އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް ނިއުރޭޑިއަންޓް

އުރީދޫގެ ބްރޭންޑް އެންބެސެޑަރެއްގެ ގޮތުގައި ނިއު ހަމަޖެއްސުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރަކަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ހަމަޖައްސައިފިއެވެ.

އުރީދޫއާއި ނިއުރޭޑިއަންޓާ ދެމެދު ވެވުނު ޕާޓްނާޝިޕް އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޙާންއެވެ. ނިއުރޭޑިއަންޓްގެ ފަރާތުން ސޮއިކުރެއްވީ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދެވެ.

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫއާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑެމީއާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަ ކޯޗިން ކޭމްޕްތައް ވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެގެ ހަފްލާގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ފުޓުބޯޅައަކީ ރާއްޖޭގައި އެންމެ ބޮޑު މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ކަމަށާއި، ނިއުރޭޑިއެންޓަކީ ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި އެންމެ ކާމިޔާބު ކްލަބު ކަމަށެވެ. އަދި އުރީދޫގެ ފަރާތުން ނިއުރޭޑިއަންޓަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށްވެސް ނަޖީބު ހާން ވިދާޅުވިއެވެ.

"ދިވެހި ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ގައުމެއް، އުރީދޫއަކީވެސް ފުޓުބޯޅަ ކުރިއެރުވުމަށް ލޯބިކުރާ ކުންފުންޏެއް. މީގެ ކުރިންވެސް އުރީދޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ކުރިއެރުވުމުގައި ބައިވެރިއެއް. އުރީދޫ ޕާޓްނާޝިޕް މި ހެދީ ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބާއެކު،" ނަޖީބު ހާން ވިދާޅުވިއެވެ.

އުރީދޫގެ ސީއީއޯ ނަޖީބު ހާން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނަޖީބު ހާން ވިދާޅުވީ ނިއުރޭޑިއަންޓް ޕްރޮމޯޓް ކުރުމަށާއި، ނިއުރޭޑިއަންޓަށް ކާމިޔާބީތައް ހޯދައިދިނުމުގައި އުރީދޫއިން އަބަދުވެސް ކުރިއަށްދާނެ ކަމަށާއި، ނިއުގެ ފަރާތުން ދެއްވި ފުރުސަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނިއުރޭޑިއަންޓްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކްލަބުގެ ޗެއާމަން ޒިޔާދު ވިދާޅުވީ އުރީދޫއަކީ ރާއްޖޭގެ ފުޓުބޯޅަ ދާއިރާއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތެއްގެ އިތުރުން ދިވެހި ޒުވާން ކުޅުންތެރިންނަށް އާ ތަޖުރިބާތަކެއް ހޯދައިދޭން މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށެވެ.

އުރީދޫއާއެކު ޕާޓްނާޝިޕެއް ގާއިމް ކުރެވުމަކީ ނިއުއަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އަތޮޅުތަކުގައި ތިބި ހުނަރުވެރި ކުދިންނަށް ފުޓުބޯޅައިގައި ކުރިއަށްދިއުމަށް މަގު ދައްކައިދިނުމަށް ނިއުއިން ތައްޔާރަށް އޮތް ކަމަށްވެސް ޒިޔާދު ފާހަގަކުރެއްވިއެވެ.

އުރީދޫއަކީ ވޭތުވެދިޔަ ތިން އަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސާއެވެ. އަދި އުރީދޫ ވަނީ ރާއްޖޭގެ ފުޓުބޯޅައަށް ތަފާތު ތަޖުރިބާތަކެއް ގެނުވައިފައެވެ. ހާއްސަކޮށް ބާސެލޯނާގެ ތަރި ލޮއިނަލް މެސީއާއެކު ހިންގި ހަރަކާތްތަކާއި ޕީއެސްޖީއާ ގުޅިގެން ހިންގުނު ކޯޗިން ކޭމްޕްތައް ފާހަގަކޮށްލެވުނެވެ.

comment ކޮމެންޓް