ރާއްޖެއަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ރައްޔިތުން ސަމާލުވުމަށް އެގައުމުން އަންގައިފި

ރާއްޖެއަށް ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ރައްޔިތުންތަކެއް: ރާއްޖެއަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ރައްޔިތުން ސަމާލުވަމަށް އެގައުމުން ވަނީ އަންގާފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ރައްޔިތުން ސަމާލުވަމަށް އެގައުމުން އަންގައިފިއެވެ.

ސިޔާސީ ކުށްވެރިން ދޫކޮށްލައި އަދި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިމްމުމާ ގުޅިގެން، ރާއްޖޭގައި ވަރަށް ބޮޑަށް ހަމަނުޖެހުން އިތުރުވެފައިވާ ކަމަށް ބުނެ އިނިގިރޭސިވިލާތުން އިއްޔެ ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުން ރާއްޖޭގައި ހޭދަކުރާ ދުވަސްވަރު މާލެއަށް ޒިޔާރަތްކުރާއިރު ސަމާލުވުމަށް އެ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެވެ.

"މާލެއަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވެގެން އުޅުމަށް ވަރަށް ބޮޑަށް އެދެން. އެހެން ނަމަވެސް ރާއްޖެތެރެއާއި، ރިސޯޓްތައް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަމަނުޖެހުން އުފެދިގެން އުޅޭކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނެތް،" އިނގިރޭސިވިލާތުން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވެއެވެ.

ސިޔާސީގޮތުން ހަލަބޮލިވެފައިވާ ދަނޑިވަޅު ފުލުހުން ވަނީ ބައެއް ހާލަތްތަކުގައި ކަރުނަ ގޭސް ބޭނުންކޮށްފައެވެ. މި ދަނޑިވަޅުގައި ހަމަނުޖެހުންތައް ހިނގާނެ ފަދަ ކަންތައްތައް ނުކުރުމަށް ވެސް ފުލުހުން ވަނީ ގޮވާލައިފައެވެ.

ސުޕްރީމް ކޯޓުން ރޭ ކުރި ހުކުމާ ގުޅިގެން ހިނގާ ކަންތައްތައް ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އދގެ ހައި ކޮމިޝަން ފޯރ ހިއުމަން ރައިޓްސްގެ އޮފީހުގެ ތަރުޖަމާނު ރޫޕަޓް ކޮލްވިލް ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ޖަލަށް ލާފައިވާ ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށް ވަނީ އަމުރުކޮށްފައެވެ. ސުޕްރީމް ކޯޓުގެ އެ އަމުރާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުންވެސް ވަނީ ދީފައެވެ.

comment ކޮމެންޓް