ޕްރޯ އީދު ފުޓްސަލް ކަޕު: މިފަހަރު މުޅި އަތޮޅަށް!

ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއިން މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން --- ފޮޓޯ/ ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސް

ގއ. މާމެންދޫ ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޯ އީދު ފުޓްސަލް ކަޕުގައި ބައިވެރިވުމަށް މުޅި އަތޮޅަށް ހުޅުވާލައިފި އެވެ.

ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސް އިން 'ސަން ސްޕޯޓްސް' އަށް މިއަދު ބުނީ، މިދިޔަ އަހަރު މުބާރާތް ބޭއްވީ ރަށަށް އެކަނި ކަމަށާއި ނަމަވެސް މި އަހަރުގެ މުބާރާތް ހުޅުވާލީ މުޅި އަތޮޅަށް ކަމަށެވެ. ބޮޑު އީދާ ދިމާކޮށް އަންނަ އޯގަސްޓް މަހުގެ 17 ވަނަ ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ބައިވެރިވުމުގެ ފަހު ތާރީހަކީ ޖުލައި މަހުގެ ނިޔަލަށް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ މާމެންދޫ ޔަންގު ސްޓާސް އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދީފައި ވަނީ 10،000 ރުފިޔާ އެވެ. އަދި ރަނަރަޕް ޓީމަށް ދީފައި ވަނީ 5،000 ރުފިޔާ އެވެ. މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައި ވަނީ މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހުފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ހަތް ޓީމު ބައިވެރިވެފައިވާ އިރު، މި އަހަރުގެ މުބާރާތަށް ފުރުސަތު ހުޅުވާލާފައި ވަނީ 12 ޓީމަށެވެ. ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއިން މައުލޫމާތު ދީފައި ވަނީ މުބާރާތުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ފޯމް ހުށައަޅާ، ރަޖިސްޓްރޭޝަން ފީ ކަމަށްވާ 3،500 ރުފިޔާ ދައްކާ ޓީމުތަކަށް ކަމަށެވެ.

ގއ. މާމެންދޫ ސޮސައިޓީ ފޯ މާމެންދޫ ސްޕޯޓްސްއަކީ އެ ރަށުގައި ގިނަ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންދާ ޖަމިއްޔާއެކެވެ.

comment ކޮމެންޓް