ޓީސީއަށް ކުޅުނު ކޯނެލިއަސް މާޒިޔާއަށް، ޑިފެންޑަރު މިލޯސް މިސީޒަންގައި ވެސް ފެންނާނެ

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި މާޒިޔާ ބައްދަލު ކުރި މެޗުގައި މިލޯސް އަދި ކޯނެލިއަސް ކުރިމަތިލަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިދިޔަ ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ކޯނެލިއަސް ސްޓެވާޓް، މިސީޒަންގައި މާޒިޔާ ސްޕޯޓްސް ކްލަބަށް ގެނައުމަށް އެ ކްލަބުން ނިންމައިފިއެވެ.

މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ސެއިންޓް ވިންސެންޓްގެ ކޯނެލިއަސް މާޒިޔާއަށް ކުޅެން އެއްބަސްވެފައިވާކަން އެ ކްލަބުން 'ސަން ސްޕޯޓްސް' އަށްވަނީ ޔަގީންކޮށްދީފައެވެ. އަދި މިދިޔަ ސީޒަންގައި މާޒިޔާގެ ފަހަތުން މޮޅު ކުޅުމެއް ދެއްކި ސާބިއާގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް މިސީޒަންގައިވެސް އެ ކްލަބުން ފެންނާނެއެވެ.

ކޯނެލިއަސްގެ ފުޓްބޯޅަ ކެރިޔަރު ފަށާފައިވަނީ އޭނާގެ އަމިއްލަ ގައުމުގެ ކްލަބެއް ކަމަށްވާ ނިއުވިލް ހޯޕް އިންޓަނޭޝަނަލުން 2007 ވަނަ އަހަރެވެ. އެއަށްފަހު އޭނާ ފެނިގެންދިޔައީ އެމެރިކާގެ ދެވަނަ ޑިވިޝަންގެ ކްލަބުތަކެއް ކަމަށްވާ ވައިޓްކެޕްސް ރެސިޑެންސީ އަދި ވެންކުވާ ވައިޓްކެޕްސްއިންނެވެ. ވައިޓް ކެޕްސްގެ 23 އަހަރުން ދަށުގެ ޓީމުން ވެސް އޭނާ ފެނިގެންދިޔައެވެ.

އެމެރިކާގެ ކްލަބުތަކުގެ އިތުރުން ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއްގެ އިތުރުން ފިންލެންޑުގެ ތިން ކްލަބަކަށްވެސް ކުޅެފައިވާ ކޯނެލިއަސް ވަނީ ޓީސީއަށް މޮޅު ކުޅުމެއް ދައްކައިފައެވެ. މާލޭ ލީގުގެ އިތުރުން ދިވެހި ޕްރިމިއާ ލީގުގައި ވެސް ގިނަ ގޯލުތަކެއް ޓީސީއަށް ކާމިޔާބުކޮށްދިން ކޯނެލިއަސް ވަނީ ނިމިދިޔަ ދިވެހި ޕްރިމިއާ ލީގުގައި ޓީސީއަށް 22 ގޯލް ޖަހައިދީފައެވެ.

ސެއިންޓް ވިންސެންޓް ގައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ކޯނެލިއަސް ވަނީ އެގައުމުގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.

މާޒިޔާއިން މިދިޔަ ސީޒަންގައިވެސް ފެނިގެންދިޔަ ސާބިއާގެ ޑިފެންޑަރު މިލޯސް ވަނީ ލިތުއޭނިއާއި ސާބިއާ އަދި އަރުމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށްވެސް ކުޅެފައެވެ. އަދި މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ގްރޫޕް ސުޓޭޖުގައި މާޒިޔާއިން ކުޅުނު މެޗުތަކުގައިވެސް މިލޯސްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

މިފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައިވާ މާޒިޔާއިން ވަނީ އިޓަލީގެ ކީޕަރެއް ކަމަށްވާ މައުރޯ ބޮއޭޗިއޯވެސް އެޓީމަށް ގެނެސްފައެވެ.

comment ކޮމެންޓް