ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޔާމީން ފޮނުއްވައިފި

ލަންކާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޔާމީން ވަނީ ފޮނުއްވާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްރިލަންކާގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ފޮނުއްވި މެސެޖުގައި ރާއްޖެ އާއި ލަންކާ އާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިމަގުގައި ވެސް ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށާއި އިގްތިސާދީ ތަރައްގީގެ ބައިވެރިންގެ ގޮތުގައި ދެ ގައުމު އެކުގައި ސަރަޙައްދުގެ އަމާންކަން ދެމެހެއްޓުމާ އެކު ސުލްޙައަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ދެ ގައުމުގެ ދެމެދުގެ ގާތް ގުޅުން ތާރީހާއި ދެ ގައުމުން ގަބޫލު ކުރާ އުސޫލުތަކާއި ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރުގެ މައްޗަށް ކަމަށް ވެސް އެމަނިކުފާނުގެ މެސެޖުގައިވެ އެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ސަގާފީ ގޮތުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަމަށާއި ދަތި، އުނދަގޫ ހާލަތްތަކުގައި އުފާވެރި ވަގުތުގައި ވެސް ގާތް އެކުވެރި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއާ ލަންކާ އަކީ އަބަދު ވެސް އެކުގައި ސާބިތުވެ ތިބޭ ދެ ގައުމު ކަމަށް ރައީސްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ސަރުކާރާއި ރައްޔިތުންގެ ނަމުގައި ލަންކާގެ ސަރުކާރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާގެ މެސެޖް ފޮނުވާ، އެ ގައުމުގެ ރައީސަށް އިތުރު ކާމިޔާބީ، ރައްޔިތުންނަށް އުފާވެރި ފާގަތި މުސްތަގްބަލަކަށް އެ މެސެޖުގައި ވަނީ ރައީސް އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް