ނިއު ރޭޑިއަންޓުގެ އެހީތެރިކަމާއެކު ފޮނަދޫގައި އެކަޑަމީއެއް ހިންގަނީ

މިދިޔަ އަހަރު މާލޭގައި ނިއުގެ އެކަޑަމީގެ ހަރަކާތްތައް ފެށުން: ފޮނަދޫ ޔޫތު އެސޯސިއޭޝަނާއި ނިއުއާ ގުޅިގެން ލ. ފޮނަދޫގައި އެކަޑަމީއެއް ހިންގުމަށް ވަނީ ނިންމާފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ފުޓްބޯޅަ އެކަޑަމީއާއި ލ. ފޮނަދޫ ޔޫތު އެސޯސިއޭޝަން (ފިޔަ) ގުޅިގެން އެރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ފެށުމަށް ނިންމައިފިއެވެ.

ނިއު ރޭޑިއަންޓާއި ފިޔަ ގުޅިގެން ފޮނަދޫގައި ކުރިއަށްގެންދާ އެ އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ.

ނިއުއާއެކު ފޮނަދޫގައި އެކަޑަމީ ހިންގުމުގައި ހަރަކާތްތެރިވާ ފިޔައިން މައުލޫމާތުދޭ ގޮތުގައި އެ އެކަޑަމީގެ މަގްސަދަކީ ބޮޑެތިވަމުންދާ ކުޑަކުދިންނަށް ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީ، ފުޓްބޯޅައިގެ ރޮނގުން އެކުދިން ކުރިއެރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

އެ އެކަޑަމީގައި ބައިވެރިވެވޭނީ އުމުރުން ފަސް އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާ ކުދިންނަށެވެ. އެ އެކަޑަމީގެ ޓްރޭނިންތަކުގައި ބޭނުންކުރާގޮތަށް ހަމަޖެހިފައިވަނީ ނިއު ރޭޑިއަންޓުގެ ލޯގޯ ޖަހާފައިވާ ޖާޒީ، ސޯޓު، ޓްރޭނިން ބިބްސް އަދި އިސްޓާކީނެވެ.

ފިޔައިން ބުނީ އެކަޑަމީގައި ބައިވެރިވުމަށް ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 200 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ މަހުގައި އެޑްމިޝަން ފީއެއްގެ ގޮތުގައި 350 ރުފިޔާގެ ފީއެއް ނަގާނެ ކަމަށެވެ.

އެ އެކަޑަމީއަށް ވަނުމަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ފޮނަދޫގައި ހުންނަ ފޮނަދޫ ޔޫތު އެސޯސިއޭޝަންގެ މައި އިދާރާއިންނެވެ.

comment ކޮމެންޓް