އަދީބާ އެއް ގަޒިއްޔާއަކުން ހުކުމް ކުރި އާމިރު މިނިވަން ކޮށްދޭން އެދިއްޖެ

އަދީބުގެ ކުރީގެ ބޮޑީގާޑު އަހުމަދު އާމިރު --- ސަން ފައިލް ފޮޓޯ

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަކުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ކުރުމަށް އަންގާފައިވާތީ އަދީބާ އެއް ގަޒިއްޔާއަކުން ހުކުމް ކުރި އޭނާގެ ބޮޑީގާޑު ލ ދަނބިދޫ، އަފްޒާ، އަހުމަދު އާމިރު ދޫކޮށްލަން އޭނާގެ ގާނޫނީ ވަކީލު އެދިއްޖެ އެވެ.

އެ ގަޒިއްޔާއިން އަދީބާއި އާމިރުގެ އިތުރުން މއ. ސިގްމާ ހަސަން ރިކާޒަށް ވެސް ހުކުމް އިއްވާފަ އެވެ.

އާމިރުގެ ވަކީލު އަބްދުﷲ ޝާއިރު މިއަދު ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ އަދީބު މައްޗަށް ކޮށްފައިވާ ތަހުގީގުތަކާއި ހިންގާފައިވާ ޝަރީއަތްތަކަކީ ސިޔާސީ ނުފޫޒުން ހިންގާފައިވާ ޝަރީއަތްތަކެއް ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ކަމަށެވެ.

އެހެންއެކަން އޮތުމުން އަދީބާ އެއް ގަޒިއްޔާއަކުން ހުކުމް ކުރި އޭނާގެ މުވައްކިލު އާމިރުގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމްވެސް ބާތިލުވާނެކަން ވަރަށް ސާފު ކަމަށް ޝާއިރު ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެހެންކަމުން މިހާރު އާމިރު ޖަލު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޝާއިރު ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ޖިނާއީ ކުށެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

"އަހުމަދު އާމިރު، ލ. ދަނބިދޫ، ވަގުތުން ވަގުތަށް މިނިވަންކޮށްދިނުމަށާއި އަހުމަދު އާމިރުގެ މިނިވަންކަން ގެއްލޭގޮތަށް މި ސިޓީ ލިބޭ ވަގުތުން ފެށިގެން ތިޔަ ސާވިސްގެ ބެލުމުގެ ދަށުގައި ބަހައްޓާބަމަ، އެ ބަހައްޓާ ބެހެއްޓުމަކީ ގާނޫނާ ޚިލާފަށް ބަންދުގައި ބެހެއްޓުމެވެ. އަދި ގާނޫނާ ޚިލާފަށް އެކި އެކި ފަރާތްތައް ބަންދުގައި ބެހެއްޓުމަކީ ޖިނާއީ ކުށެއް ކަމާއި އަދި ގާނޫނާ ޚިލާފަށް ބަންދުކުރެވިފައިވާ ފަރާތްތަކަށް ބަދަލުދޭންޖެހޭނެ ކަމެއްކަން ހަނދުމަކޮށްެދެކެވެ،" ޝާއިރު ފޮނުވި ސިޓީގައިވެއެވެ.

އާމިރުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައަ ގުޅިގެންނެވެ.

comment ކޮމެންޓް