ތެދުމަގަށް ތައުފީޤު ދެއްވީ އަރަހުށި މާތްﷲ އެވެ.

މައްކާގެ ހަރަމްފުޅު-- ފޮޓޯ: އޭޕީ

އަސްލު ލިޔުއްވީ ޢުބައިދުﷲ ޤާދިރީ

ދިވެހި ބަހަށް ތަރުޖަމާކުރީ: އަބްދުﷲ ފާރޫޤު ޙަސަން

އަޅުގަނޑުގެ ކްރިސްޓިޔަން ސަންޑޭ ސްކޫލުގެ ޓީޗަރ މިސްޓަރ ބްރެޑް ވަރަށްގިނައިން ބުނާގޮތުގައި މުސްލިމުން އެބައިމީހުންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށް އަރުވަނީ ވަރަށް މަތީ މަޤާމެކެވެ. އަރަހުށި މާތްﷲގެ ރަސްކަންފުޅަށް ވުރެވެސް މަތީމަޤާމެކެވެ. އިންސާނަކު ﷲ ގެ ރަސްކަންފުޅާ އެއްފަދަ ކުރާ ވާހަކަ އަޑުއިވުމުން އަޅުގަނޑު އޭރުވެސް ހައިރާންވިއެވެ. އިންސާނަކު މާތްﷲގެ ރަސްކަންފުޅާ ހަމަހަމަ ކުރެވޭނީ ކޮންގޮތަކުން ބާވައޭ މިސުވާލު އަޅުގަނޑުގެ ހިތުގައި އުފެދުނެވެ. ނަމަވެސް އިސްލާމްދީނާބެހޭގޮތުން އަޅުގަނޑު ވަރަށްކުޑައިރު އަޅުގަނޑުގެ ހިތުގައި އުފައްދައިދެވުނު މިކުށްހީއަކީ އިސްލާމްދީނާ މެދު ހޯދައިބެލުމަށް އަޅައިދެވުނު ބިންގަލެކެވެ.

އަޅުގަނޑުގެ ނަމަކީ ލޮރީއެވެ. އަޅުގަނޑު ދުނިޔެއަށް ލޯހުޅުވައިލީވެސް ބޮޑުވެ ފުރާފުރިހަމަވީވެސް އެމެރިކާގެ ކްރިސްޓިޔަން އާއިލާއެއްގެ ތެރޭގައެވެ. އަޅުގަނޑުގެ އާއިލާގެ މެމްބަރުންނަކީ އެކަކު އަނެކަކުދެކެ ވަރަށް ލޯބިވާ ބަޔެކެވެ. ހީވާގި މަސައްކަތްތެރި ބަޔެކެވެ. އަޅުގަނޑުގެ މަންމަ އެއްކައުވަންތަ ކަލެއްގެ ޢަޤީދާ ހިތްޕުޅުގެ އަޑީން ޤަބޫލުކުރައްވައެވެ. މަންމަ އަޅުގަނޑުގެ ހިތުގައި ބިންވަޅު ނަންގަވައިދެއްވީ ވެސް އެޢަޤީދާއެވެ. ނަމަވެސް މަންމައާއި ބައްޕައާ ދެކަނބަލުންވެސް ޗާޗަށް ވަޑައިގަންނަނަވައެވެ. ވަޑައިގަންނަވަނީ މެތޮޑިސްޓް ޗާޗަށެވެ. ޗާޗުގައި ވަޢުޡު ބުނާއިރު ބައެއްފަހަރު އަޅުގަނޑުވެސް މަންމަމެންގެ އަރިހުގައި އިންނަމެވެ. ނަމަވެސް އަޅުގަނޑު ގިނައިން ބައިވެރިވަނީ ބިންގަރާސްބައިގައި ޒުވާނުންނަށް ބާއްވާ ކިލާސްތަކާއި ކުޅިވަރުތަކުގައެވެ. އެކިލާސްތަކުން ކިޔެވި އެއްޗެއް މިހާރަކު ހަނދާނެއްނެތެވެ. އަޅުގަނޑަށް ހޯދެނީ ރަޙްމަތްތެރީންނާއެކު ވަގުތު ހޭދަކޮށްލަން ދައްކާނެ ބަހަނާއެކެވެ.

