ކައުންސިލަރުން ސަސްޕެންޑް ކުރިޔަސް އިސްލާހީ މަސައްކަތަށް ބަދަލެއް ނާންނާނެ: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ހއ. އިހަވަންދޫ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކުރިޔަސް އިސްލާހީ މަސައްކަތަށް ބަދަލެއް ނާންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި ކައުންސިލަރުން އަމަލުކުރި ގޮތުގެ ސަބަބަބުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އިއްޔެ އިން ފެށިގެން ތިން މަސް ދުވަހަށް އެރަށު ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރިއަށް ގެންދާ ހަރަކާތްތަކާއި ޖަލްސާތައް ބާރަށް ކުރިއަށް ދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ހަރަކާތުގައި ބައިވެރިވާ ކައުންސިލަރެއް ވެސް އަދި އަޅުގަނޑުމެންގެ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހަކު ވިޔަސް އަދި ޕާޓީގެ ހަތަކާތްތެރި ކަމުގައި ވިޔަސް ތިބީ މިކަން ހުއްޓާލާފައި ފަހަތަށް ޖެހޭ ގޮތަކަށް ނޫން،" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑުކުރީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމަށެވެ.

"އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑު ކޮށްފައިވަނީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށެއް ނޫން. އެ ބޭފުޅުން އެ ވިދާޅުވާ ތާރީހެއްގައި ޖަލްސާއަށް އެއްބާރުލުން ނުދިން ކަމަށް ބުނެ، އޭގެ ތިން މަސް ފަހުން ސަސްޕެންޓް ކުރީ އަޅުގަނޑުމެންގެ ޖަލްސާ މާދަމާރޭ ކާމިޔާބު ކަމާއެކު ބާއްވާނެ ކަން އެނގޭތީ." އޭނާ ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން ދިޔައިރު، އިހަވަންދޫ ކައުންސިލަރުން އަމަލުކޮށްފައި ވަނީ ގައުމީ ފެންވަރުގައި ފާހަގަކުރެވޭ ފަދަ މުހިންމު މުނާސަބަތެއްގައި ކައުންސިލުން އަމަލުކޮށްގެންވާނެ ފަދަގޮތަކަށް ނޫން ކަމަށް އެލްޖީއޭ އިން ވަނީ ބުނެފައެވެ. އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑުކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ.

ސަސްޕެންޝަން އުވާލަންދެން އިހަވަންދޫ ކައުންސިލް ހިންގުން ޒިންމާދާރުވެރިޔާއާ ވަނީ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް