ގުއަންޓަނާމޯ ބޭ ބަންދު ނުކުރުމަށް ޓްރަމްޕް އަމުރު ނެރުއްވައިފި

ކިއުބާގައި ހުން ގުއަންޓަނާމޯބޭ ޖަލު. އެ ޖަލު ބަންދު ނުކުރުމަށް ޓްރަމްޕް ވަނީ އިއްޔެ އަމުރު ނެރެފައި--

ވޮޝިންގްޓަން (31 ޖެނުއަރީ): އެމެރިކާގެ ހައްޔަރުގައި ތިބޭ ގައިދީންގެ ތެރޭން އެންމެ އަނިޔާވެރިކަމުގައި ގައިދީން ގެންގުޅޭ، މުޅި ދުނިޔެއަށް ވެސް މަޝްހޫރު ޖަލު، ކިއުބާގެ ގުއަންޓަނަމޯ ބޭ ބަންދު ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ނެރުއްވައިފިއެވެ.

ރޭ ދެއްވި ތަގުރީރެއްގައި ޓްރަމްޕް ވިދާޅުވީ، ގުއަންޓަނަމޯ ބޭގައި ހުރި ވަސީލަތްތައް އަލުން ބަލައި އެ ޖަލު ހުޅުވައިފައި ބެހެއްޓުމަށް އާ އަމުރެއް ނެރެފައިވާ ކަމަށެވެ.

" އައިއެސްއާއި އަލްގައިދާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި، އަޅުގަނޑު ކޮންގްރެސްގެ ކިބައިން މި އެދެނީ ޓެރަރިސްޓުން ހިފާ ހައްޔަރުކޮށްގެން ގެންގުޅެވޭނެ ގޮތްތައް މަގުފަހިކޮށްދޭން. އެފަދަ ގިނަ ޓެރެރިސްޓުން ދެން ހައްޔަރުކޮށްގެން ގެންދާނީ ގުއަންޓަނަމޯ ޖަލަށް،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާއިން މީގެ ކުރިން ނުރައްކާތެރި އެތަކެއް ކުއްވެރިންނެއް ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށާއި ނަމަވެސް ހަމަ އެ ޓެރެރިސްޓުން ދޫކޮށްލުމުންވެސް ޓެރެރިސްޓް އަމަލުތައް ހިންގައިފައިވާ ކަމަށެވެ. އިސްލާމިކް ސްޓޭޓްގެ ލީޑަރު ވެސް އެއް ދުވަސްވަރަކު އެމެރިކާއިން އިރާގުގައި ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލައިފައެވެ.

އެެ ޖަލުގައި މިހާރުވެސް 41 ކުށްވެރިން ތިބެއެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ އެމަނިކުފާނުގެ ވެރިކަމުގައި 2009 ވަނަ އަހަރު އެ ޖަލު ބަންދު ކުރުމަށް އަމުރު ނެރުއްވައިފައެވެ. ނަމަވެސް މިހާތަނަށް ވެސް ކޮންގްރެސްގެ ރުހުން ނުލިބުމުގެ ސަަބަބުން އެ އަމުރު ތަންފީޒު ކޮށްފައެއް ނުވެއެވެ. (ސީއެންއެން)

comment ކޮމެންޓް