ސިޔާސީ ލީޑަރުން މިނިވަންކުރުމުގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމައިފި

ޝައިހު އިމްރާން، ރައީސް ނަޝީދު، ކާނަލް ނާޒިމް

ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމުން ވެސް އެބޭފުޅުން ދޫކޮށްލާފައިނުވާތީ، ކްރިމިނަލް ކޯޓަށް އެބޭފުޅުންގެ ގާނޫނީ ވަކީލުން ހުށަހެޅުއްވި ހޭބިއަސް ކޯޕަސްގެ މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން މިރޭ ނިންމައިފިއެވެ.

ހޭބިއަސް ކޯޕަސްގެ މައްސަލައަކީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކެވެ.

އެބޭފުޅުންގެ ވަކީލުން ހޭބިއަސް ކޯޕަސްގެ މައްސަލަ ހުށަހެޅުއްވީ ސުޕްރީމް ކޯޓުން އަމުރުކުރުމުން ވެސް އެބޭފުޅުން ދޫކޮށްލާފައިނުވާތީ، މިހާރު އެބޭފުޅުން ތިއްބެވީ ގާނޫނާ ޚިލާފު ހައްޔަރެއްގައި ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ މުހައްމަދު އިބްރާހިމް މިރޭ ނިންމި ނިންމުމުގައި ވަނީ އެބޭފުޅުންގެ މައްޗަށް އެ ކޯޓުން ކޮށްފައިވާ ހުކުމަށް އިސްތިއުނާފީ މަރުހަލާގެ އެންމެ މަތީ ކޯޓުން ވަނީ ނިންމުމެއް ނިންމާފައި ކަމަށެވެ.

ހޭބިއަސް ކޯޕަސްގެ މައްސަލަ އެ ކޯޓަށް ބަލައިގަތުމަކީ ކޯޓުތަކުގެ ގާނޫނުން ކަނޑައަޅައި ތަންޒީމްކޮށްފައިވާ ރާއްޖޭގެ ކޯޓުތައް ބެހިގެންވާގޮތާއި ތަރުތީބާއި އެއްގޮތްވެގެންވާ ކަމެއް ކަމަށް ނުވާ ކަމަށް އެ ނިންމުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރަކީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ ދަށުން އެ ކޯޓަށް ލިބިގެންވާ ދިވެހި ދައުލަތުގެ އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ނިންމާފައިވާ ނިންމުމަކަށްވީހިނދު، އެ ނިންމުމުގައި ކަނޑައެޅިފައިވާ އެއްވެސް ކަމަކާ ގުޅިގެން ބަހުސްކުރުމަށް ފުރުސަތު ހުޅުވައިދިނުމަކީ ފުރަތަމަ މަރުހަލާގެ ކޯޓަކުން ކުރުން ސައްހަ ވެގެންވާ ކަމެއް ނޫން ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

އެ މައްސަލަ ބަލައިގަނެ ކުރިއަށްގެންދިއުމަކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުވެދިއުން ލަސްވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހޭބިއަސް ކޯޕަސްގެ ރިޓަކަށް އެދުމާއި، އެފަދަ ހުށަހެޅުމަކާ ގުޅިގެން ބަޔާންކޮށްފައިވާ އަހުކާމްތަކަށް ބަލާއިރު، އެފަދަ ހުށަހެޅުމެއް ކޯޓަށް ބަލައިގަނެ ކުރިއަށް ގެންދެވޭނީ އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށްތޯ ނުވަތަ ނޫންތޯ ބަހުސްކުރުމުގެ ފުރުސަތު އޮންނަ މައްސަލަތަކުގައި ކަމަށެވެ.

ނަމަވެސް އެ މައްސަލަތަކުގައި އެފަދަ ސުވާލެއް އުފެދޭނެ ޖާގައެއް ނެތަތީ އެ މައްސަލަތައް ބަލައި ނުގަތުމަށް ނިންމީ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ "ޖިނާއީ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެ ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ބެލި އިރު، އެ މައްސަލަތަކަކީ ގާނޫނީ ހަމަތަކުގެ މަތީން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަން ޖެހޭ މައްސަލައަކަށް ވާތީ، އެ މައްސަލަތަކާ މެދު އަލުން ގޮތެއް ކަނޑައެޅެންދެން،

ގ. ކެނެރީގޭ މުހައްމަދު ނަޝީދު،

މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމު،

މ. ކޮޅުފުށީ، މަލްހާރު، އިމްރާން އަބްދުﷲ،

ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު،

ގއ. މާމެންދޫ، ރަތްމަސްގޭ މުހުތާޒު މުހުސިން،

މ. މާފަންނުވިލާ ގާސިމް އިބްރާހިމް،

މއ. ކިނބިގަސްދޮށުގޭ ފާރިސް މައުމޫން،

ގއ. މާމެންދޫ ވީނަސް، އަހުމަދު ނިހާން،

މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް،

އާއި މިފަރާތްތަކާ ބެހޭ މައްސަލަތައް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރުކުރާ" ކަމަށެވެ.

comment ކޮމެންޓް