ތައިލަންޑްގައި ހުންނަ އިނގިރޭސިވިލާތު އެމްބަސީގެ ބިން ރެކޯޑު އަގެއްގައި ވިއްކާލައިފި

ތައިލެންޑްގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ: އެ އެމްބަސީގެ ބިން 420 މިލިއަން ޕައުންޑަށް ވަނީ ވިއްކާލާފައި ---

ލަންޑަން (03 ފެބްރުއަރީި): ތައިލަންޑްގެ ވެރިރަށް ބެންކޮކުގައި ހުންްނަ އިނގިރޭސިވިލާތު އެމްބަސީގެ ބިން ރެކޯޑު އަގެއްގައި ވިއްކާލައިފިއެވެ.

ބެންކޮކުގައި ހުންނަ އެ ބިން 420 މިލިއަން ޕައުންޑަށް ވިއްކާލި އިރު، މިއީ ބެންކޮކުގައި ބިމެއް ވިއްކާލި އެންމެ ބޮޑު އަގެވެ. ބެންކޮކްގެ އެންމެ ރީތި ހިސާބުގައި ހުންނަ އެމްބަސީ ހުންނަ ބިން ވިއްކާލާފައިވަނީ ތައިލެންޑްގެ ރިއަލް އެސްޓޭޓް ކުންފުނި ހޮންކޮކް ލޭންޑް އިންނެވެ. އެ ބިމަކީ 3.5 ހެކްޓަރުގެ ބިމެކެވެ.

އިނގިރޭސިވިލާތުން އެމްބަސީ ހުންނަ ބިން ގަތީ 1921 ގައެވެ. އެތަން ވިއްކާލަން އުޅޭކަމަށް ތުންތުންމަތިން ކިޔަމުންދާތާ ޒަމާންތަކެއް ވެއްޖެއެވެ.

އިނގިރޭސިވިލާތުން އެތަން ވިއްކާލަން ނިންމި ދަނޑިވަޅު ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދު މިއިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ.

މީގެ ކުރިން އިނގިރޭސިވިލާތުން ވަނީ ތައިލެންޑްގައި ހުންނަވާ އެގައުމުގެ އެމްބެސެޑަރުގެ ގެކޮޅުގެ ކުރިމަތީގައި ހުންނަ ބަގީޗާ 50 މިލިއަން ޑޮލަރަށް ވިއްކާލައިފައެވެ.

އިނގިރޭސިވިލާތުން ބުނީ އެމްބަސީ އަލުން މަރާތުކުރުމަށް ފަހު ހުޅުވުމަށް މާބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. އެ ބިން ވިއްކާލުމާ ގުޅިގެން ދެން އިނގިރޭސިވިލާތުގެ އެމްބަސީ ހިންގުމަށް ހަމަޖެހިފައިވަނީ ބެންކޮކްގެ މެދުތެރޭގައި ހުންނަ ހިސާބެއްގައެވެ.

އެމްބަސީ ވިއްކާލުމަށްފަހު އޭގެން ލިބޭ ފައިސާ ބޭނުންކުރާނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހުންނަ އިނގިރޭސިވިލާތުގެ ޑިޕްލޮމެޓިކް މިޝަންތައް އަޕްގްރޭޑް ކުރަން ކަމަށް ވެސް އެގައުމުން ބުނެއެވެ.

މަސްދަރު: ފައިނޭންޝިއަލް ޓައިމްސް

comment ކޮމެންޓް