ކުޑަކާއްޓޭ، ބަޓިސް އަދި އައްކަޅޭ ނުލައި ގައުމީ ސްކޮޑު އިއުލާންކޮށްފި

އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އިޝާން މުހައްމަދު (ބަޓިސް) އަދި އަޝްފާގު އާދަމް (އައްކަޅޭ) ނުލައި ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑު އިއުލާންކޮށްފި އެވެ.

އަންނަ އޭޕްރީލް މަހުގެ 16 އިން 23ގެ ނިޔަލަށް ބަނގުލަދޭޝްގައި ބާއްވާ އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ނެގި ގައުމީ ސްކޮޑު އިއުލާންކޮށްފައި ވަނީ، މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ ރަސްމިއްޔާތުގައި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފެވެ.

ސްކޮޑުގައި ނުހިމެނުނު އެންމެ މުހިންމު ކުޅުންތެރިޔަކީ ކުޑަކާއްޓޭއެވެ. ވީއޭއެމް އިން ބުނި ގޮތުގައި ކުޑަކާއްޓޭ ސްކޮޑުގައި ހިމަނާފައި ނުވަނީ އަމިއްލަ ކަންތައްތަކެއް ހުރުމުން ޓީމާ އެކު މުބާރާތުގައި ވާދަކުރަން ނުދެވޭތީ އެވެ.

ކުޑަކާއްޓޭއާ އެކު ދެން ޓީމުގައި ނުހިމެނޭ ބަޓިސްއާއި އައްކަޅޭއަކީ ކުރިން ވެސް ޓީމުގައި ނުހިމެނޭނެ ކަމަށް ބެލެވުނު ދެ ކުޅުންތެރިންނެވެ. އެ ތިން ކުޅުންތެރިންނަކީ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ގައުމީ ޓީމަށް ކުޅުނު ތިން ކުޅުންތެރިންނެވެ. އޭގެ ތެރެއިން ބަޓިސްއަކީ ވަރަށް ފަހަކާ ޖެހެންދެން ގައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު ކުޅުންތެރިއެކެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވީއޭއެމް އިން ސީނިއާ ކުޅުންތެރިންތަކެއް ސްކޮޑުން ބާކީކޮށްފައި މިވަނީ، ގައުމީ ވޮލީ ޓީމުތައް ރިފޯމް ކުރުމުގެ މަސައްކަތް ފެށުމާއެކު އެވެ. މިހާރު ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ވީއޭއެމްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހެ އެވެ. އެކަމަކީ ގައުމީ ޓީމުގެ ކުޅުންތެރިން ޒިންމާދާރު ކުރުވަން ކުރާ ކަންތައްތަކެއް ކަމަށް ވީއޭއެމްއިން ބުނެ އެވެ.

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ މުހައްމަދު ސާޖިދު (ކާއްޓޭ)އެވެ. މިއަދު ވަނީ ގައުމީ ޓީމަށް އިތުރު އެސިސްޓަންޓް ކޯޗެއް ހަމަޖައްސައި އިއުލާންކޮށްފަ އެވެ. އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގައި ވެސް ގައުމީ ޓީމަށް ކުޅުނު ލިބަރޯ ޖުނައިދު އަބްދުﷲ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ޖުނައިދު ހަމަޖެއްސި ނަމަވެސް، އޭނާ އަދި ވޮލީ ކުޅުން ހުއްޓާލާފައެއް ނުވެ އެވެ.

އޭޝިއަން ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ގައުމީ ވޮލީ ޓީމުގެ 19 ކުޅުންތެރިންގެ ސްކޮޑު:

  • އަލީ ހުޒާމް (ހުޒާންޓޭ)
  • އާދަމް ފައިރޫޒް
  • އަހްމަދު އަބްދުލް ކަރީމް (ލޯންގޭ)
  • އަލީ މައުރޫފް
  • ހަސަން ނިލާމް
  • ހުސައިން ވިޝާމް
  • އަހްމަދު ޝިމާއު
  • އަހްމަދު ފާޒިލް
  • އަހްމަދު އަނިލް ނަސީރު
  • ޖަވާމް އަލީ
  • އަބްދުﷲ ޝަންވާޒް
  • މުހައްމަދު މިމްރާހް
  • ޝުއައިބު އަބްދުލް ލަތީފް
  • މުހައްމަދު މިމްރާހް ހަސަން
  • ޔޫސުފް ޝައްމާން
  • މުހައްމަދު އިއުޖާޒް އަލީ
  • އާދަމް ނަސީމް
  • އަހްމަދު އަލަމް މުހައްމަދު ދީދީ
  • މުހައްމަދު ނައީމް
comment ކޮމެންޓް