ނޭނގި ހިތާ ކުޅެލީ - 21

ސަވާނާ އޭނަގެ މަންމަ ހުރިތަނެއް ބަލައިލަން ގުޅަގުޅާފައި އެންމެފަހުން ގޭތެރޭގައި ބުރެއްޖެހިއިރުވެސް މަންމަގެ ހިލަމެއްނުވިއެވެ. ގޭތެރޭގައި ވާ ހިމޭންކަން މުގުރާލާފައިވަނީ ވެހެމުންދާ ވާރޭގެ އަޑުންނެވެ. ބައްޕައަށް ގުޅިއިރު އޭނަ ހުންނެވީ ރިޒޯޓުގައެވެ. ސަވާނާ ދެން ވަނީ ގަސްތަކުގެ ތެރެއަށެވެ. މަންމަ ލޯބިވާ ގަސްތަކުގައި ފިރުމަން މި ވާރޭގެ ތެރޭގައިވެސް ހުރެދާނެކަމުގައެވެ. ވަކި ހިސާބަކަށްގޮސްފައި ސަވާނާ މެދުކެނޑުމެއްނެތި ކަރު ފަޅައިގެންދާހާ ބާރަކަށް ހަޅޭއްލަވަން ފެށުމުން ލުކުމާންވެސް އަވަސްވެލީ އެދިމާލަށެވެ. ފެނުނު މަންޒަރަކުން ލުކުމާންގެ ފިޔަވަޅުތައްވެސް ހުއްޓުނެވެ. ގިސްލާފައި ރޮމުން ދިޔަ ސަވާނާގެ ދެފައި ބިންމަތީގައި ހަރުނުލައެވެ.

ނަބީލާ އޮތީ އެދިމާލުން ވިނަގަނޑުމަތީ ބަންޑުންކަހަލަ ގޮތަކަށެވެ. އެއްވެސް ހަރަކާތެއް ނެތި އޮތްގޮތުން މަރުވެފައިބާވައޭ ހިތަށް އަރާ ލުކުމާން ފޯނުނެގިއެވެ.

"އޯ ގޯޑް މަންމައަށް ކިހިނެއްވެފަ މިއޮތީ؟ " ސަވާނާ ރޮމުން ކިއެވެ.

ލުކުމާން އެމްބިއުލެންސް ހޯދަން ގުޅާފައި އޭނަ ގުދުވެ ނަބީލާގެ އަތުގައި ހިފާ ބަލައިލިއިރު ވިންދު ހުރުމުން އަދި ފުރާނަހުރިކަން އެނގުނެވެ. ހީވާގޮތުން ނަބީލާ ވެއްޓިފައިވަނީ ޓެރެސްމައްޗަށް އަރައިގެން އުޅެނިކޮށެވެ. ލުކުމާން ސަވާނާ ކައިރީ އެދުނީ ބައްޕައަށް ގުޅާފައި ވެގެން އުޅޭގޮތް ކިޔައިދިނުމަށެވެ. ހިތްވަރުކުރުމަށެވެ. ސަވާނާ ބަސްއެހުމުގެ ހައްދެއްނެތެވެ. ލުކުމާންގެ އެޖުމްލައާއިއެކު ވަގުތުން އޭނަ ރުއިންގަނޑު މައިތިރިކުރިއެވެ. ދެލޯ ފޮހެލާ ހަމަޖެހިލަން މާގިނައިރެއް ނުނެގިއެވެ. އޭނަ ބައްޕައަށް ގުޅާފައި މަންމަ ސީރިޔަސް އެކްސިޑެންޓެއް ވެގެން އުޅޭކަން ބުނެދިނެވެ.

ނަބީލާ އިމަޖެންސީއަށް ވެއްދިފަހުން މާ ގިނައިރުތަކެއް ނުވަނީސް އިމާދުއްދީން އެތަނަށް އަންނަތަން ފެނުމުން ސަވާނާއަށް ދުވެފައިގޮސް ބައްޕަގެ މޭގައި ލައްގަނެވުނެވެ.

"މަންމަ ކޮބާ ކިހިނެއްވެގެން މިއުޅެނީ؟ " އިމާދުއްދީން ހާސްވެފައިހުރެ އަހާލައިފިއެވެ.

"އިމަޖެންސީ ރޫމްގައިވީ......" ސަވާނާ ނޯށްދަމައިލިއެވެ. މަންމައަށް ކަމެއް ނުވުމަށް އެދި ހިތުގެ އަޑިން އެތައް ފަހަރު ދުޢާކުރެވިއްޖެއެވެ. އަމިއްލަ ނަފުސް ކުށްވެރިކުރެވުނު އަދަދެއްވެސް ނޭގެއެވެ.

"ޑޮކްޓަރުން ބުނަނީ ކީކޭ...." އިމާދުއްދީން ނަޒަރު ހުއްޓައިލީ ލުކުމާންގެ މޫނަށެވެ.

'އަދި ނޭގޭ. ވަރަށް ކްރިޓިކަލްހެން ހީވޭ. ހެޑްއިންޖަރީއެއްހެން ހީވޭ. ނޭފަތުން ލޭ އައިސްފައި ހުރި. މޫނު ވަކިނުވަވާވަރަށް ޗަސްވެފައިއޮތީ....ޓެރެސްއިން ވެއްޓުނީކަމުގައި ބޮޑަށް ބެލެވެނީ..."

"ވައިބާރުކަމުން ކަނޑުމަގުން ދަތުރުކުރެވޭވަރެއްވެސް ނުވާއިރުވެސް އެ ޚަބަރުލިބުމުން މިއައީ ދަރިފުޅު އެކަމާއި ހާސްވާނެވަރު އެނގޭތީ. ހުރިހާކަމެއް ހުއްޓާލާފައި މިއައީ. ޓެރެސްއިން ވެއްޓުނީ ކަމަކަށް ނުވާނެ. ނަބީލާ ދެން ކުޑަކުއްޖެއް ނޫނެއްނު ޓެރެސްއަށް އަރާކަށް. އަމިއްލައަށް މަރުވުމުގެ ޕޮޒިބިލިޓީއެއްވެސް ނޯންނާނެކަން ޔަގީން. އެހާ އަޅުވެރި....." އިމާދުއްދީން އެހެން ބުނެލިއިރު ދެރަވެފައިވާވަރު ސަވާނާ ފާހަގަކުރިއެވެ. މަންމައާއި ދެމީހުން އަބަދު އަރައިރުންވިޔަސް ބޮޑުކަމެއް ދިމާވުމުން ބައްޕަގެ މޫނު ވަނީ މިލާފައެވެ. ދެކޮޅަށް ހިނގާލަހިނގާލާ ހުރިއިރު ހާސްކަމާއި ކަންބޮޑުވުން މޫނުމަތިން ފެނުނެވެ.

