ކްރެޑިޓްކާޑުން މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ލަންކާއިން ދިވެއްސަކު ހައްޔަރު ކޮށްފި

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ސަރަހައްދެއް --

ކްރެޑިޓް ކާޑު ބޭނުންކޮށްގެން މަކަރާއި ހީލަތް ހެދި މައްސަލައެއްގައި ސްރީލަންކާއިން ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.

ސްރީލަންކާގެ ސީއައިޑީން ހައްޔަރު ކޮށްފައި ވަނީ މުހައްމަދު އާސިމް ބުޝްރީ އެވެ.

ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ސަން އަށް ވިދާޅުވީ އެމީހާ ހައްޔަރު ކުރިކަން ލަންކާ ސަރުކާރުން އެމްބަސީއަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.

"އެބޭފުޅުން އަންގާފައި ވަނީ ކްރެޑިޓް ކާޑު ފްރޯޑްގެ މައްސަލައެއްގައި އެބޭފުޅާ ހައްޔަރު ކުރިކަން. އަދި ހައްޔަރު ކޮށްފައި ވަނީ ލަންކާގެ ސީއައިޑީން ކަމަށް ވެސް އަންގާފަވޭ،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުން އާސިމް ބުޝްރީއަކީ ރާއްޖޭގައި ވެސް ކުށުގެ ރެކޯޑްތަކެއް ހުރި މީހެކެވެ. އަދި ރާއްޖޭގެ ކޯޓުތަކަށް ހާޒިރުވާން އެތައް ފަހަރެއްގެ މަތިން ޗިޓް ފޮނުވުމުން ވެސް ހާޒިރުވެފައި ނުވާ މީހެއް ކަމަށް މުންދު ވިދާޅުވި އެވެ.

"މިކޮޅުގައި ދިރިއުޅޭ ނަމަ ކޯޓުން އެދިގެން މިކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް އެމްބަސީން ޗިޓް ހަވާލު ކުރަން. އެހެން ނަމަވެސް އޭނާ އަކީ ޗިޓް ފޮނުވުމުން ޗިޓާ ހަވާލުވެފައި ނުވާ މީހެއް،" މުންދު ވިދާޅުވި އެވެ.

comment ކޮމެންޓް