ކާގޯ އޮޕަރޭޝަންތަކުގެ އާމްދަނީއަށް ފަސް އަހަރު ތެރޭގައި 300 ޕަސަންޓުގެ ކުރިއެރުމެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ކޮމްޕްލެކްސް އަޅަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކާގޯ އޮޕަރޭޝަންސްގެ ދާއިރާއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އާމްދަނީ 300 ޕަސަންޓަށް އިތުރުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު އަހަރަކު ޕްރޮސެސް ކުރަނީ 60،000 ޓަނަށް ވުރެ މަދު ކާގޯ އެވެ.

އެހެން ނަމަވެސް އަލަށް އަޅާ 12،000 އަކަ މީޓަރުގެ ކާގޯ ކޮމްޕްލެކްސްއާ އެކު، އަހަރަކު ޕްރޮސެސްކުރާ ކާގޯގެ އަދަދު 120،000 ޓަނަށް އަރާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެއާޕޯޓުން ޕްރޮސެސްކުރާ ކާގޯގެ އަދަދު މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރުވެފައިވާ ކަމަށެވެ.

"ދެހާސް ތޭރައިން 2017 އާ ދެމެދު ބަލާއިރު މި އިންޑަސްޓްރީ މި ވަނީ ކުރިއަރާފައި. ހިސާބުތައް ބަލާއިރު 2013 އިން މިއަދާ ހަމައަށް އާމްދަނީ 300 ޕަސަންޓަށް ވުރެ އިތުރުވެފައި ވުމަކީ ކާގޯ އޮޕަރޭޝަންސް އިތުރުވެފައިވާ މިންވަރު ހާމަކޮށްދޭ ހަގީގަތެއް،" އާދިލް ވިދާޅުވި އެވެ.

އިމްޕޯޓު އެކްސްޕޯޓް ޓާމިނަލަކާއި އޮފީސް ހިންގާ އޭރިއާތަކާ އެކު ކާގޯ ޓަމިނަލް ހަދާ އިރު، އެ ސަރަހައްދުގައި ލޯޑިންގް އަދި އަންލޯޑިންގް ފެސިލިޓީތައް ހުންނަ ޚާއްސަ ކާގޯ ޖެޓީއެއް ވެސް ހަދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެތަނުގެ މަސައްކަތް ކުރަނީ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. އެއާޕޯޓުގެ ދެވަނަ ރަންވޭއާއި އާ ފިއުލް ފާމްގެ މަސައްކަތް ވެސް ކުރަނީ ބީޔޫސީޖީންނެވެ.

comment ކޮމެންޓް