ދެލޮލުން ފެނުނު ހިތާމައާއި ވީރާނާކަން އިޒިކްއަށް ފެނުނެވެ. އެކަނިވެރިކަން ލިބިފައިވާ ކުޑަ ކުޑަ އަންހެންކުއްޖެކެވެ. ވަށް މޫނާއި ކުޑަ ނޭފަތުގެ ސަބަބުން ހަރުފާޑެއް ނުޖަހައެވެ.

"ލޫކް ނައިސްގެން އެކަނި މިއިނީ....." ސަވާނާއަށް ބުނެވުނެވެ." މިގޭގަ އިތުރު އެއްވެސް އިންސާނެއް ނޫޅޭ. އެހެންވެ ކުޑަކޮށް ބިރުން މިއިނީ."

"މިއައީ ވާހަކައެއް ބުނެލަން. އެނގެއެއްނު ސަވާނާގެ މަންމަ މިކޮޅުން ގެންދިޔައިރުވެސް ސީރިޔަސްކަން. ކޯމާއެއްގައި އޮތްކަން. ކްރިޓިކަލް ކަމުން ފްލައިޓުން އެކޮޅަށް ގެންދެވުނީވެސް ކިރިޔާ..........." އިޒިކް ދުރުންފެށިއެވެ.

"ތިބުނަން އުޅެނީ މަންމަ ރަގަޅުނުވާނެއޭތަ. އެހެން ހިތަށް އެރިއޭ އެއާޕޯޓަށް ގޮސްފައި މަންމަ ފެނުނީމަ........" ސަވާނާ ސޯފާއަށް ތިރިވިއެވެ. އޭނަ ދެލޯ މަރާ ބާރުކޮށްލަމުން ހިތަށް ވިސްނަދޭން މަސައްކަތްކުރިއެވެ. އިޒިކް ބުނާ އެއްޗެއް އަހަން އެހިތަށް ކުޅަދާނަވާން ޖެހޭނެއެވެ. އޭނަވަނީ މަންމައާއި ދިމާލަށް ބޭ އިންސާފުން ވަރަށް ގިނަ އެއްޗެހި ކިޔާފައެވެ. މަންމަ ދެރަކޮށްލާފައެވެ. މަންމައަށްވުރެ ދޮންމަންމައިންވެސް ރަގަޅުކަމަށް ބުނެފައެވެ. މަންމަ ފަހަކަށް އައިސް އުޅުނީ މިގޭގައި އުޅުނު ނޯކަރުންގެ މަގާމުގައެވެ. ބައްޕަގެ ކޮޓަރިން ބޭރުކޮށްލާފައި ގޭގައި ހުރި އެންމެ ކުޑަ އެއްކޮޓަރީގައި ދިރިއުޅެން މަންމަ ފެށިއިރު އޭނަ ހުރީ އެކަން ނުފެންނަކަމަށް ހަދައިގެންނެވެ. ބައްޕައާއި މަންމައާއި ދެމެދު ހިނގި ހުރިހާ ހަގުރާމައެއްގައި އޭނަ ކުށްވެރިކުރީ މަންމައެވެ.

އިޒިކް ބުނީ އިންސާނުން ދުނިޔެއަށް ނޭވާލުމަށްފަހު އެންމެ ކައިރީ ގައި އޮތީ ހެއްދެވިފަރާތުގެ ހަޟުރަތަށް ދަތުރުކުރުންކަމުގައެވެ. ނަބީލާފަދަ ދީންވެރިންނަށް ހުރި ސަވާބު ބޮޑުވާނެހެން ހީވާކަމުގައެވެ. އެފަރާތުގެ ރަހުމަތާއި ނިއުމަތް ޚާއްސަވެގެންވަނީ އަޅުވެރިންނަށްކަމުގައެވެ. ނަބީލާ އެންމެނާއި ވަކިވެގެން މާދުރަށް ގޮސްފައިވާކަމުގައި އޭނަ ބުނީ އެހެން މާނައެއްވެސް ދޭހަވާފަދަ ގޮތަކަށް ކަމުގައިވިޔަސް ސަވާނާއަށް ޔަގީންވިއެވެ. އޭނަގެ މަންމަ ނިޔާވީއެވެ.

"އިޓްސް ނޮޓް ޓްރޫ. ޕްލީޒް ބުނެބަލަ މަންމައަށް ކަމެއްނުވެއޭ......ބޭނުމެއްނޫން މަންމަ އެގޮތަށް ދާކަށް. ވަރަށް އެކަނިވެރިވާނެ........ކިހިނެއް މަންމައާއި ނުލާ އުޅޭނީ..." ސަވާނާ ނުރޯން ހިތްވަރުކުރަމުން ވާހަކަދެއްކިއެވެ. ކަރުނަތައް ދިރުވައިލިއެވެ. އެލޮލުގައިވި ހުސްކަމާއި އިންތިހާ ހިތާމަ އިޒިކްއަށް ފެނުނަސް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟

"އެއީ ތެދެއްތަ؟ މަންމަގެ އެކުވެރިއަކު ބުނީ މަންމަ ފޫހިވެގެން އަމިއްލައަށް މަރުވީޔޯ....."

" އެއީ ދޮގެއް. މަންމަ އަޅުގަނޑަށްވެސް ސުއިސައިޑްގެ ހުރި ގޯސްކަން ބުނެދެއްވި. މަންމަ އަމިއްލައަށް މަރުވާންވެގެން އެތަނުން ފުންމާލަފާނެކަމަށް ހީކުރެވުނަސް މަންމަ ދެއްކި ވާހަކަތައް ހަދާންވުމުން އެނގޭ އެކަހަލަ މޮޔަކަމެއް ނުކުރާނެކަން. ޝީއިޒް ނޮޓް އިންސޭން. އެކަމަކު......ކިހިނެއް އެހެން ވާންވީ. މަންމަ ދެކެން އަޅުގަނޑު ދާން ބޭނުން. ބައްޕައަށްވެސް މިކަން އެނގެން ޖެހޭނެ........އޯ ގޯޑް.." ސަވާނާ ފޯނުނެގިއެވެ. އެވަރުންވެސް އޭނަ ނުރޮއެވެ. ހިތްވަރުގަދަ ކަމުގެ އިންތިހާއެވެ. ނޫނީ ސަވާނާ އިނީ ޟޮކެއްގައެވެ. ކިތަންމެ ދުރުން އުޅުނަސް މަންމަވާނީ މަންމައަށް ނޫންހެއްޔެވެ؟

ސަވާނާގެ ހިތުގައި ޖެހި ދެލޮލުގައިވާ ކަރުނަތައް ކޯތާފަތަށް ފައިބަންފެށީ އޭނަ ގެ ބައްޕައާއި ލުކުމާންއަށް ތަކުރާރުކޮށް ގުޅާ އެކަން ނާކާމިޔާބުވުމުންނެވެ. އަމިއްލަ އެކަނިވެރިކަން އިހުސާސްކުރެވި ހިތް ކުދިކުދިވާވަރުވެއްޖެއެވެ. މަންމައަށްޓަކާވެސް އެލޮލުން ކަރުނަ އަންނަންފެށިއެވެ.

އިޒިކް ސަވާނާއަށް ވިސްނައިދޭން މަސައްކަތްކުރަމުންގޮސް އެތައް އިރެއްވީފަހުން މޫނު ދޮވެލާ ހަދައިލިއެވެ.

ލުކުމާން ސިޔާސީ މީހަކަށް ނުވިޔަސް އޭނަވެސް ކައިދަންގެ ބޭބެ އަމްރާން ރައީސްކަމަށް ގެންނަން ވެގެން މަސައްކަތްކޮށްދިނެވެ. މަޝްހޫރު ނިއުސްޕޭޕަރެއް ގަނެލީ ހަމައެކަނި އެކުވެރިޔާއަށްޓަކައެވެ. އެއީ ކައިދަންއަށްވެސް އަންގާލުމެއް ނެތިއެވެ. އަތަށް ފައިސާ އަރާއިރު އޭނައަށް އެހީތެރިވެދިން އެކުވެރިންގެ މަތިން އޭނަ ފަހަރެއްގައިވެސް ހަދާންނައްތާ ނުލާނެއެވެ. އޭނަ އެތަނުގެ ވެރިޔާގެ އިތުރުން ސީއީއޯއެއްގެ ގޮތުގައި ހުރެ އެރޭ މުވައްޒަފުންނާއި ބައްދަލުކުރިއެވެ. އެންމެނަށްވެސް އެންގީ އަމްރާންގެ ޕާޓީ ޕްރޮމޯޓްކުރަން ކުރެވުނު ހާ މަސައްކަތެއްކުރުމަށެވެ. ލުކުމާން އެ ބައްދަލުވުމުގައި އިނީ ފޯނު ސައިލެންޓަށް ލައިގެންނެވެ. ނަމަވެސް ސަވާނާ ތަކުރާރުކޮށް ގުޅިކަން އެނގުނެވެ. އެހާ ބޮޑަށް އަޅައެއްނުލިއެވެ. ކިރިޔާ ވައިކޮޅެއް ޖެހިލާއިރަށް މޮޔަ އަންހެންކުދިން ގަންނަނީ އަމަށަކު ބިރެއްނޫނެވެ.

މީޓިން ނިންމާލާފައި އޭނަ ކައިދަންއާއިއެކު އެޕާޓްމެންޓަށްގޮސް ކޮފީ ބޯންއިނެވެ.

ފުރަތަމަ ފަހަރަށް އެރޭ ކައިދަން އޭނަގެ އާއިލާގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ހިއްސާކުރިއެވެ. އޭނަގެ އެއްބަނޑު އެހެން ބޭބެއެއް ހުންނަކަމާއި އޭނަގެ ނަމަކީ އަމްރާނު ކަމުގައި ބުނެލިއެވެ. އަދި މާކަސްއަކީ ހަގީގަތުގައި އެއްބަފާކޮއްކޮ ކަމަށާއި މަންމަ ކަމުގައި ދެކެމުން އަޔަސް އެއީ ހަގީގަތުގައި ދޮންމަންމަކަމުގައި ބުނެލިއެވެ. އެމީހުންގެ ބައިލޮޖިކަލް މަންމަދެކެ ނަފްރަތުކުރާކަމަށާއި މިހާރު މަންމައަށް އެކުދިން ފެނިގެން ފަހަތުން އުޅޭކަމުގައި ބުނެލިއިރު އޭގެ ސަބަބަކީ ކޮބާބާވައޭ ހިތަށް އެރިއެވެ.

"ހަގީގަތުގައި ބައްޕަގެ ޓްރޫ ލަވް އާއި ކައިވެނިކުރުމުގެ ނަސީބެއް ބައްޕައަކަށްވެސް ނުލިބުނު. ބައްޕައަށް ފައިސާއާއި އިއްޒަތާއި މީހުންގެ ލޯބި ލިބުމަށްފަހު އަދިވެސް މަދުވެފައިވާ އެއްޗަކީ ލޯބި. އެހެންވެ އަހަރެން އަންހެނުންނަށް އިތުބާރެއް ނުކުރަން. ސްޕެޝަލީ ދޮންބެ އަމްރާން. ހީ ހޭޓްސް ގާލްސް. ދޮންބެއަށް ވެވޭނެނަމަ އަންހެންކުދިން ނޫޅޭ ޕްލެނެޓަކަށް ހިޖުރަވެސް ކުރާނެ......."

ލުކުމާން އިނީ މަޖާވެފައެވެ. އަންހެންކުދިންދެކެ އެހާ ނަފްރަތުކުރިޔަސް އަމްރާންގެ ރީތި ސިފަތަކުން އެންމެންވެސް އޭނަދެކެ ލޯބިވާނެކަމާއިމެދު ޝައްކެއްނެތެވެ.

ބޯވާރޭގެ ތެރޭގައި ގެއަށް ދާން ވެގެން ކައިދަންގެ ކާރުގައި ދެމީހުން ނައްޓައިލިއިރު އެގާރަޖަހަން ކައިރިވެއްޖެއެވެ. އެންމެންވެސް ބަލަނީ ވީހާވެސް އަވަހަށް އެމީހެއްގެ މަންޒިލަށް ފޯރާތޯއެވެ. ލުކުމާން ވާރޭވެހި ވެހިއޮތްވާ ދޮރު ހުޅުވާލާފައި ނިކުންނަން އުޅުމުން ކައިދަން ހަޅޭއްލެވިއެވެ. ކުޑައެއް ހިފައިގެން އަންނަން ސަވާނާއަށް ގުޅާން އެންގިއެވެ. އެއަޑެއް ނާހާ ލުކުމާން ވާރެއާއި ތެމިގެންގޮސް ދޮރު ހުޅުވައިލިއެވެ.

ސަވާނާއަށް ލޯބިވާ ފިރިމީހާ ދޮރުމަތީގައި ހުރިތަން ފެނުމުން ބަލައިލެވުނީ މޮޅިވެރިގޮތަކަށެވެ. ލުކުމާން ތެމިގެން ހުރިއިރު އެމޫނުމަތި ފެންނަލެއް ހާދަ ރީއްޗެވެ. ހުދު ޖަވާހިރުތައް ފެނަށްވެގެން ތިރިއަށް ދެމިގެންދާފަދައެވެ. އޮމާންކަމާއި ޓޭންކަން އެއްވެގެން ހިތްތައް ހަލާކުކުރުވާވަރުވެއެވެ. ލުކުމާންއަށްވެސް ސަވާނާ އިނީ އެކަނި ނޫންކަމާއި އޭނަގެ އެކަނިވެރިކަން ފިލުވަދޭން ޑޮކްޓަރަކު އެބައިންކަން އެނގި ހުއްޓުން އަރާގޮތްވިއެވެ.

"ވަޓް އެ ސަޕްރައިޒް ޑޮކްޓަރ އިޒިކް....." ލުކުމާން ހީލާފައި ގޮސް ސަލާމްކޮށްލިއެވެ.

"ސަޕްރައިޒެއް އެކަމަކު ބޭޑް ނިއުސްއަކާއިގެން އާދެވުނީ..." އިޒިކް ލުކުމާންގެ ފިނިއަތުގައި ހިފާ ބާރުކޮށްލައިފިއެވެ.

"އަހަންނަށްތަ؟ އަނެއްކާ ތިދެމީހުން މަށަށް ސިއްރުން އެފެއާއެއް ހިންގަނީތަ..." ލުކުމާން ސަމާސާއަކަށް ބުނެލުމުންވެސް ސަވާނާގެ ހިތަށް އުދަގޫވިއެވެ. ލޯބިވާ ފިރިމީހާ އެހެން ފިރިހެނަކާއި އަޅުވާކިޔުމަކީ ކޮންފަދަ ކަމެއްހެއްޔެވެ؟ ކިތަންމެހާވެސް ހައިރާންވެ ހިތް ނުރުހިއްޖެއެވެ.

"ލޫކް ކޮންކަހަލަ ވާހަކައެއް ތިދައްކަނީ. ޑޮކްޓަރ އިޒިކްއަކީ މަންމަގެވެސް ޑޮކްޓަރ. މަމް އިޒް ނޯ މޯ އެހެންވެ އެވާހަކަ ބުނަންވެގެން ދުރުވީ...." ސަވާނާ ހިންދިރުވައިލިއެވެ. އެސްފިޔަތައް ތިރިކޮށްލިއެވެ. ކިރިޔާ ނުރޮވިއިން ކަމެވެ. ހުރިހާވެސް ބާރެއްކުރީ އަމިއްލަ ތުންފަތަށެވެ. ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިވަރުން ލޭ އޮހިގެންފާނެހާ ރަތްކުލަ ގަދަވިއެވެ.

"އޯ.....އައިމް ސޮރީ. ކޮންއިރަކުތަ؟ ޑޮކްޓަރ އިޒިކް ހާ ނޯބަލް ރެސްޕޯންސިބަލް މީހެއް ހުރެދާނެއެކޭ މަށެއް ނުބުނާނަން. މިއޮތް ވިއްސާރައިރު މިގެއަށް އަމިއްލަ ދެފައިން ހިގާފައި އެ ޚަބަރުދޭން އައީތީ ހަމަ ވަރަށް ބޮޑަށް ޝުކުރުވެރިވަން. ސަވާނާ ދެން ތިހެން އިނީޔޯ. ކޮފީއެއް އެއްޗެއް ދީފިންތަ؟ " ލުކުމާންގެ އަޑުގައި ހުރީ މަލާމާތެވެ. އިޒިކްއަށްވެސް އެއްޗެއް ވިސްނުނެނެވެ.

"ކީކޭ ކިޔަން ތިއުޅެނީ......." އިޒިކް ތެދުވެގެން ގޮސް ލުކުމާންގެ ކުރިމަތީގައި ހުއްޓުނެވެ.

"ސަވާނާގެ ބައްޕައާއި އާއިލާ އެހެންމީހުން ދުނިޔޭގައި ތިބިއިރު އިޒިކް ކޮންމެހެން ނުޖެހޭ މިގެއަށް އައިސް އަހަރެންގެ އަންހެނުންނާއި ބައްދަލުކުރާކަށް. ޖެހޭތަ މިގެއަށް ވަންނަން. މިއީ އަހަރެންގެ ގެ. އަހަރެންގެ އަމިއްލަ ތަނެއް. ހުއްދަ ނުހޯދާ ނުޖެހެއެއްނު އަދި ވަންނާކަށް. ޝީއިޒް މައި ވައިފް. ރޭގަނޑު ދަންވަރު މަގޭ ވައިފް ކައިރިއަށް ވަދެ މިތާ ހޭދަކުރީ ކިތައްގަޑިކަމެއްވެސް އަހަންނަކަށް ނޭގޭ ކިހާ ރީތި."

