އެލައިޑު ވަރުގެ އީޖާދީ ކުންފުންޏެއް ނެތް: ޝަހީރު

އެލައިޑުގެ ސްޕެޝަލް އިވެންޓުގައި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެލައިޑް އިންޝުއަރަންސް ކުންފުންޏަކީ ރާއްޖޭގެ ސާވިސް އިންޑަސްޓްރީގައި އޮތް އެންމެ އީޖާދީ އަދި ފަންނުވެރި ކުންފުނި ކަމަށް އެލައިޑުގެ ޕޭރެންޓް ކުންފުނި، އެސްޓީއޯ ގްރޫޕުގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވެއްޖެއެވެ.

އެލައިޑް އިންޝުއަރަންސްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި އެލައިޑް ސްޕެޝަލް އިވެންޓުގައި ވާހަކަ ދައްކަވަމުން، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯއާއި އެސްޓީއޯ ގްރޫޕުގެ ކުންފުނިތަކަކީ ބޮޑެތި ފައިދާއެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުނިތަކެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ވަކި މާޖިންއެއްގެ ތެރޭގައި، ރައްޔިތުންނަށް ރަނގަޅު އަގުތަކެއްގައި ޚިދުމަތް ދޭން. އެލައިޑުގެ ޕްރޮޑަކްޓްތަކަކީވެސް ވަރަށް ކޮމްޕެޓިޓިވް އަގުތަކެއްގައި ފޯރުކޮށްދޭ ޚިދުމަތްތަކެއް،" ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ، އެލައިޑުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަކީ ވަރަށް އީޖާދީ އަދި ފަންނުވެރި ޕްރޮޑަކްޓްތަކެއް ކަމަށެވެ.

"އެލައިޑުގެ ކޮންމެ އިވެންޓަކީ އަޅުގަނޑުމެން ވަރަށް ޝައުގުވެރިވާ އިވެންޓުތަކެއް. އެލައިޑަކީ ސާވިސް އިންޑަސްޓްރީގައި އެންމެ އިނޮވޭޓީވް، އެންމެ ކްރިއޭޓިވް ކުންފުނި. މިވަރުގެ އިނޮވޭޓިވް ކުންފުންޏެއް ނޯންނާނެކަން ޔަގީން،" ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ، އެސްޓީއޯ ބްރޭންޑަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އެންމެ އިތުބާރު ލިބިފައިވާ ބްރޭޑުތައް ކަމަށެވެ.

"އެސްޓީއޯގެ ބްރޭންޑަކީ ރާއްޖޭގެ އެންމެ މަޝްހޫރު، އެންމެ އިތުބާރުހުރި ބްރޭންޑު. މި ކުންފުނިތަކަކީ ރާއްޖޭގެ ވިޔަފާރިއަށް އިންގިލާބެއް ގެނެސް، ސްޓޭންޑަޑުތަކެއް ކަނޑައެޅި ކުންފުނިތައް،"

ޝަހީރު ވިދާޅުވީ އެސްޓީއޯ ގްރޫޕުގައި 5،000 އެއްހާ މުވައްޒަފުން ތިބޭނެ ކަމަށާއި، އޭގެ ތެރޭގައި އެންމެ ފުންނާބު އުސް ފަރާތްތައްވެސް ހިމެނޭނެ ކަމަށެވެ.

"މިއީ އެންމެ ރަނގަޅު މުވައްޒަފުން ތިބި ކުންފުނި. މިދިޔަ 30 އަހަރު ތެރޭގައި މި ކުންފުނިން ޓްރެއިންވި ގިނަ މުވައްޒަފުން މިއަދު އެލައިޑު ދޫކުރައްވައި ވަޑައިގެން، އަމިއްލަ ކުންފުނިތައް ހަދައި ކާމިޔާބުކޮށް މަސައްކަތް އެބަ ކުރޭ. އެސްޓީއޯ ގްރޫޕުގެ ބޭނުމަކީ ހަމައެކަނި ގްރޫޕަށް މަސައްކަތް ކުރުމެއް ނޫން. މުޅި ރާއްޖޭގެ އިގްތިސާދަށް ޚިދުމަތް ކުރުން،" ޝަހީރު ވިދާޅުވިއެވެ.

ޝަހީރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ ޖީޑީޕީ ހުރި މިންވަރު ދެގުނައަށް އިތުރުކުރުމަށް ކަމަށެވެ.

"އޭގެ މާނައަކީ ގިނަ އިންޑަސްޓްރީތަކަކުން ގިނަ މަސައްކަތް ކޮށްގެން އުފެއްދުންތެރިކަން މަތިކުރަން ޖެހެއޭ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަނާއި ޓޫރިޒަމް ފަދަ ގިނަ ސިނާއަތްތައް ހިމެނޭ. އެ އިންޑަސްޓްރީތަކަށް ބޭނުންވާނެ އިންޝުއަރަންސާއި ޚިދުމަތް ދިނުމުގައި އަޅުގަނޑު ބޭނުން އެލައިޑު އެންމެ ކުރީގައި އޮންނަން،" ޝަހީރު ވިދާޅުވިއެވެ.

ރޭ އެލައިޑުގެ ޚާއްސަ އިވެންޓުގައި ވަނީ ގިނަ އާ ޚިދުމަތްތަކެއް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް އިންޝުއަރަންސް އޭޖެންޓު "އޭޖެންޓް 1600" ވެސް ހިމެނެއެވެ.

comment ކޮމެންޓް