ހޮނިހިރު ދުވަހުގެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާވި މީހާ އަދިވެސް ހޭނާރާ

ހުޅުމާލޭގައި އެކްސިޑެންޓް ވެފައި --- ސަން ފޮޓޯ

މިދިޔަ ހޮނިހިރު ދުވަހުގެރޭ ހުޅުމާލެ ހިތިގަސްމަގު، މައި ކޮލެޖް ކައިރިން ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާގެ ހާލު އަދިވެސް ކްރިޓިކަލް ކަމަށް އޭނާއަށް ފަރުވާ ދެމުންދާ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާވެފައިވަނީ ފ. ފީއަލީއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މުހުތާރު ހަސަން އަށެވެ. އެކްސިޑެންޓު ހިނގުމާއެކު އޭނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އިތުރު ފަރުވާއަށް އޭޑީކޭއަށް ބަދަލު ކުރީ ވެސް ހަމަ އެރޭގައެވެ.

ސަން އާ ވާހަކަ ދައްކަމުން މުހުތާރުގެ ބޭބެ ބުނީ އޭނާ އަދިވެސް ހޭ ނާރާ ކަމަށެވެ.

"ކޮންޑިޝަނަށް އެއްވެސް ކުރިއެރުމެއް ނާދޭ،" މުހުތާރުގެ ބޭބެ ބުންޏެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރަށްވުރެ ހާލަތު ގޯސް ނުވާ ކަމަށާއި އުއްމީދު އެބައޮތް ކަމަށް ޑޮކްޓަރުން ވިދާޅުވިކަމަށްވެސް މުހުތާރުގެ ބޭބެ ބުންޏެވެ.

"ސިކުނޑީގެ އެންމެ އެތެރޭގައި ލޭ ކޮޅެއް ގަނޑުވެފައި އިނީ. އެތިކޮޅު ދިޔާވަން ދުވަސް ނަގާނެ ކަމަށް ޑޮކްޓަރު ބުނީ،" މުހުތާރުގެ ސިކުނޑީގެ ކުދި ނާރުތަކަށްވެސް އަނިޔާވެފައި ހުރި ކަމަށް ބޭބެ ބުންޏެވެ.

"ނޭވާ ލާން ފަސޭހަ އަކަށް ކަރުގެ ތިރިން ހޮޅިއެއް ލައްވަން މާދަމާ އޮޕަރޭޝަނެއް ކުރާނެ."

މިހާރުގެ ހާލަތަށްބަލައި ރާއްޖެއިން ބޭރަށް ގެންދަން ހުއްދަ ނުދެވޭނެ ކަމަށާއި ހާލަތު ރަނގަޅުވުމުން ބޭރަށް ގެންދަން ހުއްދަ ދޭނެ ކަމަށްވެސް ޑޮކްޓަރު ބުނުއްވި ކަމަށް މުހުތާރުގެ ބޭބެ ބުންޏެވެ.

އެކްސިޑެންޓުގައި ދެން އަނިޔާވީ މުހުތާރުގެ ކޮއްކޮ އަށެވެ. ތަންތަން މަށައިގެން ދިޔުން ފިޔަވާ އޭނާއަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ.

އެކްސިޑެންޓުވީ ޑަބަލްޑެކް ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ. އަނިޔާވި ދެ މީހުންނަކީ ސައިކަލުގައި ތިބި ދެ މީހުން ނެވެ. ސައިކަލު ދުއްވަން އިނީ މުހުތާރެވެ.

ލޮރީގައި އިން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް