އައިމެކްސް ފޯމެޓްގެ އެންމެ ކާމިޔާބު ފިލްމަކަށް "ޕަދްމާވަތު"!

އެންމެ ކާމިޔާބު އައިމެކްސް ފޯމެޓްގެ ފިލްމަކަށް "ޕަދްމާވަތު" ވަނީ ވެފައި----

މިހާތަނަށް އިންޑިއާގައި އެޅުވި އައިމެކްސް ފޯމެޓްގެ އެންމެ ކާމިޔާބު ފިލްމަކަށް ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" ވެއްޖެއެވެ.

"ޕަދްމާވަތު" އަކީ ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހު ރިލީޒްކުރި ފިލްމަކަށްވީ ނަމަވެސް އެ ފިލްމަށް އަންނަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މި މަހު 25 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމު އިންޑިއާގެ އިތުރުން އުތުރު އެމެރިކާ، އޮސްޓްރޭލިއާ، މިޑްލް އީސްޓްގެ އިތުރުން އެފްރިކާ އަދި ޔޫކޭގެ 42 އައިމެކްސް ތިއޭޓަރުގައި އެޅުވުމަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.

ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ފިލްމު ބެލި ކްރިޓީކުން ވެސް އަންނަނީ އެ ފިލްމަކީ 'މާސްޓާޕީސް' އެއް ކަމަށް ބުނަމުންނެވެ.

ޕަދްމާވަތު އަކީ އިންޑިއާގެ ހިންދޫންގެ ރާނީއަކާއި މުސްލިމް ރަސްކަލަކާ ދެމެދު ހިނގާފައިވާ ލޯބީގެ ގުޅުންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމަކަށްވާތީ ފިލްމުގެ މައްސަލަ އިންޑިއާގައި ވަރަށް ހޫނުވި އެވެ.

ދެ ބިލިއަން އިންޑިއަން ރުފީސް ހަރަދުކޮށްގެން އުފެއްދި އެ ފިލްމުގައި ހަރަކާތްތެރިވާނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް އަދި ޝާހިދު ކަޕޫރެވެ.

comment ކޮމެންޓް