ޑޮކްޓަރާއި ވާހަކަ ދައްކާލުމަށްފަހު ނުކުތް ގޮތަށް ގޮނޑީގައި އިސްޖެހިފައި އިނެވެ.

"ބައްޕާ. ކީކޭ ޑޮކްޓަރު ބުނީ..." ސަވާނާ ހުރީ މާޔޫސްވެފައެވެ.

"އޮޕަރޭޝަންކުރަން ތިއޭޓަރަށް ވައްދަން އުޅެނީ....."އިމާދުއްދީން ގޮނޑިއަށް ތިރިވެ ބޮލުގައި ދެއަތުން އަތް އަޅާލައިގެން އިންއިރު ބައްޕަގެ ހިތާމަތައް ސަވާނާއަށް އިހުސާސްކުރެވުނެވެ. އަމިއްލައަށް ގޮސް ޑޮކްޓަރާއި ވާހަކަދެއްކުމުން ލިބުނީ ހިތްހަމަޖެހޭފަދަ ޖަވާބެކެވެ. ހޭއަރާނެ ފުރުސަތު އެބައޮތް ކަމަށާއި އެންމެން ދުޢާކުރުމަށެވެ. އެއީ ޕޮޒިޓިވް ޖަވާބެއްގެ ގޮތުގައި ދެކެވި ސަވާނާ ކުޑަކޮށް ހިނިތުންވެލިއެވެ. ލުކުމާންއާއި ވާހަކަދައްކަންވެގެން ބަލައިލިއިރު އޭނަގެ ހިލަމެއްނުވިއެވެ. އިރުކޮޅެއްނުވަނީސް އިމަޖެންސީއިން ނެރެގެން ނަބީލާ ގެންދިޔައީ ތިއޭޓަރަށެވެ. އޮކްސިޖަން މާސްކު އަޅުވާފައިވާއިރު ދުޅަވެ މޫނުގެ މަސްތައް ޗިސްވެފައިވާތީ ކާކުކަން ވަކިކުރާކަށްވެސް ރަގަޅަށް ނޭގުނެވެ. ސަވާނާ މަންމަގެ އަތުގައި ހިފައިލިއެވެ. އެވަގުތު ރޮވެން އުޅުނުނަމަވެސް ސަވާނާ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުން ހިތާހިތުން ދުޢާކުރީ އޭނަގެ މަންމައަށް ރަހުމަތްލެއްވުމަށެވެ. އޮޕަރޭޝަން ކާމިޔާބުވުމަށެވެ. މިފަހަރުވެސް އޮޕަރޭޝަން ޑޮކްޓަރަކަށް ހުރީ ސަވާނާގެ ޑޮކްޓަރު އިޒިކްކަމުން އޭނައަށް އިތުބާރުކުރެވުނެވެ.

އޮޕަރޭޝަނަށްފަހު އައިސީޔޫއަށް ގެނެވުނުފަހުން ކުއްލިއަކަށް ނަބީލާގެ ހާލުދެރަވެ ކޯމާއަކަށް ދިޔަވާހަކަ ބުނުމުން އިމާދުއްދީން ދެއަތުން މޫނު ފޮރުވިއެވެ. ސަވާނާއަށްވެސް އެ ޚަބަރު ނަގައިގަތުން އުދަގޫކަމަކަށްވިއެވެ. ހިތާހިތުން ރޮމުން ދިޔަނަމަވެސް ހިތްވަރުގަދަ އަންހެންކުއްޖަކަށްވާތީ އޭނަ ކަރުނަ ދިރުވާލައިފިއެވެ. އޭނަ ބޭނުންވީ ބައްޕައަށް ހިތްވަރުދޭށެވެ. ޔަގީނެވެ. ބައްޕަ އެހެރީ އަމިއްލަ ނަފުސް ކުށްވެރިވެފައެވެ. އަބަދު އަރައިރުންވުމާއި ރުޅި މޫނު ދައްކައިގެން ހުރެވުނުކަމަށްޓަކާ މިއަދު ހިތާމަކުރަން އެޖެހުނީ ބައްޕައެވެ. ތިމާ ލޯބިވާ މީހަކު އެގޮތަށް ވަކިވެދާނީ ކޮންއިރަކު ކޮންހާލެއްގައި ކަމެއް އެކަކަށްވެސް އެނގޭނީއެއް ނޫނެވެ.

ލިވިއާއަށް އެ ޚަބަރު ވެގެން އާދެވުނީ މާފަހުންނެވެ.

"ސޮރީ ނަންނި. އަހަންނަށް މާ ގަދަޔަށް ނިދުނީ. ނަބީލާދައްތަ އެކްސިޑެންޓެއްވިކަން އެނގުނީ ހޭލެވިގެން ފޯނު ހުޅުވައިލީމަ. އެނގުމާއިއެކު މިއައީ. މަންމަ ކިހިނެއްތަ؟ " ލިވިއާ ސަވާނާ ގެ ދެއަތުގައި ހިފާލިއެވެ. ހަތަރުލޯ ގުޅިގެން ދިޔައެވެ.

"ކޯމާއެއްގަ..." ސަވާނާ އެސްފިޔަތައް ތިރިކޮށްލިއެވެ.

"ބީ ސްޓްރޯންގް ޑާލިން. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަގަޅުވާނެ...." ލިވިއާ ލަސްލަހުން ބުނެލިއެވެ. ލިވިއާގެ އަޑުގައިވެސް ތުރުތުރެއް ހުއްޓެވެ. ހީވާގޮތުން އޭނައަށްވެސް ވަނީ އެޚަބަރުން އަސަރުކޮށްފައެވެ.

"އެއްޗެއް ކައިފިންތަ؟ " ލިވިއާ އަހާލުމުން ސަވާނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލައިފިއެވެ.

"ނުކައި ނުބޮއި ތިބުމަކީ އެއްވެސް ކަމެއްގެ ހައްލެއްނޫން. ކައިގެން ވަރުޖައްސައިގެން ނޫނީ މިކަހަލަ ދަތިތަކާއި ކުރިމަތިލެވޭނެ ބާރެއް ނުހުންނާނެ. ގައިގާ ވަރުޖެހޭ ކަހަލަ އެއްޗެއް ކުޑަކޮށްނަމަވެސް ކާލަންވާނެ. މަންމަވެސް ބޭނުމެއްނުވާނެ ނަންނި ނުކައި ހިތާމަކުރާކަށް. އައިސީޔޫއަށް ވައްދާނީކީއެއް ނޫން. ސޯ ލެޓްސް ގޯ ހޯމް. ކުޑަކޮށް ފްރެޝްވެލާ ހަދާލާނީ..." ލިވިއާ ސަވާނާގެ އަތުގައި ހިފާފައި ކުޑަކޮށް ދަމައިލުމުން ސަވާނާ ހިނގައިގަތެވެ. އެއީ ދޮގެއްނޫނެވެ. އޭނަގެ ބަނޑުހައިކަންވެސް އިހުސާސްކުރެވެން ފެށިއެވެ. މަންމަ ކޯމާއެއްގައި އޮތަސް އޭނަގެ ހިތްބުނަނީ މަންމަގެ ހާލު ރަގަޅުވާނެކަމުގައެވެ. މަންމަގެ ހާލު ރަގަޅުވަމުންގޮސް ކޯމާއަކަށް ދިޔަސް އުއްމީދު އާވެފައިވިއެވެ.

އޭނަ ކުއްލިއަކަށް ލުކުމާން މަތިން ހަދާންވެ ލުކުމާން އެތަނުން ދިޔައީ ކީއްވެބާވައޭ ހިތަށް އެރިއެވެ. އެންމެ ގާތުގައި ހިތްވަރުދޭން ހުންނަންވި މީހާ ނެތުމުން ދެރަވެ ހިތުގައި ޖެހުނެވެ. ނަމަވެސް އަދި އެއްވެސް މީހަކަށް އެއީ ދެމަފިރިންކަމެއްވެސް ނޭގޭނެ ނޫންހެއްޔެވެ؟ ސިއްރުން ކުރެވުނު ކައިވެންޏެކެވެ. ލިވިއާއަށްވެސް އަދި އެދެމީހުންގެ ގުޅުމެއް ނޭގޭނެއެވެ.

މޭޕްލްވިލާގެ ތެރެއަށް ވެރިވެފައިވާ ފުންހިމޭންކަމެވެ. ބޮކިތައްވެސް ދިއްލާނުލާ ހުރުމުން ފަޅުގޮތަކަށް ގޭތެރެ ފެންނާން ހުއްޓެވެ. ސްވިޗްތައް ޖައްސާލުމަށްފަހު ދެކުދިން އެތެރެއަށް ވަދެގެން ދިޔައިރު އަނގައިން ބުނާކަށް އެކަކުވެސް ނޫޅެއެވެ. ކޮންމެ ކުއްޖަކުވެސް އަމިއްލަ ޚިޔާލެއްގައިވާފަދައެވެ. ކާކޮޓަރިއަށް ވަންއިރު ބަނޑުހައިހޫނުކަން ފިލުވައިލާ ޒާތުގެ އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. މަންމަ ހުރިނަމަ މީރުކޮށް ކައްކާފައި މޭޒުމަތީ ކާންހަދާފައި ހުންނާނެއޭ ހިތަށް އަރާފައި ދެރަވިއެވެ. މަންމަ ބަލިވުމުން އެހާ މީރުކޮށް ކައްކައިދޭނެ މީހަކުވެސް ނުވާނެއެވެ. ސަވާނާ ފްރިޖް ހުޅުވާލިއެވެ. މުއްދަތު ހަމަ ވެފައި ހުރި މަލީ ޖޫސްޕެކެޓަކާއި ޑާކް ޗޮކްލެޓްގަނޑަކާއި ގަނޑުވެފައި ހުރި ކަނޑު މަހެވެ. ދެތިން ޓޮމާޓޯއާއި އެއްބައި ކާލާފައި ހުރި ޔޯގަޓެކެވެ. ސަވާނާ ހިންދެމިލިއިރު ލިވިއާ ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ތަންކޮޅެއް ދުރަށް ހިގައްޖެއެވެ.

"ލިވީ އަހަންނަށްވެސް ކަންތައްތަކެއް ސިއްރުކުރަނީ ބާ. އަބަދު ކާކަށް ގުޅައިގެން ސިއްރު ވާހަކަތަކެއް އެ ދައްކަނީ. މިހާރު ޕާސްވޯޑްވެސް ދެވޭކަމަކަށް ނުވޭ. ކުރިން ލިވީ އެހެނެއްނޫން. ބަދަލުވެއްޖެ......" ސަވާނާ ފްރިޖް ލައްޕާލާފައި ލެނގިލައިގެން އިރުކޮޅެއްވާންދެން ހުރީ ފުން ވިސްނުމެއްގައެވެ.

ނުދަންނަ ނަމްބަރަކުން ފޯނެއް އައުމުން ނުނަގަން ހުރެފައިވެސް ސަވާނާ ފޯނު ކަންފަތުގައި ޖެހިއެވެ.

"މަންމަގެ ފްރެންޑެއް މިއީ. ރާފިޔާއްތަ. ސަވާނާ އާއި ބައްދަލުކޮށްލަން ދާން ހިތަށް އެރި. އެކަމަކު މިހިރީ މާލޭގައެއްނޫން. މަންމަގެ ހާލު ކިހިނެއްތަ؟ "

"ޝީޒް އިން އެ ކޯމާ..." ސަވާނާ ތުންތަޅުވައިލިއެވެ.

"މަންމަ ވަރަށް ދެރަވެފައި ހުރީ. ޑިޕްރެޝަންކަހަލަ ކަމަކަށް މީހާ ގޮސްފިއްޔާ ސުއިސައިޑަކަށްވެސް ގޮސްދާނެ. ކޮންމެހެން ބައްޕަގެ ވާހަކަ ދައްކާކަށް ނޫން މިގުޅީ. ސަވާނާ ބޭނުމެއް ނުވާނެ ބައްޕަގެ މިކަހަލަ ވާހަކައެއް އަޑުއަހަން. އެނގެން ޖެހޭނެކަމަށް ފެންނާތީ މިބުނީ. ބައްޕަ ވަރަށް ޒުވާން އަންހެންކުއްޖަކާއިއެކު ޗައިނާއިން ދުށިން. ކުރެވުނު ކުށަކީ މަންމައަށް އެފޮޓޯތައް ދެއްކުނުކަން. ބައްޕަ އެކަންތައް ހުއްޓާލައިފިކަމަށް ހީކުރެވުނީ އެކަމަކު.....ދެން މަންމައަށް ވަރަށް އަސަރުކުރިކަން އެނގުނު. ޑިޕްރެޝަންކަހަލަ ކަމެއް ހުރިކަން އެނގޭނަމަ ފަހަރެއްގައިވެސް އެކަހަލަ ވާހަކައެއް ދައްކައިގެން އިތުރަށް ހާލަތު ދަށްކުރާކަށް ނޫޅޭނަން. ނަބީ އަމިއްލައަށް މަރުވާން އުޅެފާނެކަމަށް ހީކުރެވުނު ބުނި އެއްޗަކުން. މާފުކުރައްޗޭ......" ރާފިޔާގެ ވާހަކަތަކުން ސަވާނާ އަކަށް ބުނާނެ އެއްޗެއް ނޭގުނެވެ. އޭނައާއި މަންމަ ދުވަހަކުވެސް އެހާ ގާތްކޮށެއް އުޅެވިފައެއްނެތެވެ. މަންމައަށްވުރެ ބައްޕައާއި އޮތް ގުޅުން އެތައްގުނަ އިތުރެވެ. ވީމަ ބައްޕަ ކުށްވެރިކޮށްފައި ވާހަކަ ދައްކާ އަޑު އެހުމުން އުދަގޫވެ ރާފިޔާދެކެ ފާޑަކަށް ރުޅިއާދެވުނެވެ. މަންމަ ޑިޕްރެޝަންގެ މައްސަލައެއް ހުރިކަމަށް ކިޔާއިރު މަންމައަކީ އެފަދަ އެއްވެސް ބައްޔެއް ހުރި މީހެއްކަމަކަށް އޭނަ އަށް އެނގިފައެއްނެތެވެ. ވީއިރު އެހެންމީހުންނަށް ހީކުރެވިފައި އޮތީ މަންމަވެސް އަމިއްލައަށް ފުންމާލައިގެން މަރުވާން އުޅުނީ ކަމުގައެވެ.

"އިޓްސް އޯކޭ. ޝީ ވިލް ބީ ފައިން..." ސަވާނާ މަޑުމަޑުން ކިޔައިލިއިރު އިންޝާﷲ ކިޔާކަށްވެސް ހިތަކަށްނޭރިއެވެ. މަންމަ މަރާއި ދިރިހުރުމާއި ދޭތެރޭ ހަގުރާމަ ކުރާއިރު އެހާ ޔަގީންކަމެއް އިންސާނަކަށް ނުދެވޭނެކަން ސަވާނާގެ ހިތަކަށް ނޭރިއެވެ. ރާފިޔާ ދެއްކި ވާހަކަތަކަށް ކުޑަގޮތަކަށް ޖަވާބުދީފައި ފޯނު ބޭއްވުމަށްފަހު އޭނަ ލުކުމާންއަށް ގުޅަން މަސައްކަތްކުރިއެވެ. ލުކުމާން ފޯނު ނުނެގި ތާގައި ކަނޑާލާކަށްވެސް ނޫޅުނެވެ. އޭނައާއި މިފަދަ ހިތާމަވެރި ހާދިސާއެއް ދިމާވެގެން އުޅޭއިރުވެސް އޭނަ ކައިފިތޯވެސް ބަލާނުލައެވެ. ލޯބިވެގެން އެހާވަރުން ކައިވެނިކުރުމަށްފަހުވެސް އަޅާލުމުގެ ބައި ހާދަ ކުޑައެވެ. އޭނަ މިހިރީ ލުކުމާންގެ ހާލު އޮޅުން ނުފިލައިގެން އެކަމުގެ ހިތާމައިގައެވެ.

ސަވާނާ އެނދުމަތީގައި ހެޑްބޯޑަށް ލެނގިލައިގެން އިންއިރު އުނގުމަތީގައި ކުޝަންއެއް ބާއްވާލާފައި އޮތީ ފަސޭހައަކަށެވެ. ތަކުރާރުކޮށް ލުކުމާންއަށް ގުޅައިގެން ޚަބަރެއްނުވުމުން މާޔޫސްކަން އިތުރުވިއެވެ. އިރުގަނޑެއްފަހުން ލިވިއާ ތަބަކެއް ހިފައިގެން ވަންތަން ފެނުމުން ސަވާނާ އެނދުމައްޗަށް ފޯނު އެއްލާލައިފިއެވެ.

"ނަންނި ކޮފީ އެއް ބޯނަންތަ.........." ލިވިއާ ވަންއިރު އަތުގައި އާވިއަރައަރާހުރި ކޮފީ ދެމަގެވެ. ސަވާނާ ލިވިއާ ކައިރީ ކޮންމެވެސް ވަރަކަށް މަންމަގެ ވާހަކަދެއްކިއެވެ. މަންމަގެ އެކުވެރިއަކު ދެއްކި ވާހަކައަކުން އޭނަގެ ހިތާމަތައް އިތުރުވެފައިވާ ކަމުގައި ބުނެލިއިރު ތުންފަތުގައި ދަތް އަޅައިލެވުނެވެ. އޭނަގެ ބައްޕަ އެހެން އަންހެންކުއްޖަކާއިއެކު ޗައިނާގައި އުޅެނިކޮށް އެކުވެރިޔާއަށް ފެނުމުން މަންމައަށް ފޮޓޯވެސް ދެއްކިކަމަށާއި މަންމަ އެކަމާއި ޑިޕްރެސްވެގެން ސުއިސައިޑްވާން އުޅުނީކަމުގައި އެކުވެރިޔާ ވަނީ ހީކޮށްފައެވެ. ލިވިއާ ކޮށިއެރިގޮތަށް ކޮފީމަގުވެސް ވެރުނީ އެނދުގައި އަޅާފައިވާ ލެވެންޑާ ކުލައިގެ ރީތި ބެޑްސީޓަށެވެ. އެއްކޮށް ހަޑިވީއެވެ.

"ނަންނިއަށް މަސައްކަތެއް ޖެއްސުނީ..........." ލިވިއާ ހަމަޖެހިލަމުން ހީލިއެވެ. ސަވާނާ ބުނީ އެހާވަރުކަމެއް ނޫންކަމަށާއި ސާފުކޮށްލާނެކަމުގައެވެ.

"ބައްޕަ ރިޗްވީމަ އަންހެންކުދިން ވާނެ. އެއީ މިދުނިޔެއިން އަލަށް އެކަމަނާ އަށް ފެނުނު ކަމެއްތަ؟ ނަންނި މަންމަވެސް އެވަރު ދަންނާނެކަން ނޭގޭ. މީހުންމީހުނާއި އިންނައިރު ބަލާނެ ކަންތައްތަކެއް ހުރޭ. ރީތިކަން މުއްސަދިވުން ނަސަބު މޮޅުވުން ނޫނީ ދީންވެރިވުން. ސޯ ނަންނި ބައްޕަ އެހުރިހާކަމެއް ލިބިފައި ހުރި ސްމާޓް މީހަކަށްވީމަ އަންހެންކުދިން އެޓްރެކްޓްވާނެ. އެކަހަލަ އެކުވެރިން ޖެލަސްވަނީ ތިމާއަށް އެފަދަ މޮޅުކަމެއް ނުލިބިގެން. ގޮސިޕްކުރަމުން ހިނގުން ނޫންކަމެއް ކުރަން ނޭގޭ ތަހުޒީބުގެ ކަންފުޅެއްވެސް ނެތް ބަޔެއްނު އެއީ. އެ ޒާތުގެ މީހުންދެކެ ވަރަށް ފޫހިވޭ. ތެދަށް ބުނަންޏާ އެމީހެއްގެ ދުލުގެ ވިހައިން ނަންނި މަންމައަށް އެހާލުޖެހުނީ....." ލިވިއާ ވާހަކަދެއްކިއިރު ސަވާނާގެ މޫނަށް ބަލާވެސް ނުލައެވެ.

ލިވިއާ އިނީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. އޭނައާއި ސަވާނާގެ ބައްޕަގެ އޮތް ގުޅުމުގައި އެމީހުން ހީކުރާކަހަލަ އެއްވެސް ކަމެއްނެތަސް ސަވާނާއަށް ހަގީގަތް އެނގިއްޖެއްޔާ އޭނަދެކެ ނަފްރަތުކުރަން ފަށާފާނެއެވެ. ބައްޕަ އޮޅުވާލައިގެން ފައިސާގެ ދަހިވެތިކަމުގައި އޭނަ އުޅުނީކަމުގައި ނަންވާނެއެވެ.

ކެރިގަނޑުގެ ބާރު ވަޔާއިއެކު ވާރޭ އޮއްސައިގަތްގޮތުން މިއިން އިރެއްގައިވެސް ހުއްޓާލާނެހެން ހިޔެއްނުވެއެވެ. ކުޑަދޮރުތަކުގައި ދަމާފައިވާ ފޮތިތައް ފުރާނާލާފައި ވިދުވަރުގެ އަލި ގޭތެރެއަށް އެޅިގެންދާއިރު ދުރުދުރުން ގުގުރާލާއަޑު ރޭގަނޑުގެ ހިމޭންކަން ފޫއަޅުވާލާފައިވެއެވެ. ލިވިއާވެސް މޭޕްލްވިލާގެ އަރާމު ކޮޓަރިއެއްގައި ކުއިލްޓްގެ ދަށުގައި ފޮރުވިގެން އޮތްއިރު ނިދީގެ ކަންފުޅެއް އެލޮލުގައި ނުވެއެވެ. ހަމައެފަދައިން ސަވާނާވެސްއޮތީ އެހާލުގައެވެ. ލުކުމާންގެ ހާލު އޮޅުން ނުފިލައިގެން އޭނަގެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. އިރުއިރުކޮޅާ ބެލެނީ ފޯނަށެވެ. ދޭތެރެއަކުން ލުކުމާންގެ ފޯނަށް ގުޅާލާފައި ފުންނޭވަޔެއް ދޫކޮށްލެވެނީ މާޔޫސްކަމާއިއެކުގައެވެ. އެގޮތުގައި މުޅި ރޭގަނޑުވަންދެން ދެމިއޮތުމަށްފަހު އާ ދުވަހަކަށް އިރުއަރައިފިއެވެ. ސަވާނާ މޫނުދޮވެލާ ހަދައިގެން ހެދުން ބަދަލުކޮށްލައިފިއެވެ. ފްލަފީއާއި އަޅާލެވޭވަރެއް ނުވިޔަސް އޭނަ ފްލަފީއަށް ކާންދީފައި ކޮޓަރިއަށް ލިއެވެ. އަމިއްލައަށް ނުކައި ބަނޑަށް ހުއްޓަސް އޭނަ ފްލަފީއަށް "ކެޓްފުޑް" ހޯދާފައި ގަވާއިދުން ކާންދީ އަޅާލައެވެ.

ކޮންމެވެސް މީހަކު ޓަކިދިނުމާއެކު ސަވާނާއަށް ދޮރާއި ދިމާލަށް ދުއްވައިގަނެވުނެވެ. އެއީ އޭނަގެ ހިތުދަސްވެފައިވާ އަޑެކެވެ. އޮބިނޯވެ ތެޅެމުންދިޔަ ހިތަކާއިއެކު ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ ލުކުމާންއެވެ. ޕީޗްކުލައިގެ ޓީޝާޓަކާއިއެކު މުށިކުލައިގެ ފަޓުލޫނެއްގައި ހުރިތަން ފެނި ހިތް އަވަސްވިއެވެ. މުޅިތަނުގައި ހިފައިލީ ލުއި މީރުވަހެކެވެ. ލުކުމާން ފެންނަ ކޮންމެފަހަރަކު ގައިގެ ލޯލިތައް ކޮޅަށްޖެހެނީ ކުރުވާ އަސަރުތަކުންނެވެ.

"މޯނިން ލޫކް....." ސަވާނާއަށް ގޮސް ބައްދާލެވުނެވެ.

"ރޭގައި ހާދަ ވަރަކަށް ގުޅީމޭ. ކޮންތާކު އުޅުނީ؟ އެއްޗެއް ކެއިންތަ؟ " ސަވާނާ ޝަކުވާކުރީ އަޅާލާ ލޯބިވެތި އަނބިމީހާފަދައިންނެވެ. ލުކުމާން ސަވާނާގެ ކޮނޑުގައި ހިފާފައި ކުޑަކޮށް ދުރުކޮށްލަމުން ކުޑަކޮށް ހީލިއެވެ.

