ސުކޫލުތަކުގެ ކައުންސެލަރުންނަށް އިތުރު ތަމްރީނު ދިނުމަށް ޝީއާ ހަވާލުކޮށްފި

ސުކޫލުތަކުގައި މަސައްކަތްކުރައްވާ ކައުންސެލަރުންނަށް އިތުރު އެހީ ތަކެއް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރު އާއިޝަތު ޝިހާމް އަދި ޝީގެ ސެކްރެޓަރީ ޖެނެރަލް އާޒިމް މުހައްމަދު ސޮއިކުރައްވަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތްކުރައްވާ ކައުންސެލަރުންނަށް އިތުރު ތަމްރީނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވެލާނާ ގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ. ޝީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އާޒިމް މުހައްމަދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ސުކޫލުތަކުގެ ކައުންސެލަރުންނަށް ޕްރޮފެޝަނަލް ސަޕޯޓް ލިބޭ ކަހަލަ އިންތިޒާމެއް ހަމަޖެހޭނެ ކަމަށެވެ.

ކައުންސެލަރުންގެ ފެންވަރު މަތިކޮށްް ޓްރެއިނިންތަކެއް އެ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.

މާލޭ ސުކޫލުތަކުގެ އިތުރުން އަތޮޅު ތެރޭ ސުކޫލުތަކުގެ ދަރިވަރުންނަށް ތައުލީމަށް ސަމާލުކަންދޭއިރު އެއާ އެއްވަރަށް ކުދިންނަށް ދިމާވާ ދަތި ކަންތައްތަކަށް ސަމާލުކަން ދޭންޖެހޭނެ ކަމަށް އެޑިއުކެޝަން މިނިސްޓަރު ވިދާޅުވިއެވެ.

"ކުދިންނަށް ގޭތެރޭ ހާލަތު ތަންދޭ ގޮތުން އެ ކުދިންނަށް ދިމާވާ ދަތި ކަންތައްތައް ވެސް އަޅުގަނޑުމެން ބަލާނަން. ކުދިންނަށް ކަމެއް ދިމާވެދާނެ ކަމަށް ގްރޭޑް އެކެއްގެ ކުދިންނަށް ރިސްކް އެސެސްމަންޓް އެއް ދެން. އަދި ހެލްތް ސްކްރީނު ޕްރޮގްރާމެއްވެސް ކުރިއަށް ގެންދަން،" އައިޝަތު ވިދާޅުވިއެވެ.

އެ ކަންތައްތަކުގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ ކުދިންނަށް ސުކޫލުތަކުގައި އެހީތެރިވަމުން ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު "ފަންސާސް ހަހާސް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ" ކަމަށެވެ.

އަތޮޅު ތެރޭގައި މިހާރުވެސް ކައުންސެލަރުން ބޭނުންކޮށްގެން 800 އެއްހާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ ގޮތުން ޝީގެ ސެކްރެޓަރީ ޖެނެރަލް އާޒިމް ވިދާޅުވީ އެ ޖަމްއިއްޔާގެ މައިގަނޑު ބޭނުމަކީ ސްކޫލުތަކުގެ ކައުންސެލަރުންގެ ފެންވަރު މަތިކޮށްް ދިމާވާ މައްސަލަތަކަށް ހާއްސަ އިސްކަމެއްދީގެން އެ ބޭފުޅުންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުން ކަމަށެވެ.

"ކުރިން ވެސް ގެންދިޔަ ހިދުމަތެއް މިއީ. ނަމަވެސް މިއަހަރު ތަންކޮޅެއް ފޯމަލް ގޮތެއްގައި ދެ ފަރާތުގެ އަންޑަސްޓޭންޑިން އަކާ އެއްކޮށް މުޅި އެޑިއުކޭޝަން ދާއިރާ އަށް ހުޅުވާލައިގެން ކޮމިއުނިޓީ ޕާޓިސިޕެންޓްސްގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން ހިލޭ ފޯރުކޮށްދިނުމުގެ ހިދުމަތެއްގެ ގޮތުގައި މި އަހަރު ފެށިގެން މިދިޔައީ،" އާޒިމް ވިދާޅުވިއެވެ.

comment ކޮމެންޓް