ޅައުމުރުގައި އަޅުގަނޑު ކަލަކު ވޮޑިގެންވާކަން ޔަޤީންކުރަމެވެ. ނަމަވެސް އެއީ ޗާޗުގެ ފާދިރީން އަޑުއަރުވާ ކަހަލަ ޔަޤީންކުރުމެއްނޫނެވެ. ފާދިރީންގެ ވަޢުޡަކި ތާރީޚީ ވާހަކަ ކިޔައިދިނުން ކަހަލަ ކަމެކެވެ. އެމީހުންގެ ބަސްމަގުހުންނަނީ އެމީހުން ދައްކާހައި ވާހަކަ އެއް ޤަބޫލު ކޮށްގެން ދައްކާ ހައި މަގަކުން ހިނގުމުން ރަނގަޅުމީހުންނަށް ވެވޭނެކަން ވިސްނައިދިނުމުގެ މައްޗަށެވެ. ޚާއްޞަ ބައެއް ދުވަސްދުވަހުގެ މުނާސަބާގައި ރޭގަނޑު އަޅުގަނޑު ބައިބްލްކިޔަވަމެވެ. އޭރު ވެސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެންމެ މަތިވެރި ފަރާތަކީ ކަލާނގެ ޒާތުފުޅެވެ. އެހެންކަމުން ކުޑައިރު އަޅުގަނޑާއި ކަލާނގެ ރަސްކަންފުޅާ އޮތީ ސީދާގުޅުމެކެވެ.

ކުރީންވެސް ދެންނެވި ފަދައިން އަޅުގަނޑު ބައިބްލްވެސް މަތިމަތިން ކިޔަވައި އުޅެމެވެ. ނަމަވެސް އަޅުގަނޑު ހޭޖެހެމުން ދިޔަވަރަކަށް އަޅުގަނޑުގެ ހިތުގައި ކަލާނގެ ޒާތުފުޅާ ބެހޭގޮތުން ތަފާތު ސުވާލުތައް އުފެދޭންފަށައިފިއެވެ. ޚާއްޞަކޮށް ކަލާނގެ ރަސްކަންފުޅާ ބެހޭގޮތުން ޗާޗުން ދަސްކޮށްދޭ ތަޞައްވުރާ ބެހޭގޮތުންނެވެ. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ޖީސަސްއަކީ ވެސް ކަލާނގެއެކޭ ފާދަރަކު ބުނުމާއެކު އަޅުގަނޑުގެ ހިތްއެކަމާ އިންކާރުކޮށްފިއެވެ. ކުރީންވެސް ދަންނަވައިފައިވާނެ ފަދައިން އަޅުގަނޑު ކުޑައިރު އަޅުގަނޑަށް ދަސްކޮށްދެވިފައިވަނީ އެއްކައުވަންތަކަމެވެ. ނަމަވެސް އަލަށް އަޑުއިވޭން މިފެށީ ކަލާނގެރަސްކަންފުޅު ފިޔަވައި ޖީސަސްއަކީވެސް ކަލާނގެއެއްކަމުގައެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ޖީސަސްއަކީވެސް ކަލާނގެއެއް ކަމުގައިވާނަމަ ކަލާނގެ އެއްކައުވަންތަކަމުގެ މާނައަކީ ކޮބައިހެއްޔެވެ. ކަލާނގެ ރަސްކަންފުޅަށް ލިބިވޮޑިގެންވާ އަހަންމިއްޔަތަކީ ކޮބައިހެއްޔެވެ؟ އަޅުގަނޑުމެން ޖީސަސްއަށް އަޅުކަންކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ. ކަލާނގެ ރަސްކަންފުޅާއި ޖީސަސްއާ ދެފަރާތުންކުރެ ލޯޑަކީ ނުވަތަ ސާހިބުވަންތަ ފަރާތަކީ ކޮބައިހެއްޔެވެ؟ ޖީސަސްހެއްޔެވެ. ނުވަތަ ގޯޑު (ކަލާނގެރަސްކަންފުޅު) ހެއްޔެވެ؟ ޖީސަސް ދުނިޔޭގައި ހުންނަވައި އަޅުކަންކުރައްވައި ދުޢާކުރައްވައި އެއުޅުއްވީ އަމިއްލަފުޅު ނަފްސަށްހެއްޔެވެ. ޖީސަސް އަވަހާރަވުމުން ކަލާނގެވެސް އަވަހާރަވީހެއްޔެވެ. މިގޮތުން ތިންކައުވަންތަކަމުގެ އަރަތާމެދު އަޅުގަނޑުގެ ޙައިރާންކަން އެއްފަހަރާ ސައްތަޔަށް އެރިއެވެ. މިއޮޅުންބޮޅުންތަކުން ނިކުތުމަށް އެކަކަށްވެސް އަޅުގަނޑަކަށް އެހީއެއް ނުވެވުނެވެ. އެންމެންވެސް ބުނަނީ އަޅުގަނޑުގެ ބުއްދީގައި އުނިކަމެއްހުރީކަމުގައެވެ. އަޅުގަނޑުގެ އީމާންކަން ބަލިކަށީކަމުގައެވެ. ތިންކައުވަންތަކަމާ ބެހޭގޮތުން އެއްވެސް މީހަކަށް އަޅުގަނޑު ހިތްހަމަޖެހޭފަދަ ޖަވާބެއް ނުދެވުނެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. އާދަމުގެފާނު ފަރާތްޕުޅުން ހިނގައި ދިޔަ "އެންމެފުރަތަމަ ކުށުގެ" ބަދަލުގައި އޭގެ އެތަކެއްހާސް އަހަރު ފަހުން "ކަލާނގެ ދަރިކަލުން" ޤުރްބާންވެވަޑައިގަންނަވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ކޮންމާނައެއްހުރި ކަމެއްހެއްޔެވެ. އާދަމުގެފާނާއި އީސާގެފާނާދެމެދު ދުނިޔޭގައި އުޅުނު އެއްވެސް މީހަކަށް އީސާގެފާނަކަށް އީމާނެއްވެސްނުވެވެއެވެ. އެހެންވީއިރު އެމީހުންގެ ކަންތައްތައްވާނީ ކިހިނަކުންހެއްޔެވެ. ކްރިސްޓިޔަނިޓީ ބުނާގޮތުގައި ސަލާމަތްވާނީ އީސާގެފާނަށް އީމާންވެގެން ކަމުގައިވާތީއެވެ. ކޮންމެއަކަސް އަޅުގަނޑުގެ މަންމައާއި ދައްތަ އާއެކު އަޅުގަނޑު ބައެއްފަހަރު ޗާޗަށް ގޮސްއުޅުނީމެވެ. މެތޮޑިސްޓް ޗާޗު ފިޔަވައި އެހެނިހެން ޗާޗުތަކަށްވެސް ގޮސް އުޅުނީމެވެ. އެގޮތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑަށް ވަނީ ކްރިސްޓިޔަން ދީނުގެ ތަފާތު ފިރުޤާތަކުގެ ތަފާތު ފައްޅިތައް ތަޖުރިބާކުރެވިފައެވެ. އެކިއެކި ފިރުޤާތަކުގެ ޗާޗުތަކުގައި ބައިވެރިވެވިފައެވެ. އެފައްޅިތަކުގައި ކުރެވޭ ކަމަކީ ޕާޓީކުރުމެއް ނުވަތަ ހަފުލާއެއްގައި ބައިވެރިވުންކަހަލަކަމެކެވެ. އެތަންތާކު އަޅުކަންކުރާ ފަރާތާމެދުވެސް އަޅުކަންކުރެވޭ ފަރާތާމެދުވެސް ފިކުރުކުރުމެއްވެސް ނޯވެއެވެ. އެހެންކަމުން ވަރަށް ދިގުމުއްދަތަކަށް އަޅުގަނޑު ހުންނާން ޖެހުނީ ކްރިސްޓިޔަން އަޤީދާތަކާ މެދު އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަންފެންބޮވައިގެންފައެވެ.

ހައިސްކޫލަށް ވަނުމަށްފަހު އަޅުގަނޑާ އެއްފުރައެއްގެ ކްރިސްޓިޔަން އަންހެންކުދީންގެ ގްރޫޕެއްގައި އަޅުގަނޑު ބައިވެރިވެއްޖައީމެވެ. އަޅުގަނޑުމެން ހުރިހާ ކުދީން ޗާޗުގެ ހަފުލާތަކަށް ގޮސްއުޅެމުއެވެ. "ޖީސަސް: ސަލާމަތް ކޮށްދެއްވާ ފަރާތް" މިޙަވާލާއިން އެހެންކުދީންނާ ޚިޔާލު ބަދަލުކޮށްހަދަމުއެވެ. މިފަދަ ގްރޫޕު ބައްދަލުވުމެއްގައި ގްރޫޕްލީޑަރ އަޅުގަނޑުމެންގާތު ދުއާކުރާން ބުނުމުން އެކިކުދީން އެކިގޮތްގޮތަށް އެކިލަފުޒުތަކުން ދުއާކުރާންފަށައިފިއެވެ. އަޅުގަނޑު އެކަމާ ހައިރާންކަން ފާޅުކޮށްފީމެވެ. އަޅުގަނޑު ބުނެފީމެވެ. ބައިބްލް އަހަރެމެންނަށް އަޅުކަންކުރާނެ ގޮތާއި ދުއާކުރާނެގޮތް ދަސްކޮށްނުދެނީ ކީއްވެހެއްޔެވެ.؟ ގްރޫޕުގެ ކުއްޖެއް އަޅުގަނޑުގެ ވާހަކަޔަށް ޖަވާބުދިނެވެ. "ކޮންމެ ގޮތެއްވެސް ރަނގަޅުވާނެއެވެ." އެންމެ ކުރީއްސުރެ އަޅުގަނޑު ޤަބޫލުކުރާގޮތުގައި މާތްކަލާނގެ އިންސާނުން ހެއްދެވީ އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރަން ކަމުގައިވާއިރު އަޅުކަންކުރާންވީގޮތް ދަސްކޮށްދެއްވާނެކަމީ ޔަޤީންކަމެކެވެ. މިބާވަތުގެ ސުވާލުތަކުގެ ޖަވާބެއް ނުލިބި ސުވާލުތައް ގިނަވަމުން ދިޔަވަރަކަށް އަޅުގަނޑަށް ހައްތާވެސް ދެވުނީ ޗާޗާދުރަށެވެ.

(ނުނިމޭ)

comment ކޮމެންޓް