ހަމާސްގެ ލީޑަރަކީ ޓެރަރިސްޓެއް ކަަމަށް އެމެރިކާ އިން ކަނޑައަޅައިފި

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ފެބްރުއަރީ 1): ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައަޅައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ހަނިއްޔާއާ ހަމާސްގެ އަސްކަރީ ފިޔައާ ގުޅުން އޮތް ކަމަށާއި އޭނާ ވަނީ ހަތިޔާރު އަޅައިގެން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވެފައި ކަމަށެވެ.

އެމެރިކާގެ "ޓެރާ ލިސްޓުގައި" ހަނިއްޔާގެ ނަން ހިމެނުމާ އެކު އޭނާ އެގައުމަށް ދިޔުން މަނާކޮށް، އެ ގައުމުގެ އެއްވެސް ރައްޔިތަކު ނުވަތަ ކުންފުންޏަކުން އޭނާއާ ވިޔަފާރި ކުރުން މަނާ ވާނެ އެވެ.

އެމެރިކާގެ އެނިންމުމާ ގުޅިގެން ހަމާސް އިން ވަނީ ފަލަސްތީނުން އިސްރާއީލުގެ ބާރު ކަނޑުވާލުމަށް އެޖަމާއަތުން ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ބުނެފަ އެވެ.

ގާޒާގެ ވެރިކަން ކުރަމުން އަންނަ ހަމާސް އަކީ ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވުމާ ދެކޮޅަށް ކުރި މަސައްކަތުގައި އުފެދުނު ޖަމާއަތެކެވެ. އެޖަމާއަތުގައި އިއްޒުއްދީން އަލް ގައްސާމް ބްރިގޭޑްސް ކިޔާ އަސްކަރީ ފިޔައެއް ހިމެނެ އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ފަހުން ހަމާސް އިން ވަނީ އިސްރާއީލާ ތިން ހަނގުރާމައެއް ކޮށްފަ އެވެ. އަދި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އެޖަމާއަތުން ދިން ހަމަލާތަކުގައި އެމެރިކާގެ 17 މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް