ކަރްނީ ސޭނާ އިން ހަތިޔާރު ބަހައްޓައިފި

ސަންޖޭ ލީލާ ބަންސާލީގެ 'ޕަދްމާވަތު' އާ ދެކޮޅަށް ކުރަމުން އައި ވަރުގަދަ މުޒާހަރާތައް ޝްރީ ރާޖްޕުތު ކަރްނީ ސޭނާ ގްރޫޕުން ހުއްޓާލައިފި އެވެ.

ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ލީޑު ރޯލުތަކުން ފެނިގެންދާ އެ ފިލްމާ ދެކޮޅަށް ކަރްނީ ސޭނާ އިން މުޒާހަރާ ކުރާތާ މިހާރު އަހަރެއްހާ ދުވަސް ވަނީ އެވެ.

ފިލްމުގައި ތާރީޚު އޮޅުވާލާފައިވާ ކަމަށް ބުނެ ފިލްމުގެ ޕްރޮޑަކްޝަން ހިސާބުން ފެށިގެން ވެސް ކަރްނީ ސޭނާ އިން ދިޔައީ ފިލްމު ފިލްމަށް ބޮޑެތި ފިއްތުން ތަކެއް ކުރިމަތިކުރުވަމުންނެވެ. ސެޓުގައި ރޯކޮށް، ބަންސާލީ އަށް ހަމަލާދީ އެ ގްރޫޕުން ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ފިލްމު ރިލީޒް ކުރުން ވެސް ވަނީ ފަސްކުރަން ޖެހިފަ އެވެ. މިދިޔަ ޑިސެމްބަރަށް ތާވަލު ކުރި 'ޕަދްމާވަތު' ރިލީޒް ކުރީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ބޮޑެތި ހަމަނުޖެހުންތަކަކަށް ފަހު، މިހާރު ކަރްނީ ސޭނާ އިން މިވަނީ ހަތިޔާރު ބަހައްޓައިފަ އެވެ. ފިލްމާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ހުއްޓާލަން ކަރްނީ ސޭނާ އިން ނިންމީ، ފިލްމު ބެލުމަށް ފަހު އެވެ.

ކަރްނީ ސޭނާގެ މުމްބާއީ ގޮފީގެ ލީޑަރު ޔޮގްނދުރަ ސިންގް ކަތަރު ބުނީ، ފިލްމުގައި ރާޖްޕުތުންގެ އަގު ވައްޓާލައިފައި ނުވާ ކަމަށާއި ފިލްމުން ދައްކުވައިދެނީ ރާޖްޕުތުންގެ ހިތްވަރާއި މާތްކަން ކަމަށެވެ.

އަދި ފިލްމު ބެލުމަށް ފަހު ރާޖްޕުތުން ފަޚުރުވެރިވާނެ ކަމަށާއި އަލާއުއްދީން ޚިލްޖީ އަދި ރާނީ ޕަދްމާވަތީ އެކުގައި އެއްވެސް މަންޒަރެއް ނެތުމުން، މައްސަލައެއް ނެތް ކަމަށެވެ.

"އެހެންކަމުން މުޒާހަރާތައް ހުއްޓާލައި، ރާޖަސްތާން، މަދްޔަ ޕްރަދޭޝް، ގުޖްރާތު އަދި އިންޑިއާގެ އެހެނިހެން ހިސާބުތަކުގައި އަމާންކަމާ އެކު ފިލްމު ރިލީޒް ކުރުމަށް އެހީތެރިވެދޭނަން." ކަރްނީ ސޭނާ އިން ބުންޏެވެ.

comment ކޮމެންޓް