ބޮޑުވަޒީރު މޯދީ އަންނަ މަހު ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ފަލަސްތީނަށް ޒިޔާރަތް ކުރައްވާނެ -- ފޮޓޯ: އޭއެފްޕީ

ރާމަﷲ (ޖެނުއަރީ 30): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވާނެ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ މުޝީރު މަޖުދީ ޚަލްދީ ވިދާޅުވެއްޖެއެވެ.

މަޖުދީ ވިދާޅުވި ގޮތުގައި އަންނަ މަހުގެ ދިހައެއްގައި މޯދީ ހުޅަނގު އައްސޭރިއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރަކު ފަލަސްތީނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމުން، އެއީ ތާރީހީ ދަތުރުފުޅަކަށް ވެގެން ދާނެއެވެ.

އަންނަ މަހުގެ ނުވައަކުން 12 އަށް މޯދީ މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އާއި އޯމާނަށް ވެސް ވަޑައިގަންނަވާނެއެވެ. އަދި އެދަތުރުފުޅުގައި އެގައުމުތަކާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާއަކީ ދެ ދައުލަތް ގާއިމު ކޮށްގެން އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހަ ގާއިމު ކުރުމަށް ޒަމާނުއްސުރެ ގޮވާލާ ގައުމެކެވެ. އަދި އެމެރިކާއިން އިސްރާއީލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަތުމާ ގުޅިގެން، އދ.ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އިންޑިއާއިން ވޯޓު ދީފައި ވަނީ އެމެރިކާގެ ނިންމުމާ ދެކޮޅަށެވެ.

ނަމަވެސް ފަހުގެ އަހަރުތަކުގައި އިންޑިއާއިން ވަނީ އެގައުމާއި އިސްރާއީލާ ދެމެދު އޮތް ގުޅުންތައް ރަނގަޅުކޮށްފައި އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު މޯދީ އިސްރާއީލަށް ވަޑައިގެންނެވި ފަހުން މިމިހުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވާފައިއެވެ. (އޭޕީ)

comment ކޮމެންޓް