ހިޔާ ޕްރޮޖެކްޓްގެ ދަށުން ބީއެމްއެލްއިން އަޅާ ޓަވަރުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަނީ

ހިޔާ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއު "ހިޔާ" ޕްރޮޖެކްޓްގެ ދަށުން ބޭންކްް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަޅާ ޓަވަރުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ބީއެމްއެލް އިން އަޅާނީ 16 ބުރީގެ ރެޒިޑެންޝަލް ޓަވަރެކެވެ.

އެކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 13ގެ ނިޔަލަށް ހުޅުވަލާފައިވާކަމަށެވެ.

ބީއެމްއެލްގެ ޓަވަރު އަޅާނީ ހުޅުމާލެ ދެވަނަ ފިޔަވަހިން އެކުންފުންޏަށް ލިބިފައިވާ 12400 އަކަފޫޓުގެ ބިމެއްގައެވެ. މި ޓަވަރުގެ ފުރަތަމަހަތަރު ފްލޯގައި ހުންނާނީ 72 ސްޓޫޑިއޯ އެޕާޓްމެންޓެވެ. ފަސްވަނަ ފްލޯއިން 15 ވަނަ ފްލޯއަށް 132 ޓޫ ޕްލަސް ވަން ބެޓްރޫމް އެޕާޓްމެންޓްސް ހުންނާނެއެވެ.

ގްރައުންޑް ފްލޯ ބޭނުންކުރާނީ ޕާކިން އަދި ކޮމާޝަލް ސްޕޭސްގެ ގޮތުގައެވެ. މުޅި ޓަވަރުގައި ހަތަރު ލިފްޓް ހުންނާނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ގިނަ ކުންފުނިތަކަކުން މިހާރު ވަނީ އެކުންފުނިތަކަށް ލިބިފައިވާ ބިމުގައި ޓަވަރު އަޅައިދޭނެ ފަރާތްތައް ހޯދުމަށް އިއުލާނުކޮށްފައެވެ.

ޓަވަރު އަޅަން ނިންމާފައިވާ ކުންފުނިތައް:

  • ސްޓެލްކޯ އިން 15 ބުރީގެ 2 ޓަވަރު
  • ކަސްޓަމްސް އިން 15 ބުރީގެ 4 ޓަވަރު
  • އައިލެންޑް އޭވިއޭޝަން އިން 15 ބުރީގެ 3 ޓަވަރު
  • ވެމްކޯ އިން 15 ބުރީގެ ޓަވަރެއް
  • އެމްއާރްޑީސީ އިން 15 ބުރީގެ ޓަވަރެއް
  • އެމްޑަބްލިއުއެސްސީ އިން 15 ބުރީގެ ދެ ޓަވަރު
  • މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން 15 ބުރީގެ ދެ ޓަވަރު
  • އިސްލާމިކް ޔުނިވާސިޓީ އިން 14 ބުރީގެ އެއް ޓަވަރު
  • އެސްޓީއޯ އިން 15 ބުރީގެ ދެ ޓަވަރު
  • އެމްޓީސީސީ 15 ބުރީގެ ޓަވަރެއް
  • އެމްޕީއެލް އިން 15 ބުރީގެ ތިން ޓަވަރު

މީގެ ތެރެއިން އެމްޕީއެލް އަދި އެމްޓީސީސީ އިން ވަނީ އެ މަސައްކަތް ކުރުމަށް މިހާރު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.

ސަރުކާރުން ވަނީ "ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް އިފްތިތާހުކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފައެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެންނެވެ.

comment ކޮމެންޓް