އޭޝިއަން ޓީމު ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ބެޑްމިންޓަން ޓީމު މެލޭޝިއާއަށް

ގައުމީ ބެޑްމިންޓަން ޓީމު ބެޑްމިންޓަން އެސޯސިއޭޝަނުގެ ބައެއް ބޭފުޅުންނާއެކު --- ފޮޓޯ/ ބެޑްމިންޓަން އެސޯސިއޭޝަން

ބެޑްމިންޓަން އޭޝިއާ ޓީމު ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ގައުމީ އަންހެން އަދި ފިރިހެން ބެޑްމިންޓަން ޓީމު މެލޭޝިއާއަށް ފުރައިފިއެވެ.

މިމަހު ހަޔަކުން 11އަށް މެލޭޝިއާގެ އަލޯ ސެޓާގައި ކުރިއަށްދާ މުބާރާތަށް ދިޔަ ޓީމުގައި ހިމެނިފައިވަނީ އަށް ކުޅުންތެރިންނާއި ކޯޗު އަދި އަންހެން ޓީމުގެ މެނޭޖަރެވެ.

މުބާރާތުގައި ވާދަކުރާނެ ފިރިހެން ޓީމު:

  • ނިބާލް އަހުމަދު
  • ހަސަން އަފްޝީން ޝަހީމް
  • މުހައްމަދު އަރުސަލާން އަލީ
  • ހުސެއިން ޒަޔާން ޝާހިދު ޒަކީ

މުބާރާތުގައި ވާދަކުރާނެ އަންހެން ޓީމު:

  • ނަފްހާ ނަސްރުﷲ
  • އާމިނަތު ޝުހުރުނާޒު މޫސާ
  • ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު
  • އާމިނަތު ނަބީހާ އަބްދުލް ރައްޒާގު

ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އިންޑިއާގެ އަފްޒަލް ރަޝީދެވެ. އަންހެން ޓީމުގެ މެނޭޖަރެއްގެ ގޮތުން ޓީމާއެކު ފުރާފައިވަނީ ނީޒާ ޝަރީފެވެ.

މުބާރާތުގެ ބައިވެރިން އިއްޔެ ރާއްޖެއިން ފުރާފައިވާއިރު، ހުސެއިން ޒަޔާން ޝާހިދު ޒަކީ ޓީމާ ގުޅޭނީ މެލޭޝިއާއިންނެވެ. މުބާރާތުގައި ހަމައެކަނި ޓީމު އިވެންޓް ކުރިއަށްދާއިރު، އަންހެން ޓީމު ވާދަކުރާނީ ގްރޫޕް އެކްސްގައެވެ. ފިރިހެން ޓީމު ވާދަކުރާނީ ގްރޫޕް ޑީ ގައެވެ.

އަންހެން ޓީމުގައި ހިމެނެނީ ރާއްޖެއާއި ސައުތު ކޮރެޔާގެ އިތުރުން ޗައިނީސް ޓައިޕީއެވެ. ފިރިހެން ޓީމު ހިމެނޭ ގްރޫޕް ޑީ ގައި ހިމެނެނީ އިންޑޮނޭޝިއާ، އިންޑިއާގެ އިތުރުން ރާއްޖެއާއި ފިލިޕީންސެވެ.

ރާއްޖެއިންވަނީ 2016 ވަނަ އަހަރުގައިވެސް އެ މުބާރާތުގައި ބައިވެރިވެފައެވެ. އޭޝިއާގެ ބެޑްމިންޓަންގެ ގަދަ ބާރުތައް ކަމަށްވާ ޗައިނާ އަދި ޖަޕާން ފަދަ ގައުމުތަކުން ބައިވެރިވާ މި މުބާރާތުގައި ވާދަކުރުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށް ބެލެވެއެވެ.

މި މުބާރާތަކީ އޭޝިއަން ބެޑްމިންޓަން ކޮންފެޑަރޭޝަނުން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަކީ އޭޝިއަން ކޮންޓިނެންޓަލް ކޮލިފައިން ބުރުގައި ހިމެނޭ މުބާރާކެވެ.

comment ކޮމެންޓް