"އަހަރެންގެ ޒިންމާއެއްކަމަށް އަހަރެން ދެކުނީ."

"މީހަކަށް ޒިންމާ ވެވޭނީ ތިހާވަރަށް..." ލުކުމާން ބުމަ ކައިރިކޮށްލިއެވެ.

"ޕްލީޒް ދެން ހުއްޓާލާ. އަރައިރުންވުމުގެ މާނައެއްނެތް. ލޫކް ޑޮކްޓަރ އިޒިކް މިގެއަށް ދުރުވީ ހަމައެކަނި މަންމަގެ ވާހަކަދައްކާލަންވެގެން. އެހެން އެއްވެސް ކަމެއް މިތާކު ނުހިގާ. ދެންވެސް އެރެންޖް ކޮށްދީފާނަންތަ މަންމަގެ ފިއުނެރަލްއަށްދާން. ބޭނުން ދާން. ހަމަ މިވަގުތު ޓިކެޓް ގަނެގެން ފުރަން ބޭނުމީ....ޕްލީޒް......."

"ސަވާނާ. އައިމް ސޮރީ. ނަބީލާއްތަ މަންމައަށް ވަސިއްޔަތްކޮށްފައި އޮތީ މަރުވިހާ އަވަހަށް ވަޅުލާން. އެހެންނޫނަސް އެހާގިނައިރު ބޭއްވޭގޮތަކަށް ނޫންއޮތީ. އެނގެއެއްނު އެހާ ބޮޑަށް ޗިސްވެފައި އޮތީމަ މޫނު ދެއްކުމުގެ މާނައެއްނެތްކަން.....މިހާރު ހަމަ ވަޅުލުމުގެ ކަންތައްކުރިއަށް ގެންދަނީ...ސޮރީ. އެނގޭ ދެރަވާނެވަރު.......ވަރަށް އެހެންކަހަލަ ކޭސްއެއް މިއީ..........." އިޒިކް ދެން ބަލައިލީ ލުކުމާނަށެވެ.

"ރަގަޅަށް ސަވާނާ ބަލައްޗޭ...."

"މަގޭ އަންހެނުން ތަޅާ މަރާ އަނިޔާކުރިޔަސް ތިބޭފުޅާ އެކަމާއި ވިސްނާ ބޯ ގާނާނެ ކަމެއްނެތް......" ލުކުމާން ދޮރު ހުޅުވާލާފައި އިޒިކް ނުކުންނަން ތަންދެއްކުމުން ސަވާނާ ހުރީ ލަދުގެންފައެވެ. ލުކުމާންގެ "ރޫޑް"ކަން އޭނައަށް ފެނުނީ އަލަށެވެ. ނުފެންނަ ކިތައް ސިފަތައް ހުރެދާނެހެއްޔެވެ؟ ސަވާނާ ކުޝަން އެއްލާލާފައި ލުކުމާންގެ އަތުގައި ހިފައިލިއެވެ. އަމިއްލަ ހުރިހާކަމެއް ހަދާން ނައްތާލުމަށްފަހު އެދުނީ ހިކިލައިގެން އައުމަށެވެ. އޭނަ ކޮފީ ހަދާނެކަމުގައެވެ. ދެން ހަދާންވީ ކޮފީދަޅުވެސް ހުސްވެފައިވާކަމުގައެވެ. އެހެން މީހަކަށް ގުޅާ ހިތް ނުވިޔަސް އޭނަ އިޒިކްއަށް ގުޅިއެވެ. ގޭގައި އެއްވެސް އެއްޗެއް ނެތްކަމަށާއި މަންމަ ނެތުމުން އޭނަވެސް ކާ އެއްޗެހި ގަންނަން ހަދާން ނެތިފައި ހުރިކަމަށް ބުނެލީ މާފަށް އެދެމުންނެވެ. ފަހު ދަރަންޏަކަށް އޭނަ އެދުނެވެ. އިޒިކް ބުނީ ރޭގަނޑުގެ ކެއުން ގެނެސްދޭނެކަމުގައެވެ.

ސަވާނާ ހުރީ ކަންބޮޑުވެފައެވެ. އިޒިކްގެ އެހީއެއް އޭނަ ހޯދިކަން އެނގުނަސް ލުކުމާން މައްސަލަ ޖައްސާނެއެވެ. ނަމަވެސް އޭނަ މިހުރީ ލުކުމާން ކައިރީގައި ކާއެއްޗެހި ނެތް ވާހަކަ ބުނަން ނުކެރިފައެވެ. ލުކުމާންއަށް ލިބޭނަމަ ގެނެސްދޭނެ ނޫންހެއްޔެވެ؟ އޭނަ މުސާރަ ނަގާކަމެއް ނޭގެއެވެ. އަބަދު ދައްކަނީ ބައްޕަގެ ވިޔަފާރި ދަށްވެ އެކުންފުނި ބަގުރޫޓުވާހަކައެވެ. ހިލޭ ފިރިހެނެއްގެ ކައިރީ ކާނެ އެއްޗެއް ގެނެސްދޭން ބުނެފައި ސަވާނާ ހިތްހަމަޖައްސައިލިއެވެ. ހަގީގަތަކީ އިޒިކްގެ މަންމަ އޭނަގެ މަންމަގެ އެކުވެރިއެއްކަމެވެ. އަރުޖަމަންދު ހުރިނަމަ އޭނަ ނުކައި ނުބޮއިއުޅޭކަށް ނުޖެހޭނެއެވެ.

ސަވާނާ ސިޓިން ރޫމްގައި އިންތިޒާރުގައި އިންއިރު ހިތް ތެޅޭވަރު ބޭރަށް އިވޭހެން ހީވިއެވެ.

"އިޒިކްވެސް ހަދާން ނެތުނީކަން ނޭގޭ. އަހަރެންވެސް ކިހާ މޮޔަ. އިޒިކް ކައިރީ މިގޭގައި ކާން އެއްވެސް އެއްޗެއްނެތޭ ކިޔާފައި އާދޭސްކުރެވުނީމަ ހައިރާންވެއްޖެ. ބަނޑަށް މަރުވިޔަސް މީހުންނަށް އާދޭސްކުރާނެ ގޮތެއް ނުހުރޭ. ހޫމް ހަދާންވެއްޖެ. އަހަންނަށްޓަކައެއްނޫން. ލޫކްއަށް ކޮފީއެއް ދޭންވެގެން. ކޮފީނެތީމަ. ލޫކްއަށްޓަކާ އަހަރެން އިޒިކްއަށްވެސް އާދޭސްކުރަންޖެހުނީ...ބައްޕަވެސް ދެން ފައިސާ ނުދީ ހަމަ ކުއްލިއަކަށް ބިޒިނަސް ދަތުރެއްގައި އެފުރީ.ލޫކް ހުންނާނެ ނޫންހެއްޔޭ ކިޔާފައި. ލޫކްވެސް އަހާނުލާ ކައިގެން ހެއްޔޭ ތިހިރީ. ކިހާ ދެރަ. ލޫކް ކީއްވެ ތިހެން ހަދަނީ. ހާދަ ދެރަވެޔޭ......." ސަވާނާ ސޯފާގައި އޮށޯވެލާފައި އަނެއްކާ ތެދުވެލާނެއެވެ. ހިނގާލަފާނެއެވެ. އަނެއްކާ އޮށޯވެލާނެއެވެ.

މާގިނަ އިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ބެލްއެޅިއިރަށް ފުންމައިގެންގޮސް ދޮރު ހުޅުވައިލިއިރު ނުދަންނަ މީހެކެވެ. ނޭޕާލު މީހަކާއި ވައްތަރެވެ. އެމީހާ އައީ ދެތިން ކޮތަޅު ހިފައިގެންނެވެ. ބަރުކަމުން ހުރިހާ ކޮތަޅުތަކެއް އެކީ އުފުލައިނުލެވިގެން ދެކޮތަޅު ބިންމަތީގައި ބެހެއްޓިއެވެ. އެމީހާ ނުކުތުމުން ހަމަޖެހުމުގެ ނޭވާއެއްލާފައި އެނބުރުނު އިރު ލުކުމާންގެ ގައިގާ އަޅައިނުގަތީ ހަމަކިރިޔާއެވެ.

"ހޫ ދަ ހެލްއިޒް ދެޓް ސަވާނާ...." ލުކުމާން މަޑުމައިތިރިކަމާއިއެކު އަހައިލިނަމަވެސް ހަރުކަށިކަމެއްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް