މިފަހަރު މީހުން އުފުލުމުގެ ބަދަލުގައި، ޑެލިވަރީތަކަށް ހާއްސަ ސެލްފް ޑްރައިވިން ކާރެއް!

ނޫރޯގެ ސެލްފް ޑްރައިވިން ކާރަކީ ޑެލިވަރީތަކަށް ހާއްސަ ކާރެއް -- ފޮޓޯ: ނިއުރޯ

އިންސާނުން އެއްތަނުން އަނެއް ތަނަށް ގެންގޮސްދޭ ސެލްފް ޑްރައިވިން ކާރު ހަގީގަތަކަށް ވުން ވަނީ ވަރަށް ގާތްވެފައެވެ. ނަމަވެސް މީގެ ކުރިން ގޫގުލްގައި މަސައްކަތްކޮށްފައިވާ ދެ އިންޖިނިއަރަކު ގަބޫލު ކުރާ ގޮތުގައި މީހުން އުފުލުމުގެ ބަދަލުގައި، ޑެލިވަރީތަކަށް ހާއްސަ ސެލްފް ޑްރައިވިން ކާރު ތައާރަފް ކުރަންވީ ވަގުތު ވަނީ މާ ގާތްވެފައެވެ.

އެހެންކަމުން، ޑޭވް ފާގަސަން އާއި ޖިއަޖުން ޒޫގެ ކުންފުނި ނޫރޯއިން ދަނީ ކާބޯތަކެއްޗާއި އެހެނިހެން ކުދި ޕެކޭޖުތައް އެއް ތަނުން އަނެއް ގެންދަން ހާއްސަ ކާރެއް އުފައްދަމުންނެވެ.

ނޫރޯ އާރު ވަން ޕްރޮޓޯޓައިޕްގެ ނަން ދީފައިވާ އެކާރަކީ އާދައިގެ ކާރުތަކަށް ވުރެ ކުޑަ އަދި ދުވެލި މަޑު ކާރެކެވެ. އަދި އެއީ އަލްފަބެޓް ފަދަ ކުންފުނިތަކުން އުފައްދާ ސެލްފް ޑްރައިވިން ކާރުގައި ހުންނަ ފަދަ އެޑްވާންސްޑް ސެންސިން ސިސްޓަމެއް ބޭނުން ކުރާ ކާރެކެވެ.

ނަމަވެސް އެކާރުގައި ޑްރައިވަރަކު އިންނާނެ ސީޓެއް އަދި ހުންގާނެއް ވެސް ނުހުންނާނެއެވެ. އޭގެ ސަބަބުން ކާރު އުފައްދަން ބޭނުންވާ ތަކެތި މަދުވުމުން އެކާރަކީ އަގުހެޔޮ އުޅަނދަކަށް ވެގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ފާގަސަން ބުންޏެވެ.

ނޫރޯގެ އާރު ވަން ޕްރޮޓޯޓައިޕްގެ ދޮރުތައް ހުޅުވޭނީ ފޯނަށް ލިބޭ ހާއްސަ ކޯޑެއް ޖެހުމުން -- ފޮޓޯ: ނިއުރޯ

މިއަހަރު ކެލިފޯނިއާގެ މަގުތަކުގައި ޓެސްޓު ކުރަން ހަމަޖެހިފައިވާ އާރު ވަން ޕްރޮޓޯޓައިޕްގެ ދެ ފަރާތުގައި ހުންނަނީ ތަކެތި އުފުލުމަށް ދެ ބަޔެއް ހަދައި ދޮރު ހަރުކޮށްފައެވެ.

ފާގަސަން ބުނި ގޮތުގައި އެ ކާރުގެ ހިދުމަތް ބޭނުން ކުރެވޭނީ ހާއްސަ އެޕަކުންނެވެ. އަދި އެއެޕުން ޑެލިވަރީ ކައިރިވުމުން އަންގައި ދޭނެ ކަމަށާއި، ކާރުގެ ދޮރުތައް ހުޅުވޭނީ ފޯނަށް ފޮނުވާ ހާއްސަ މެސެޖަކުން ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އެކުންފުނިން ދަނީ ކާރުގައި ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ކުރުމަށްވެސް ވިސްނަމުން ކަމަށާއި، ކާރުގައި އިސްލާހު ކުރަން ޖެހޭ ބައެއް ކަންތައްތައް އަދިވެސް ހުރި ކަމަށް ފާގަސަން ފާހަގަ ކުރިއެވެ.

ދެހާސް ބާވީހުގައި ވިއްކަން ފަށާނެ ކަމަށް ބެލެވޭ އެ ކާރުތަކާއެކު ނޫރޯއިން އެމެޒޯން ފަދަ ބޮޑެތި ކުންފުނިތަކާ އެކު މަސައްކަތް ކުރާނެ ކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފާގަސަން ބުނި ގޮތުގައި އެކުންފުނިން ފުރަތަމަ އިސްކަންދޭނީ ރެސްޓޯރެންޓުތަކާއި ކާބޯތަކެތި ވިއްކާ ފިހާރަތައް ފަދަ ކުދި ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމަށެވެ. (ފޯބްސް)

comment ކޮމެންޓް