"ޑޯންޓް ވޮރީ . އައި ކެން ހެންޑްލް މައިސެލްފް. މިއޮތް ހުރިހާ ދުވަހުވެސް އުޅުނީނު. އަހަރެން މިއީ ގަޑިން ގަޑިއަށް ކާން މާ ވަރު ހުންނަމީހެއްވެސް ނޫން. އަދި އެބައޮތޭ ވާހަކައެއް ދައްކަން. ސަވާނާ އަހަރެން ބުނާކަމެއް ކޮށްލަދޭންވެއްޖެ. އެއީ އާދައިގެ ކަމެއްނޫން. ވަރަށް ވަރަށް ސީރިޔަސް އިޝޫއެއް މިއީ. މިގޭގެ ރެޖިސްޓްރީ އޮންނަނީ ސަވާނާ އަތުގައި ދޯ. އައި މީން ސަވާނާއަށް މިގެ ރެޖިސްޓްރީ ކޮށްދީފައި ބައްޕަ ވާކަން އަހަންނަށް އެނގޭ. ބުނަން މިއުޅޭ އެއްޗަކީ މިޒަމާނުގައި މާލޭގެ ކޮންމެ ތަނަކަށް ބެލިޔަސް މިހުންނަނީ އެތައް ބުރިއަށް ހިއްލާލާފައި ބައެއްބައިތައް ކުއްޔަށް ދީފައެއްނު. ބައްޕަ އެކިމީހުން އަތުން ލޯނު ނަގަމުންގޮސް މި ކުންފުނި މިއޮތީ ބަގުރޫޓުވާ ހިސާބަށްވެސް ގޮސްފައިކަން އެނގޭ. އެހެންވީމަ އެބަޖެހޭ މިކަންތައްތަކަށް ނިމުމެއް ގެނެސް މިގެ އިމާރާތްކުރަން ބަޔަކާއި ހަވާލުކުރަން. އެހެން މީހުންފަދައިން ދިހަބުރި އިމާރާތެއް މިތާގައިވެސް އަޅަންޖެހޭ. ކީކޭ ސަވާނާ ބުނަނީ؟ " ލުކުމާން ސަވާނާ ގެންގޮސް ސޯފާގައި ބައިންދާފައި ވިސްނައިދޭ ރާގަކަށް ވާހަކަދެއްކިއެވެ.

"އަހަރެމެން އުޅޭނީ ކޮންތާކު؟ "

"މޮޔަކުއްޖާ. ތިހުރިހާ ކަމަކާއި ނުވިސްނާ. އަހަންނަށް ދޫކޮށްލާ. ސަވާނާ ދެން އޮފީހަށްވެސް ދާނެކަމެއްނެތް. އަހަރެން އަބަދުވެސް ބުނާ އެއްޗެއް. މީހަކާއި އިނުމަށްފަހު އަނބިމީހާ ލައްވާ މަސައްކަތްކުރުވާކަށް ނޭދެން. އަމިއްލައަށް އާއިލީ ހުރިހާ ޒިންމާއެއް ނަގާ ބުރަކޮށް މަސައްކަތްކޮށްގެން އުފާވެރި އާއިލާއެއް ބިނާކުރަން ބޭނުމީ. އެކަމަކު އަހަންނަށްޓަކާ ކުޑަކުޑަ ކަމެއްކޮށްލަ ދޭންވާނެ އިނގޭ. އަހަރެންގެ ނަމަށް މިގެ ރެޖިސްޓްރީ ކޮށްދޭންވާނެ. އޭރުން ފަހަރެއްގާ އިމާރާތްކުރާ މީހުން ބަގުރޫޓުވެގެން މިކަހަލަ ތަނެއް ނީލަން ކިޔަންޖެހޭއިރުވެސް އަހަންނަށް އެކަމާއި ބޮޑަށް އަޅާލެވޭނީ......."

ސަވާނާގެ ވިސްނުންތެރިކަމުން ލުކުމާން އެދައްކާ ވާހަކަ ހަމަނުޖެހޭކަން ވިސްނުނެވެ. ކޮންމެހެން ލުކުމާންގެ ނަމަށް ރެޖިސްޓްރީކޮށްދޭން ޖެހޭހެއްޔެވެ؟

"އަހަރެންގެ ނަމުގައި އޮތިއްޔާ މައްސަލައެއްތަ؟ "

"ސީމްސް ޔޫ ޑޯންޓް ޓްރަސްޓްމީ. އަހަންނަށް އަޅާލަންޏާ ލޯބިވަންޏާ އެވަރުކަމެއް ކޮށްދެވިދާނެ. ސަވާނާގެ ބައްޕަގެ ނަމުގައި ބޭރުތަންތާ އެތައް ގެއެއް އެބަހުރި. އެތައް ރިޒޯޓެއް އެބަހުރި. އެންމެ ގެއެކޭ އަހަރެންގެ ނަމަށް ބަދަލުކުރަން މިއުޅުނީ. އެވެސް ތަންކޮޅެއް ގަދަޔަށް ވިޔަފާރި ހިންގާލަންވެގެން އެކަމަކު ފިރިމީހާއަށްވެސް އިތުބާރު ނުކުރާ ކުއްޖަކަށް މިވީ.........." ކުއްލިއަކަށް ލުކުމާންގެ މޫނުމަތިން ސީރިޔަސްކަމާއި އެއްވަރަށް ނުރުހުމުގެ ކުލަވަރު ފެނުނެވެ. ލުކުމާން ރުޅިއައުމަކީ އޭނަގެ ހިތަށް ކެތްކުރެވުނު ކަމަކަށް ނުވިއެވެ. ހުސްކަމެއް އިހުސާސްކުރެވުނެވެ. ދެރަވީވަރުން ލުކުމާންގެ އަތުގައި ހިފާލެވުނީ އާދޭހުގެ ނަޒަރަކުންނެވެ. އޭނަ މިހިރީ ލުކުމާންއަށްޓަކާ ފުރާނަވެސް ގުރުބާންކުރާށެވެ. ވީއިރު ދުނިޔެއާއި ވަގުތީ މުދަލާއި އަރާމަކީ ކޯންޗެއްހެއްޔެވެ.

ސަވާނާގެ އިތުބާރު ހޯދަން ލުކުމާން ހެއްދެވިފަރާތް ގަންދީ ހުވާކުރިއެވެ. ދުވަހެއްގެ ކޮޅުންވެސް އޭނަ ސަވާނާ މިގެއިން ބޭރަށް ނުލާނެކަމަށް ވައުދުވިއެވެ. އަބަދަށްޓަކާ ސަވާނާއަށް މިގޭގައި ހުރެވޭނެއެވެ. އަބަދަށްޓަކާ ސަވާނާ ހުންނާނީ އޭނަގެ އަންހެނުންގެ ގޮތުގައެވެ. ވަރިނުކުރާނެކަމުގައި ބުނެ ޔަގީންކަންދިނެވެ. ވައުދުވިއެވެ. ސަވާނާއަށް ލުކުމާންގެ ލޮލުން ތެދުވެރިކަން ނޫން އެހެން އެއްޗެއް ނުފެނުނެވެ. ބައްޕައަށް ސިއްރުން ގޭގެ ރެޖިސްޓްރީ ލުކުމާންއަށް ދީ ނިންމާލަން ސަވާނާ ނިންމީ އެހިތުގައި ލުކުމާންއަށްޓަކާ ވީ ފުން ލޯތްބަކުންނެވެ. ހިތުގައި ދަހިވެތިކަން އެއްވެސް ވަރަކަށް ނެތީމައެވެ. އެއާއިއެކު ފިރިހެނުންގެ މަކަރުވެރިކަމާއި މެދު ސަވާނާއަށް ޝައްކެއްވެސް ނުކުރެވީމައެވެ. ގެ ރެޖިސްޓްރީކޮށްދޭންވެގެން އެތައް މަރުހަލާއެއް ހިންގަންޖެހުނީ ބައްޕައަށްވެސް ނާންގައެވެ. ބައްޕަގެ ސޮއި ހޯދުންވެސް ލުކުމާންއަށް އުދަގުލެއްނުވިއެވެ. އޭނަ ބުނެފައިވަނީ ބައްޕައަށް އެއްވެސް ހާލެއްގައި ނޭންގުމަށެވެ.

ލުކުމާންވަނީ އިމާދުއްދީންގެ ކުންފުނިތަކާއި ގޭގެ ހުރިހާ ހިސާބެއް ބެލުމަށްފަހު އިމާދުއްދީންއަށް ނާންގާ ބައެއްކަހަލަ ބަދަލުތައް އެތަންތަނަށް ގެނެސްފައެވެ. އިމާދުއްދީން ޒުވާންއިރުއްސުރެން ހުންނަ ފޮނި ބޮޑާ މިޒާޖުގެ ސަބަބުން އޭނަގެ ގާތް އެކުވެރިންނެއް މާލޭގައި އުޅޭކަމަކަށްނުވެއެވެ. ގިނައިން ލޯނު ހޯދާފައިވަނީ ބޭރުގެ ކުންފުނިތަކާއި ގުޅިގެންނެވެ. އެތައް މިލިއަން ރުފިޔާއެއް ނަގައިގެން ދަރަނިވެފައިވާތަން ފެނި ލުކުމާން ކުރަންފެށީ ތަފާތުކަމެކެވެ. އިމާދުއްދީންއަށް އަންގާވެސް ނުލާ އޭނަ ގަނެފައި ހުރި ގެތައް ވިއްކާލައިގެން ދަރަނިވެރިވެފައިވާ މީހުންނަށް ފައިސާދައްކާ ޚަލާސްކުރިއެވެ. އެންމެފަހުން ކުންފުންޏަކުން ވަދެގެން އޭނަ އެހެން އިންވެސްޓަރަކު ހޯދަދިނެވެ. އޮފޭލިއާ ކުންފުންޏަކުންނެވެ.

އެކުންފުންޏަކީ ލުކުމާންގެ މަންމަގެ ތަނެއްކަން ނޭގިހުރެ އެލިބުނު އިންވެސްޓްގެ ސަބަބުން އިމާދުއްދީންގެ ނަސީބުގެ ތަރި މެދުއުޑުގައި ފިޔަޖަހަންފެށިކަމުގެ އިހުސާސްކުރެވުނެވެ. އަތަށް އަރާހާ ފައިސާއެއް އޭނަ ދުއްވާލަނީ ސަވާނާއަށާއި ގެ މެނޭޖްކުރަން ކަމުގައި ލުކުމާން ހީކުރިއެވެ.

ލުކުމާންއަށް ކުރެވުނީ ކުށްހީއެކެވެ. އެހުރިހާ ފައިސާއެއް އިމާދުއްދީން ޚަރަދުކުރަނީ ޅަ ލޯބިވެރިޔާގެ ރުހުން ހޯދުމަށެވެ.

ނަބީލާ އެހާލުގައި އޮތްވާ އިމާދުއްދީން އެހެން ގައުމަކަށް ފުރިތަނާ ނަބީލާގެ ހާލު މާބޮޑަށް ދެރަވެ ގުޅަން އުޅެއުޅު އޭނައަކަށް ގުޅޭނެގޮތެއްނުވިއެވެ. އަރުޖަމަންދު ސަވާނާ ކައިރީގައި އެދުނީ އޭނަ މަންމައަށް އެހީވާ ވާހަކަ އެއްވެސް ހާލެއްގައި ބައްޕައަށް ނާންގާ މަޑުކޮށްލަދިނުމަށެވެ. މާޒީގައި އެދެމީހުންގެ ދޭތެރޭގައިވާ ދުޝްމިންކަމުގެ ސަބަބުން އޭނަގެ އެހީތެރިކަން ބައްޕަ ގަބޫލުނުކުރާނެކަމުގައި ބުނެ ސަވާނާގެ ރުހުން ހޯދިއެވެ. ނަބީލާ ބޭރު ގައުމަކަށް ގެންދާން ސަވާނާ ހުއްދަދިނެވެ. ލަންކާފަދަ ކައިރީގައި އޮތްތަނަކަށް ގެންދަން ފަސޭހަވާނެތީ އަރުޖަމަންދު ނިންމީ އެކުވެރިޔާ އެންމެ ފުރަތަމަ އެހިސާބަށް ގެންދާށެވެ. ލސަވާނާއަށް މަންމަގެ ހާލު ފެނި ރޮވޭގޮތްވިއެވެ. މަންމަ އަލުން އަނބުރާ އަންނާނެ ބާވައެވެ. ސަވާނާ ކެތްތެރިވެ ކަރުނަތައް ދިރުވައިލިއެވެ. އެކަނިމާއެކަނި ހުރެ މަންމައަށް ވަދާއުގެ ސަލާމްކޮށްލާފައި އެނބުރި މޭޕްލްވިލާއަށް އައިއިރު ލުކުމާން ކޮފީ ބޯން އިންތަންފެނުމުން ސަވާނާއަށް މިފަހަރު ޝަކުވާ ނުކޮށް ދޫކޮށެއްނުލެވުނެވެ.

"ލޫކް ކީއްވެ މަންމަ ފުރުވަން ނުދިޔައީ؟ ހީކުރީ އޮފީސް ބިޒީވިޔަސް އަންނާނެކަމަށް. ވަރަށް އިންތިޒާރުކުރިން..ލިވީވެސް ބިޒިނަސްކަމަކު އަނެއްކާ ފުރައިފި..............."

