ގަތަރުގެ ވެރިކަން ބަދަލުކުރުމަށް ރޭވިކަމުގެ ތުހުމަތު ސައޫދީ އާއި ޔޫއޭއީގެ މައްޗަށް

ގަތަރުގެ ދިފާއީ ވަޒީރު

ސައޫދީ އަރަބިޔާ އާއި ޔޫއޭއީ ގުޅިގެން ގަތަރަށް އަސްކަރީ ގޮތުން އަރައިގަނެ ގަތަރުގެ ވެރިކަން ބަދަލުކުރުމަށް ރޭވި ކަމަށް ގަތަރުގެ ދިފާއީ ވަޒީރު ޚާލިދު ބިން މުހައްމަދު އަލްއަތިއްޔާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

މީގެ ދެ ދުވަސްކުރިން އެމެރިކާގެ ވޮޝިންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި އަތިއްޔާ ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު ސައޫދީ އާއި ޔޫއޭއީ އިސްކޮށް ތިބެގެން ބަހްރައިން އާއި މިސްރާ އެކު ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިސާރުގެ ފިޔަވަޅުތައް އެޅި ދުވަސްވަރު ސައޫދީއާއި ޔޫއޭއީ ސިފައިން ގަތަރަށް އަސްކަރީ ގޮތުން ވަދެގަނެ ގަތަރުގެ ވެރިކަން ބަދަލުކުރުމަށް ރޭވި ކަމަށާއި ނަމަވެސް ބައެއް ސަބަބުތައް ދިމާވެގެން އެދެގައުމަށް އެކަން ނުކުރެވުނީ ކަމުގަ އެވެ.

އަސްކަރީ ގޮތުން އެކަން ނުކުރެވުމުން ގަތަރުގެ ބައެއް ގަބީލާތަކާއި އިދިކޮޅު ފަރާތްތައް ސަރުކާރާ ދެކޮޅަށް ނެރުމަށާއި ގަތަރުގައި ފިތުނަ އުފައްދައި ވެރިކަން ބަދަލުކުރުމަށް ކޭންޕޭން ކުރުމުގައި ގަތަރުގެ މިސްކިތްތަކާއި ދީނީ ފަރާތްތައް ބޭނުންކުރުމަށް ރާވައި ސައޫދީ އާއި ޔޫއޭއީން އެކަމަށް ފަންޑް ކުރިކަމަށް ވެސް ގަތަރުގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

ގަތަރުގެ ވެރިކަން ބަދަލުކުރުމަށް ސައޫދީ އާއި ޔޫއޭއީން ބޭނުންކުރި އެއްބޭފުޅަކީ އެގައުމުގެ ޝާހީ އާއިލާގެ ބޭފުޅެއްކަމަށްވާ އަބްދުﷲ ބިން އަލީ އާލްޘާނީ ކަމަށާ އަބްދުﷲ ލައްވައި އެކަން ނުކުރެވުމުން ޔޫއޭއީން އޭނާ ވަގަށް ނަގައިގެން އޭނާ އަވަހާރަކޮށްލަން އުޅޭކަން އެނގިވަޑައިގެން އަމިއްލައަށް މަރުވަން އަބްދުﷲ މަސައްކަތް ކުރެއްވި ކަމަށް ވެސް ގަތަރުގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ. ޝާހީ އާއިލާގެ ބޭފުޅެއްކަމަށްވާ އަބްދުﷲ ބިން އަލީ އާލްޘާނީ ދާދިފަހުންވަނީ ޔޫއޭއީގައި ހުންނެވުމަށް ފަހު ފިއްލަވައިގެން ކުވައިތަށް ވަޑައިގަތުމަށް ފަހު އޭނާ އަމިއްލައަށް މިވާހަކަތައް މީޑިއާއާ ހިއްސާ ކުރައްވައިފަ އެވެ.

މިގޮތުން އޭނާ ލައްވައި ބަޣާވާތް ކުރަން އުޅުނު ވާހަކައާއި އޭނާ ވަގަށްނަގަން ބަޔަކު އުޅޭކަމުގެ މައުލޫމާތު ލިބިގެން އަމިއްލައަށް މަރުވަން މަސައްކަތް ކުރެއްވި ކަމަށް ވެސް ކުވައިތުގައި ދެއްވި ބަޔާނުގައި އަބްދުﷲ ބިން އަލީ އާލްޘާނީ ވިދާޅުވެފައިވެ އެވެ.

ގަތަރުގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވިއިރު ގަތަރަކީ ވެސް ޑިމޮކްރަސީގެ ނަމުގައި އަރަބި އެތައް ގައުމެއްގެ ވެރިކަން ވައްޓާލުމަށް އެގައުމުތަކުގެ އިދިކޮޅު ޖަމާއަތްތަކަށް އެހީތެރިވެފައިވާ އަދި މިހާރު ވެސް އެހީތެރިވަމުންދާ ގައުމެކެވެ. މިގޮތުން ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ހުޅަނގުގެ މަދަދުލިބޭ އިދިކޮޅު ޖަމާއަތްތަކަށް އެންމެ ގިނައިން މާލީ އެހީ ދީ ސިޔާސީ ގޮތުން ތާއީދުކުރާ އެއްގައުމަކީ ގަތަރެވެ.

ލީބިޔާ ހަނގުރާމައިގެ އަނދަވަޅަކަށް ވައްޓާލުމުގައި ވެސް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާ ގުޅިގެން ގަތަރު މުހިއްމު ދައުރެއް އަދާކުރި ކަމަށް ލީބިޔާއިން ތުހުމަތުކޮށްފައިވެ އެވެ. ގަތަރުގެ އިތުރުން ސައޫދީ އާއި ޔޫއޭއީ އަކީވެސް ސޫރިޔާއާއި ލީބިޔާއާއި އިރާގު ފަދަ ގައުމުތައް ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވައްޓާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ގައުމުތަކެވެ. މިގޮތުން ލީބިޔާގެ ޖެނެރަލް ޚަލީފާ ހަފްތަރުގެ ޖަމާއަތަށް ފަންޑުކުރާ ކަމަށްވަނީ ސައޫދީ އާއި ޔޫއޭއީންނެވެ. ލީބިޔާގެ ވާދަވެރި އެހެން ހަނގުރާމަވެރި ޖަމާއަތްތަކަށް ފަންޑް ކުރާކަމުގެ ތުހުމަތު ކުރެވެނީ ގަތަރުގެ މައްޗަށެވެ. ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ވެސް ގަތަރާއި ސައޫދީން ވަރަށް ކުރީއްސުރެ މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދެ އެވެ.

ގަތަރުން ޑިމޮކްރަސީގެ ނަމުގައި ވަކާލާތު ކުރާއިރު ސައޫދީ އާއި ޔޫއޭއީ އެކޭ އެއްގޮތަށް ގަތަރަކީ ވެސް ޑިމޮކްރަސީގެ ކަންފުޅެއް ވެސް ޕްރެކްޓިސް ކުރާ ގައުމެއްނޫނެވެ. އަދި ގަތަރަކީ ވެސް ސައޫދީ އާއި ޔޫއޭއީ އެކޭ އެއްގޮތަށް އެމެރިކާގެ އަސްކަރީ ހިމާޔަތުގައި ޝާހީ ވިރާސީ ވެރިކަން ދަމަހައްޓާ ގައުމެކެވެ. އަދި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު އެމެރިކާ އެކޭ އެއްގޮތަށް މިތިން ގައުމުގެ މައްޗަށް ވެސް ވަނީ ކުރެވިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް