ސޮނޭވާ މޫދުތެރެއިން ފެނުނު ހަށިގަނޑުން ސާމްޕަލް ނެގުމަށްފަހު ވަޅުލައިފި

ސޮނޭވާ މޭދުތެރެއިން ފެނުނު އިންސާނެއްގެ ހަށިގަނޑު ---

މިއަދު ހެނދުނު ނ. ސޮނޭވާ ޖާނީ ރިސޯޓުގެ ފަޅުތެރެއިން ފެނުނު އިންސާނެއްގެ ހަށިގަނޑުން ސާމްޕަލް ނެގުމަށްފަހު ވަޅުލައިފިއެވެ.

ސޮނޭވާ ރިސޯޓުގެ މޫދު ރޫމުތައް ކައިރިން އެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައެވެ. އަދި ހަށިގަނޑުގައި ބޮލާއި ދެ އަތުގެ އިތުރުން ދެ ފައިގެ ވެސް އެއްބައި މަދެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ހަށިގަނޑުގެ މެދުގައި ވަނީ ވަލެއް ވެސް އައްސާފައެވެ.

ހަށިގަނޑު ފެނުނު ބައެއް މީހުން 'ސަން' އަށް ބުނިގޮތުގައި ބެލެވޭ ގޮތުގައި އެ ހަށިގަނޑުގައި ވަލެއް އައްސާފައި ވަނީ މޫދުއަޑިއަށް ފެއްތުމަށެވެ. އަދި ހަށިގަނޑު މައްޗަށް އަރާފައިވަނީ ގިނަ ދުވަސްތަކެއްވުމުން ވާގަނޑު ކަނޑައިގެން ގޮސްގެން ކަމަށް ބެލޭވޭ ކަމަށް ވެސް މަންޒަރުދުށް މީހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ މިއަދު ހެނދުނު ފެނުނު އެ ހަށިގަނޑުން ސާމްޕަލް ނެގުމަށްފަހު ވަޅުލާފައިވާ ކަމަށެވެ. ހަށިގަނޑު ވަޅުލާފައިވަނީ ނ. އަތޮޅުގެ ފަޅު ރަށެއްގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

"ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ. އަދި ބުނާކަށް ނޭނގޭ އަންހެނެއްކަމެއް ފިރިހެނެއް ކަމެއް ވެސް. ޓެސްޓުތަކަށް ފަހު ވަކި އެއްޗެއް ބުނަން އެނގޭނީ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް