ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިން ސަމާލުވުމަށް އެގައުމުން ގޮވާލައިފި

ޗައިނާގެ ފަތުރުވެރިންތަކެއް ރާއްޖޭގައި-- ސަން ފައިލް ފޮޓޯ

ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިން ސަމާލުވުމަށް އެގައުމުން ގޮވައިލައިފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެެ އެމްބަސީއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ބޮޑު މުޒާހަރާއެއް ބޭއްވި ކަމަށާއި، އެހެންކަމުން ރާއްޖޭގައި ޗައިނާ ފަތުރުރުވެރިން ހޭދަ ކުރާ ދުވަސް ވަރު ސަމާލުވެ ތިބުމަށެވެ.

ރާއްޖޭގައި ހޭދަކުރާ ދުވަސްވަރު މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަށާއި އަދި އިމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ރާއްޖޭގެ ފުލުހުންނަށް ނުވަތަ ޗައިނާގެ އެމްބަސީއަށް ގުޅުމަށް ވެސް ވަނީ ގޮވައިލައިފައެވެ.

ޗައިނާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީއާ ހިލާފުވެ، މީހުން އެއްވާ ތަންތަނަށް ގޮސް އުޅޭނަމަ ސަލާމަތަށް ނުރައްކާތެރި ވެދާނެ ކަމަށާއި އަދި އެފަދަ ހާލަތްތަކުގައި އެހީތެރިކަން ހޯދުމަށް ދަތިވެދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ.

comment ކޮމެންޓް