ޔުނައިޓެޑް ޖާޒީގައި ސަންޗޭޒްގެ ފުރަތަމަ ގޯލް، އޮބަމަޔާންއާއި މިކިތާރިއަން ފެންވަރު ދައްކައިލައިފި

ޔުނައިޓެޑްގެ އަލެކްސިސް ސަންޗޭޒް ބޯޅައާއެކު ކުރިއަށްދަނީ --- ފޮޓޯ/ އޭޕީ

ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގައި ހިނގި އެންމެ ވަރުގަދަ ޓްރާންސްފާތަކުގެ ތެރޭގައި އާސެނަލަށް ކުޅެމުން ދިޔަ އެލެކްސިސް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުން ހިމެނެ އެވެ. އަދި ޑޯޓްމަންޑަށް ކުޅެމުން ދިޔަ ޕިއެރޭ އެމެރިކް އޮބަމަޔާން އާސެނަލްއަށް ބަދަލުވެފައިވާ އިރު، ސަންޗޭޒްގެ ބަދަލުގައި ޔުނައިޓެޑުން އާސެނަލަށް ދޫކޮށްލީ ހެންރިކް މިކިތާރިއަންނެވެ.

ރޭ ކުޅުނު އިނގިރޭސި ޕްރިމިއާލީގު މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލާ ވެސް އަލަށް ގުޅުނު ކުޅުންތެރިން ވަނީ ވިދާލައިފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ހަޑްލްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން ނިމިފައިވީ ނަމަވެސް، ދެވަނަ ހާފް ފެށިގެން މެޗުގެ 55 ވަނަ މިނެޓުގައި ލުކާކޫވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީގެ އެހީގައި ސަންޗޭޒް ވަނީ ޔުނައިޓެޑް ޖާޒީގައި އޭނާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފަ އެވެ. ސަންޗޭޒް ޖެހި ޕެނެލްޓީ ނާކާމިޔާބުވި ނަމަވެސް އޭނާ ވަނީ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

މިމެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ ލީގު ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓް ފަރަގު 13 ޕޮއިންޓަށް ކުޑަކޮށްފަ އެވެ.

އާސެނަލް އަދި އެވަޓަން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އާސެނަލުން އެވަޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުން މޮޅުވީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލްގެ އާރޮން ރެމްސީވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި މިކިތާރިއަން ވަނީ ތިން އެސިސްޓް ވެސް ހަދައިފަ އެވެ.

ރޭގެ މެޗަކީ ޕްރިމިއާލީގުގައި އޮބްމަޔާން ކުޅުނު ފުރަތަމަ މެޗެވެ. އޭނާ ވަނީ މެޗުގައި މޮޅަށް ކުޅެ ގޯލްވެސް ޖަހައިފަ އެވެ. އޮބަމަޔާން އަދި ރެމްސީގެ އިތުރުން ރޭގެ މެޗުގައި އާސެނަލަށް ގޯލް ޖަހައި ދިނީ ލޮރެންޓް ކޮޝިއެލްނީ އެވެ. އެވަޓަންގެ ހަމައެކަނި ގޯލް ޖަހައިދިނީ ޑޮމިނިކް ކަލްވާޓް ލެވިން އެވެ.

އޮބަމަޔާންގެ ފުރަތަމަ ގޯލަށް ފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާލީގު ތާވަލުގައި އާސެނަލް އޮތީ ހަވަނައިގަ އެވެ. އެއީ ކުޅުނު 26 މެޗުން 45 ޕޮއިންޓާ އެކުގަ އެވެ. ކުޅުނު 26 މެޗުން 31 ޕޮއިންޓާ އެކު އެވަޓަން ވަނީ 10 ވަނައަށް ވެއްޓިފަ އެވެ.

comment ކޮމެންޓް