އިންސާފުވެރި މިނިވަން އިންތިހާބެއް ބޭއްވުމަށް ހުއްޓުމެއްނެތި އެބަ މަސައްކަތްކުރަން: ސަރުކާރު

ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ ގަބޫލުކުރެވޭނެ އިންސާފުވެރި އަދި މިނިވަން އިންތިހާބަކަށް ހެދުމަށް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން އެހެން ބުނެފައި މިވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް ބައިވެރިވެވޭ ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް މަގުފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭންޖެހޭ ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ނެރުނު ބަޔާނަކަށް ރައްދުދެއްވައި މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، 2008 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި، ބައިނަލްއަގްވާމީ ފަރާތްތަކުން ގަބޫލުކުރި އިންސާފުވެރި އަދި މިނިވަން ދެ ރިޔާސީ އިންތިހާބަކާއެކު އެތައް އިންތިހާބެއް ބާއްވާފައިވާ ކަމަށެވެ.

އެހެންކަމުން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ ވެސް އެހެން އިންތިހާބުތަކާ ތަފާތު އިންތިހާބަކަށް ވެދާނެ ކަމަށް ސުވާލު އުފެއްދޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެކަން (މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް) ސަރުކާރުން މިދަނީ، ކަމާގުޅުންހުރި އިދާރާތަކާއި ބައިނަލްއަގްވާމީ ޕާޓްނަރުން އަދި ވަކިން ހާއްސަކޮށް ޔޫރަޕިއަން ޔުނިއަންއާ ގުޅިގެން ހުއްޓުމެއްނެތި މަސައްކަތްކުރަމުން،" ދައުލަތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އީޔޫ އިން ނެރުނު ބަޔާނުގައި ރިޝްވަތު ދިނުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަށް ވެސް ދިވެހި ދައުލަތުން ވަނީ މިއަދު ރައްދު ދެއްވައިފަ އެވެ.

އެގޮތުން ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކުރީ ހުކުމެއް ނީއްވާ ހަ މަސް ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ދޫކޮށްލިތާ ގިނަ އިރުތަކެއް ނުވަނީސްކަން އީޔޫ އިން ބުނެފައިވާތީ އެކަން ދޮގުކޮށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ފާރިސްގެ ބަންދުގެ މުއްދަތު އިތުރުވެގެންދިޔައީ އޭނާގެ ގާނޫނީ ޓީމުން ހުށަހެޅި މައްސަލަތަކުން ކަމަށެވެ.

އަދި ފާރިސްގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަކީ ރާއްޖޭގެ އިތުރުން އެހެން ގައުމެއްގައި ނަމަވެސް ސީރިއަސް ތުހުމަތުތަކެއް ކަން ފާހަގަކުރައްވައި ފޮރިން މިނިސްޓްރީން ބުނީ، ފާރިސްގެ ޝަރީއަތަކީ މިނިވަން އަދި އިންސާފުވެރިކަމާއެކު ކުރިއަށްދާ ޝަރީއަތެއްކަން ސަރުކާރުން މިހާރު ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ކަށަވަރު ކުރާނެ ކަމަށެވެ.

މަޖިލިސް މެމްބަރުތަކަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ފާރިސް ޖަލުގައި ބަންދުކޮށްގެން ހަމަސް ދުވަހު ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް ހޮނިހިރު ދުވަހު މެންދުރު އޭނާ ވަނީ އަލުން ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް