ފުޑް އެންޑް ބެވަރެޖް ސާވިސަސްގެ ދާއިރާއިން މީހުން ތަމްރީނުކުރަނީ

2015 ވަނަ އަހަރުގެ ދަސްވާރު ޕްރޮގްރާމްގެ ދަސްވެނިވުން ފާހަގަ ކުރުމުގެ ގޮތުން ކުއްލިއްޔާގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުޑް އެންޑް ބެވަރެޖް ސާވިސަސްގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް މި މަހު ފެށުމަށް ނިންމައިފިއެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގް އޮތޯރިޓީ (ޓިވެޓް) އިން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުޑް އެންޑް ބެވެރެޖް ސާވިސްގެ ނޭޝަނަލް ސެޓްފިކޭޓު ތިނެއް އަދި ހަތަރެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެ އޮތޯރިޓީއިން ބުނީ އެޕްރޮގްރާމް ފުރިހަމަކޮށް، ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން (އެމްކިއުއޭ) ގަބޫލުކުރާ ލެވެލް ތިނެއް ނުވަތަ ހަތަރެއްގެ ސަނަދެއް ލިބޭނެ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ސެޓްފިކެޓް ތިނެއްގައި ބައިވެރި ވެވޭނީ ގްރޭޑް ހަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އެ ކޯހުގެ މުއްދަތަކީ ހަ މަސް ދުވަހެވެ. އަދި ސެޓްފިކެޓް ހަތަރެއްގައި ބައިވެރިވެވޭނީ ސާނަވީ އިމްތިހާނަކުން ތިން މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. މި ކޯހުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.

ޓިވެޓުން ބުނީ މިފަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހޮވޭ ދަރިވަރުންނަކީ ސްޕޮންސަ ކުރެވިފައިވާ ދަރިވަރުންނަށް ވާތީ ކޯހުގެ ފީ ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި ކޯހުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ މި މަހުގެ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

comment ކޮމެންޓް