އުންމީދަކީ ދިވެހި ސަރުކާރުން ކޯޓު އަމުރަށް ތަބާވުން: އިނގިރޭސި ސަފީރު

އިނގިރޭސިވިލާތުގެ ސަފީރު ޖޭމްސް ޑައުރިސް ރައީސް ޔާމީންއާ ބައްދަލުކުރައްވަނީ. ޖޭމްސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައުގެ އުންމީދަކީ ދިވެހި ސަރުކާރުން ކޯޓު އަމުރަށް ތަބާވުންކަމަށް-- ސަން ފައިލް ފޮޓޯ/ ޔޫސުފް ސޮފްވާން‏‎

ބައިނަލްއަގުވާމީ މުޖުތަމައުގެ އުންމީދަކީ ދިވެހި ސަރުކާރުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުން ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް ވިދާޅުވެއްޖެ އެވެ.

ސިޔާސީ ކުށްވެރިން ދޫކޮށްލައި އަދި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިމްމުމާ ގުޅިގެން ޖޭމްސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ވީހާ ވެސް އަވަހަށް ތަންފީޒުކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

"އިއްޔެ ސުޕްރީމް ކޯޓުގެ ނިންމުމުން ހާމަވެގެން ދިޔައީ ރާއްޖޭގެ ޖުޑީޝިއަރީއަކީީ މިނިވަން މުވައްސަސާއެއްކަން. ދިވެހި ރައްޔިތުން އެ ނިންމުން ބަލައިގަންނާނެ. މިހާރު ބައިނަލަގްވާމީ މުޖުތަމައުގެ ވެސް އުއްމީދަކީ ސުޕްރީމް ކޯޓުގެ އަމުރު ވީހާ ވެސް އަވަހަށް އެއްވެސް ޝަރުތެއް ނެތި ތަންފީޒުކުރުން،" ޖޭމްސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރުގައި، ޖަލަށް ލާފައިވާ ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ސަރުކާރުން ބުނީ ސުޕްރީމް ކޯޓުގެ ނިންމުމަށް އަމަލުކުރާނެ ކަމަށާއި އަދި މިހާރު ކުރިއަށް ދަނި އެ އަމުރުގެ ސައްހަކަން ބެލުމުގެ މަސައްކަތް ކަމަށެވެ.

comment ކޮމެންޓް