Sun Online
19 ޑިސެމްބަރ 2017: ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރި ނަމާދު-- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް
19 ޑިސެމްބަރ 2017: ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބޮޑު ޖަމާއަތުގައި ކުރި ނަމާދު-- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް

އަހަރެން ފިކުރާވި އިސްލާމްދީން: ނަބީކަމައިގެން ފޮނުއްވަނީ އިންސާނުންނެވެ.

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ތަރުޖަމާ: އަބްދުﷲ ފާރޫޤު ޙަސަން

އިންސާނުންނަށް ޙަޤީގަތް ބަޔާންކޮށްދެއްވައި އިންސާނުންގެ ކިބައިގައި ރީތި އަޚްލާޤާއި ލަދުވެތިކަން އަށަގަންނަވައިދެއްވައި ޢިލްމު އުނގަންނައިދެއްވަން ފޮނުއްވީ އިންސާނުންނެވެ. އެބޭކަލުން އެޙިކުމަތްތެރި މަތިވެރި މާތް ތައުލީމު އިންސާނުންނަށްދެއްވީ ނުހަނު ސާދާކޮށެވެ.

ނަމަވެސް އެވެނި މީހަކީ ކަލާނގެ އައުތާރެކެވެ. މިވެނިމީހަކީ ކަލާނގެ ރަސްކަންފުޅުގެ ބައެކެވެ. އެކަލޭނގެފާނަކީ ކަލާނގެ ދަރިކަލެކެވެ. މިފަދަ އަސްލެއްނެތް ދަޢުވާތަކާއިގެން ތެދުވެ ހިންދެމިލި ދީންތައްވެސް ވަނީ އިންސާނުންކުރެ ބަޔަކު ޤަބޫލު ކޮށްފައެވެ. އެގޮތަށް ހިނގަންމަސައްކަތްކޮށްފައެވެ.

އެކަމަކު އިސްލާމްދީނާމެދު އަޅުގަނޑު ވިސްނައިލާއިރު (އިސްލާމްދީން އެފަދަ ދީންތަކާ ތަފާތެވެ.) މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ ކަލެއްކަމަށް އެދީން ނުބުނެއެވެ. އެމާތް ސާހިބާއަކީ ކަލާނގެ ދަރިކަލެއްކަމަށެއްވެސް ދަޢުވާ އެއް ނުކުރެއެވެ. އަދި ކަލާނގެ އައުތާރެއް ކަމަކަށެއްވެސް ބަޔާނެއް ނުކުރެއެވެ.

(އިސްލާމްދީން ބުނާގޮތުގައި) އެދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ސީދާސީދާ އިންސާނެކެވެ. ނަމަވެސް ތެދުވެރި މާތް، ހެޔޮލަފާ އިންސާނެކެވެ. މަތިވެރި ޚުލުގުފުޅެއްގެ ވެރި އިންސާނެކެވެ. ކީރިތިޤުރްއާނުގައި އިޢުލާންކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ އާދަމުގެ ދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަޙީއިއްވަވަނީ ތިޔަބައިމީހުންގެ އިލާހަކީ އެއްއިލާހެއްކަމުގައެވެ." (އަލްކަހުފް:110)

މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދޫފުޅުން ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި އަންނަނިވި މޭރުމުންވަނީ އިއުލާންކުރައްވައިފައެވެ.

  • އާދަތައްފޫވައްޓައިލާ ޒާތުގެ އަޖައިބު އެއްވެސް ކަމެއް ލިބިވަޑައިގެންފައިވާ ކަމަށް ތިމަންކަލޭގެފާނު ދަޢުވާއެއް ނުކުރައްވަމެވެ.
  • ތިމަންކަލޭގެފާނު ޣައިބުގައިވާ ކަންކަން ދެނެވަޑައެއް ނުގަންނަވަމެވެ.
  • ތިމަންކަލޭގެފާނަކީ އިންސާނެކެވެ. ތިޔަބައިމީހުންވެސް ފަދަ އިންސާނެކެވެ.

މިދެންނެވި ސީދާސާދާ ހަޤީޤަތްތައް ހާމަކުރައްވަމުން ތެދުވެވަޑައިގެން އެއްވެސް ފަރާތަކުން ދީނެއްފެތުރުއްވި ކަމުގައިވާނަމަ އެފަރާތަކީ ހަމައެކަނި އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

ކީރިތި ޤުރުއާނުގައި އަދިވެސް ސަރީހު ބަސްފުޅުން ވަޙީކުރައްވައިފައިވެއެވެ.

"ހަމަކަށަވަރުން މަރުވެފައިތިބޭ މީހުންނަށް ކަލޭގެފާނަކަށް އަޑެއް ނީއްވެވޭނެތެއެވެ. އަދި ބީރު މީހުންނަށް، އެއުރެން ފުރަގަސްދީ ދާހިނދު، ކަލޭގެފާނު ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެއެވެ. އަދި ކަނުމީހުންނަށް (އެބަހީ:މަގުފުރެދެމުން ކަނުވެފައިވާ މީހުންނަށް) އެއުރެންގެ މަގުފުރެދުމުން އެއްކިބާ ކުރައްވައި (ތެދުމަގު ދައްކަވާ) ހާދީ އަކު ކަމުގައި ކަލޭގެފާނު ނުވަމުއެވެ. ތިމަން ކަލާނގެ އާޔަތްތަކަށް އީމާންވާ ބަޔަކަށް މެނުވީ ކަލޭގެފާނަކަށް ނީއްވެވޭނެއެވެ." (އައްނަމްލު:80،81)

ބަޔާންވެފައިވާ ބަސްފުޅުތަކުން އެނގެނީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާދަތައް ފޫވައްޓައިލައިފަނިވި އަޖާއިބުތަކަށް އެދިވަޑައިނުގަންނަވާކަމެވެ. އެމާތްސާހިބާއަކީ މާތްﷲ ގެ ޒާތުފުޅުގެ ބައެއް ކަމުގައިވެސް ދައުވާ ނުކުރައްވާ ކަމެވެ. އެމާތް ސާހިބާއަކީ އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި އިންސާނެއްކަމެވެ. އެހެންވެސް އާދަމުގެ ދަރީން ފަދަ އާދަމުގެ ދަރިއެއްކަމެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އިންސާނީވަންތަކަމުގެ ބަޔާން މިހައި ތަނަކުންވެސް ނުނިމެއެވެ. އާދެ، ކީރިތި ޤުރުއާނުގައި ޞަރީޙު ބަސްފުޅުން އަންގަވަނީ ޚުދު އެމާތް ނަބިއްޔާވެސް ތެދުމަގުން އެއްފަރާތް ވެވަޑައިގެންފިނަމަ އެއްވެސް ބާރަކަށް އެމާތްނަބިއްޔާވެސް މާތްﷲގެ ކޯފާއިން ރައްކާތެރި ކޮށްނުދެވޭނެކަމުގައެވެ. ވަޙީކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ.

"އަދި ހަމަކަށަވަރުންވެސް ކަލޭގެފާނުގެ އަރިހަށް އިލްމުގެތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، ﷲގެ ޙަޟުރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަސްރުދޭނެ މީހަކު ވެސް ނުވާނެތެއެވެ. (އަލްބަޤަރާ:120)

އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

" އަދި ކަލޭގެފާނުގެ އަރިހަށް އިލްމުގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، ހަމަކަށަވަރުން ކަލޭގެފާނު ވެވަޑައިގަންނަވާހުށީ އަނިޔާވެރީންގެ ތެރެއިންކަން ކަށަވަރެވެ." (އަލްބަޤަރާ: 145)

އިސްވެދިޔަ އާޔަތްތައް ކިޔެވުމުން އަޅުގަނޑުގެ ހިތް ތުރުތުރުއެޅިއެވެ. އިންސާނިއްޔަތަށް އެންމެރީތި އެންމެ ފުރިހަމަ ނަމޫނާ އެއްގެ ގޮތުން ފޮނުއްވި ސާހިބާ މާތްﷲ ރުހިވޮޑިގަންނަވާމަގު ދޫކޮށްލައްވައި އަމިއްލަފުޅު ނަފުސާ ތަބާވެ ވަޑައިގެންނެވުމަކީ މުސްތަޙީލުކަމެކެވެ. އެހެންކަމާއެކު ވެސް އަރަހުށިމާތްﷲ އެމާތްސާހިބާއަށްވެސް މިވަނީ ތަންބީހުގެ އެންގެވުންތަކެއް އަންގަވައިފައެވެ. އެމާތް ސާހިބާ އަރަހުށިމާތްﷲގެ ވަޙީބަސްފުޅު ވަންހަނާ އެއްވެސް ނުކުރައްވައެވެ. ދާއިމަށް ކިޔެވެމުންދާނެ ގޮތަށް އުންމަތަށް މިވަނީ އެބަސްފުޅުތައް ރައްދުކޮށްދެއްވައިފައެވެ. އާދެ، ނަބީބޭކަލަކުވެސް ކުށެއް ކުރައްވައިފިނަމަ މާތްﷲގެ ހިއްޕަވައިގެންނެވުމުން އެބޭކަލަކު ސަލާމަތްކޮށްދޭނެ ރަހްމަތްތެރިޔަކު ނުވާނެކަމަށް އެންގެވި އެންގެވުންވެސް އެތެދުވެރި ނަބިއްޔާވަނީ ވަންހަނާކުރެއްވުމެއްނެތި އުއްމަތަށް ބަޔާންކޮށްދެއްވައިފައެވެ. (ޝައްކެތްނެތް ގޮތުގައި މިއީ އެމާތްސާހިބާގެ ތެދުވެރިކަމުގެ ވަރުގަދަ ދަލީލެކެވެ.)

އެއްވެސް ބޭކަލަކު ގެންނެވި ދީނީފޮތަކުން އެބޭކަލަކަށް އަންގަވައިފައިވާ މިފަދަ ތަންބީހުގެ ބަސްފުޅެއްގެ ނަމޫނާއެއް ދެއްކިދާނެތޯއެވެ؟ އަޅުގަނޑު ދަންނަވާނަމެވެ. ނޫނެކެވެ. ކަނޑައެޅިގެން ނޫނެކެވެ.

"އަހުރެންނަކީވެސް އިންސާނަކީމެވެ. ތިޔަބައިމީހުންވެސްފަދަ އިންސާނަކީމެވެ. އަހަރެންވެސް ކުށެއް ކޮށްފިނަމަ ﷲގެ ޙަރަތުން އެކަމުގެ އަދަބުލިބޭނެއެވެ." މިފަދަ ސަރީޙު ބަޔާންކޮށްދެއްވުމަކާއެކު ދީނެއްހުށަހެޅުއްވި ހަމައެކަނި ފަރާތަކީ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. މިފަދަ ނަބީބޭކަލެއްގެ މިސާލެއް ހުށަހަޅައިލެވޭނެ ހަމައެކަނި ދީނަކީ އިސްލާމްދީނެވެ.

ދީންތަކުގެ ތާރީޚުން އަޅުގަނޑުމެންނަށް ދެވަނަ މިސާލެއް ނުފެންނަ ޙައިރާންކުރުވަނިވި އެހެން ޙަޤީޤަތެއްވެސް އެބައޮތެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ ދުނިޔޭގައި ހުންނެވިއިރުވެސް އެމާތް ސާހިބާއާމެދު ބެލެވުނީ އިންސާނެއްކަމުގައެވެ. ސުވަރުގެ ވަޑައިގެންނެވުމަށްފަހު މިއަދާހަމަޔަށްވެސް މިކަންއޮތީ މިގޮތަށެވެ. މާތްﷲގެ އިރާދަފުޅާއެކު ޤިޔާމަތާ ހަމަޔަށްވެސް މިކަންއޮންނާނީ މިގޮތަށެވެ.

ދީނީ ހުރިހާ ޒަޢީމުންވެސް ދުނިޔެއަށް ވަޑައިގެންނެވީ އިންސާނީ ޙައިޘިއްޔަތުންނެވެ. ދުނިޔޭގެ ދިރިއުޅުއްވުން ނިންމައިލެއްވީވެސް އިންސާނުންގެ ހައިޘިއްޔަތުންނެވެ. މަސައްކަތްކުރައްވައިފައިވަނީ އިންސާނިއްޔަތުގެ ލާބައާއި މަންފާއަށްޓަކައެވެ. އިސްލާހަށްޓަކައެވެ. އެއަށްފަހު ދުނިޔެއިން ވަކިވެ ވަޑައިގެންނެވީއެވެ. އެހައިތަނުން އޭގެތެރެއިން ބައެއް ބޭކަލުންނަށް ކަލާނގެވަންތަ ކަމުގެ މަޤާމު އެރުވިދެއެވެ.

މިސާލެއްގެ ގޮތުން ( ޢީސާ ޢަލައިހިއްސަލާމާމެދު ވިސްނައިލަމާ ހިންގަވާށެވެ. އެކަލޭގެފާނު މިދުނިޔެއާ ވަކިވެވަޑައިގެންނެވިތާ މާގިނަ ޒަމާންތަކެއް ފާއިތުވެ ނުދަނީސް އެކަލޭގެފާނަކީ ކަލެއްކަމުގައި ހަދައިލެވިއްޖެއެވެ. ކަލާނގެ ދަރިކަލެއްކަމުގައި ބަލައިގަނެވިއްޖެއެވެ. އެކަންކުރީ ކޮންބައެއްތޯއެވެ. ހަމަކަލޭގެފާނަށް ތަބާވާ މީހުންނެވެ.) ދެވަނަ މިސާލެއްގެ ގޮތުން ގޯތަމްބުދު ނަގަމާހިންގަވާށެވެ. ބުދުވެސް ދުނިޔޭގައި އުޅުއްވީ އިންސާނެއްގެ ގޮތުގައެވެ. ކުރެއްވީ ރަނގަޅު ކަންތަކެވެ. ގޮވައިލެއްވީމާ ހެޔޮކަންކަމަށެވެ. ނަމަވެސް އަވަހާރަވުމާއެކު ކަލެއްގެ މަޤާމަށް އުފުލައިލެވިއްޖެއެވެ. އެކަމަކު އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަކީ ކަލެއްކަމަށް އިސްލާމްދީނުގައި ދުވަހަކުވެސް ބަލައިފައެއްނުވެއެވެ. އެމާތްސާހިބާއަކީ އިހުއްސުރެ މިއަދާހަމަޔަށްވެސް އިންސާނެކެވެ. އިންސާނިއްޔަތަށްޓަކައި އެންމެރީތި ނަމޫނާއެވެ. އިންސާނެއްގެ ޙައިޘިއްޔަތުން ވެސް ނަބީބޭކަލެއްގެ ޙައިޘިއްޔަތުންވެސްމެއެވެ. ވޭތުވެދިޔަ ސާދަސަތޭކަ އަހަރުގެ ތެރޭގައި އެމާތްސާހިބާއަށް މަދަހައާއި ތާރީފު ދެންނެވުނީ އެޙައިޘިއްޔަތުންނެވެ. އެމާތް ސާހިބާއަށް ދުވަހަކުވެސް އިލާހުވަންތަކަމުގެ ދަރަޖަ އެރުވިފައެއްނުވެއެވެ.

infinity loading...
×
DB released 01.