ސައުދީން ޔަމަނަށް ދިން ހަމަލާތަކުގައި ތިން މަސް ތެރޭ 68 ކުޑަކުދިން މަރުވި: އދ.

ޔަމަނު ހަނގުރާމަ ފެށުނު ފަހުން 5،000 އަށް ވުރެ ގިނަ ކުޑަކުދިން މަރުވެފައިވޭ -- ފޮޓޯ: އޭއެފްޕީ

އދ. (ފެބްރުއަރީ 4): ސައުދީ އަރަބިއާ އިން މިދިޔަ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދޭތެރޭ ޔަމަނަށް ދިން ހަމަލާތަކުގައި 68 ކުޑަކުދިން މަރުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ އޮފީސް އޮން ޗިލްޑްރެން އެންޑް އާމްޑް ކޮންފްލިކްޓުން އދ.ގެ ސަލާމަތީ މަޖިލީހަށް ފޮނުވި ސިއްރު ރިޕޯޓެއްގައިވާ ގޮތުން ސައުދީ އަރަބިއާ އިން ވަނީ އެމުއްދަތުގައި ކޮންމެ ދުވަހަކު މަދުވެގެން 20 ހަމަލާ ދީފައި އެވެ. އަދި ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވުމުގެ އިތުރުން 36 ކުއްޖަކު ޒަހަމްވި އެވެ.

މީގެ އިތުރުން އދ.ގެ ރިޕޯޓުގައިވާ ގޮތުން ހަމަ އެ މުއްދަތުގައި ހޫޘީން ދިން ހަމަލާތަކުގައި ޔަމަނުގެ 18 ކުޑަކުދިން މަރުވެ، 29 ކުޑަކުދިންނަށް އަނިޔާވެފައިވެ އެވެ. އަދި ފަހަކަށް އައިސް ހޫޘީންނާއި ޔަމަނުގެ އަސްކަރިއްޔާ އިން ހަނގުރާމައިގައި ކުޑަކުދިން ބައިވެރިކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ވެސް އެރިޕޯޓުގައިވެ އެވެ.

އދ.ގެ ކުޑަކުދިންނަށް އެހީ ފޯރުކޮށްދޭ ޖަމްއިއްޔާ ޔުނިސެފުން ބުނި ގޮތުގައި 2015 ވަނަ އަހަރު ސައުދީ އަރަބިއާ އިން ޔަމަނުގެ ހަނގުރާމާގައި ބައިވެރިވި ފަހުން އެ ގައުމު އިސްވެ އޮންނަ ކޯލިޝަނުން ދިން ހަމަލާތަކުގައި 5،000 އަށް ވުރެ ގިނަ ކުޑަކުދިން ވަނީ މަރުވެފައި އެވެ. އަދި 11 މިލިއަން ކުޑަކުދިންނަށް އިންސާނީ އެހީ ބޭނުންވެފައިވާ ކަމަށާއި ކާނާ ނުލިބުމުގެ ސަބަބުން ދެ މިލިއަން ކުޑަކުދިން ވަނީ މަލްނަރިޝްވެފައި ކަމަށް އެޖަމްއިއްޔާއިން ބުންޏެވެ. (އަލްޖަޒީރާ)

comment ކޮމެންޓް