"ލިވީގެ ފެމިލީ އުޅެނީ ލަންކާގައި. އެމީހުންނާއި ބައްދަލުކުރަން އެދިޔައީ...." ލިވިއާ ލުކުމާން ކައިރީ ކުދި ދޮގުތައް ހެދުމުގައި އެހާ ކުރީގައި އުޅޭކަމެއް ލުކުމާންވެސް ނުދަނެއެވެ. ލިވިއާ އޭނަގެ ލޮލުގައި އަނދުން އަޅުވާފައި އިމާދުއްދީންއާއިއެކު މިފަހަރުވެސް ފުރައިގެން ދިޔައިރު އޭނައަށް ރޭކާވެސް ނުލިއެވެ. އެހާވަރުން އެކަންތަކާއި ނުވެސް އުޅެވެނީއެވެ. ފަރުވާކުޑަކޮށްލެވުނީއެވެ. ލިވިއާއާއި އޭނަ އިންނަން ހުރިއްޔާ އެކަންވާނެ ނޫންހެއްޔެވެ؟

"ބައްޕަގެ އާއިލާ އެއްވެސް މީހަކު ނުދޭ. މަންމަގެ ފަރާތުން އަހަރެން އެކަނި ދިޔައީ. މަންމަ ކިހާ ލޯންލީކަން އެނގުނީ މިއަދު........."

"މަންމަގެ ހުރެއެއްނު ރަގަޅު ފްރެންޑެއް. ވީއިރު އެކަމާ ނުވިސްނާ....." ލުކުމާން ކޮފީތަށި ތުނބުގައި ޖެހިއެވެ. މާފަށް އެދޭކަށް ނޫޅުނުތާގައި އޭނައާއި ދިމާލަށް ބަލައިވެސް ނުލިއެވެ. ލުކުމާން އޭނަދެކެ ލޯބިނުވަނީހެއްޔެވެ؟ ސަވާނާ މަޑުމަޑުންގޮސް ލުކުމާންއާއި ޖެހި ފިތިގެން އިށީދެ އެކޮނޑުގައި ބޯ އަޅާލައިފިއެވެ. މަންމަގެ ހާލާއިމެދު ހިތާމަކުރާކަމަށް ބުނިއިރު ނުރޮވި އިނީ ހަމަކިރިޔާއެވެ. ލުކުމާން އެއްޗެކޭ ނުބުނެ އަހަން އިނެއެވެ. ސަވާނާ ބުނީ އޭނައަށް މަންމައާއި އަޅާނުލެވުކަމަށެވެ. ގެއަށް ވަނުމުން މަންމަ ހަދާންވަނީ ކަމުގައެވެ. މަންމަ ފެންނަން ނެތުމުން ފަޅުކަން އިހުސާސްވާ ވާހަކައެވެ. ގިނައިރު ނުކައި ބަނޑަށް ހުންނަވާހަކައެވެ. އެވާހަކަ ދައްކަމުން ދިޔައިރު އެ މައުސޫމް ލޮލުން ވެއްޓުނު ކަރުނަތިކި އަމިއްލަ އަތުން ފޮހެލިއެވެ.

ލުކުމާން ސަވާނާ މަޑުމަޑުން ގަޔާއި ދުރުކޮށްލާފައި ގޮސް ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. ސަވާނާއަށް އުދަގޫގޮތެއް އިހުސާސްކުރެވުނެވެ. އެންމެ ރެއެއްގެ އުފާތަކަށްފަހު ލުކުމާން އުޅެނީ ބީރައްޓެއްސެއް ފަދައިންނެވެ. އެހެން އެހަދާ ސަބަބަކާއިމެދު ސުވާލުކުރަން ބޭނުންވިޔަސް ކެރޭނީ ކިހިނެއްހެއްޔެވެ؟

ވިއްސާރަ ވިލާތައް އުޑުމަތީ ގިނަވަމުންގޮސް އިރުގެ އަލިކަން ފަނޑުކޮށްލާ ރުޅިވެރިކަމާއިއެކު ދުނިޔެއަށް ހަމަލާދިންފަދައެވެ. ކުށެއްނެތް ގަސްތަކަށް އެ ހަމަލާތަކަށް ކެތްނުކުރެވިގެން ދެފަރާތަށް ހޫރެމުންދާއިރު ފަޒާގައި އެއަޑު ހިފާލާފައިވެއެވެ. ދެންމެ ދެންމެ ވާރޭ އޮހިގެންފާނެކަހަލައެވެ. ލުކުމާން ހަވީރުދިޔަގޮތަށް ގެއަށް ނައިސްގެން ސަވާނާ އިނީ ބިރުންކުރާނެ ކަމެއްނޭގިފައެވެ. މިހާރު ރޭގަނޑު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ސިޓިންރޫމްގެ ސޯފާއަކަށް އެރިގޮތަށް ދެކަކޫ މޭގައި ޖައްސާ ބާރުކޮށްލައިގެން އިދެ ލުކުމާންގެ ފޯނަށް ގުޅިއެވެ. ރިންގުވިޔަސް އޭނަފޯނެއް ނުވެސް ނަގައެވެ.

"ބަނޑުހައިވެސް އެބަވޭ. ގޭސްފުޅިވެސް ހުސްވެފައި އެހެރީ. ކާނެ އެއްޗެއްނެތް. ކުރިން ފްރިޖް ބަރާވެފައިހުންނަނީ ޗޮކްލެޓާއި އެއްޗެހިން. ބައްޕަ ކައިރި ބުނާކަށް ނުވެސްޖެހޭ. ކާޑުގައި ހުރި ފައިސާވެސް ބައްޕަ ނަގާ ހުސްކުރީ. ނުކައި ބަނޑަށް ހުރެ ބާ މިރޭވެސް ނިދަން ޖެހޭނީ. ލޫކް ގެއަށް އާދެބަލަ. ކޮންމެވެސް އެއްޗެއް ގެނެސްދީބަލަ. ބައްޕަވެސް ކޮންތާކު ތިހިރީ ގުޅާވެސްނުލާ. މަންމަ ހުރިނަމަ...." ސަވާނާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އަމިއްލަ އެކަނިވެރިކަމާއި ނިކަމެތިކަން އިހުސާސްކުރެވި ހިތުގައި ޖެހިފައި އިންދާ ދޮރު ހުޅުވައިލުމުން ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ.

ދޮރުމަތީގައި ހުރީ ލުކުމާންއެއް ނޫނެވެ.

(ނުނިމޭ)

comment ކޮމެންޓް