އެއާޕޯޓު ތަރައްގީގެ މަޝްރޫއުގެ ދަށުން ނުފެށި ހުރި މަސައްކަތްތައް އަންނަ މަހުގެ ތެރޭ ފަށާނެ: އާދިލް

އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުމުމުގެ ބިޔަ މަޝްރޫއުގެ ދަށުން މިހާތަނަށް ނުފެށި ހުރި މަސައްކަތްތައް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެކަމަށް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓުސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭކިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ ސީޕްލޭން ޓާމިނަލް ގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދިލް ވިދާޅުވީ އެއާޕޯޓުގައި އަޅާ އާ ކާގޯ ޓާމިނަލްގެ މަސައްކަތް މި މަހުގެ 31 ގައި ފަށާނެ ކަމަށެވެ. މީގެ އިތުރުން ވީއައިޕީ ކޮމްޕްލެކްސް އާއި ފިއުލްފާމްގެ މަސައްކަތް ފެބްރުއަރީ މަހުގެ ތެރޭ ފަށާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށްދާ މަޝްރޫއުތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި ދިމާވާ އެންމެ ބޮޑު ދައްޗަކީ 24 ގަޑިއިރު އެއާޕޯޓު ހިންގަމުން ޕްރޮޖެކްޓައް ހިންގަން ޖެހުން ކަމަށް އާދިލް ވިދާޅުވިއެވެ.

އެގޮތުން އަލަށް ހަދާ ރަންވޭ އާއި މިހާރު ބޭނުން ކުރާ ރަންވޭ ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންސްތައް މެދުކަނޑާލައިގެން ރޭގަނޑު 12:00 އާއި ހެނދުނު 6:00އާ ދެމެދު ކަމަށް އާދިލް ވިދާޅުވިއެވެ.

"މިއަހަރު ތެރޭ ރަންވޭގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް. މިހާރު ރަންވޭގައި ނުނިމި އޮތް މަސައްކަތް ފެބްރުއަރީގައި ފަށާނެ،" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ ދުނިޔޭގައި ސީޕްލޭން އޮޕަރޭޓް ކުރުމުގެ އެންމެ ތަޖުރިބާ އޮތް ގައުމަކީ ރާއްޖެ ކަމަށެވެ. އެއާޕޯޓު ތަރައްގީކުރަން ކުރާ މަސައްކަތުގެ ބައެއްގެ ގޮތުގައި ސީ ޕްލޭން ޓާމިނަލް ހިމެނޭއިރު ޓާމިނަލް އަޅަނީ 7.5 މިލިއަން ފަތުރުވެރިންނަށް ކޭޓާ ކުރުމުގެ އަމާޒަށް ވާސިލްވާނެ ގޮތަށް ކަމަށްވެސް އާދިލް ވިދާޅުވިއެވެ. އަލަށް އަޅާ ޓާމިނަލް އަކީ މިހާރު ބޭނުންކުރާ ޓާމިނަލް އަށް ވުރެ ދެގުނަ ބޮޑު، މުސްތަގުބަލުގައި ބޮޑުކުރަން ބޭނުން ނަމަ ބޮޑުކުރެވޭނެ ގޮތަށް އަޅާ ތަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާޕޯޓުގެ މުވައްޒަފުންނަށް އެމްއޭސީއެލްގެ ފަރާތުން ކޮށްދޭ އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިހާރު ކުރިއަށްދަނީ ހިޔާ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ސްޓާފް ފްލެޓުތަކުގެ މަސައްކަތްކަން ފާހަގަ ކުރައްވައި އެމްޑީ ވިދާޅުވީ "ފެބްރުއަރީ ހަތެއްގައި އެ ޕްރޮޖެކްޓްގެ އަމަކީ މަސައްކަތް ފެށޭނެ" ކަމަށެވެ.

ވެލާނާއިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުުމަށް 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ހިންގާއިރު އެ މަސައްކަތް ނިމޭއިރު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓު ތަރައްގީ ކުރާނެއެވެ. އެގޮތުން އާ ފަސެންޖާ ޓާމިނަލް އަކާއި އާ ރަންވޭ އެއް ހަދާއިރު ފަސިންޖާ ޓާމިނަލްގައި 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު ހުންނާނެ އެވެ.

އަދި ޒަމާނީ ފެންވަރަށް ހަދައި ހިޔާ ކޮށްފައިވާ 12 ޖެޓީއާއި ހަ އެއިރޯ ބްރިޖްގެ އިތުރުން ފިއުލް ހައިޑްޓްރެންޓް ސިސްޓަމަކާއި ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމެއް ގާއިމް ކުރަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް