ކިސް އަނެއްކާވެސް ވިކްޓަރީއަށް

2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި ވިކްޓްރީއަށް ކިސް އިރުޝާދުދެނީ: މިސީޒަނުގައި ވިކްޓަރީގެ ކޯޗުގެ މަގާމުން ފެނިގެންދާނީ ކިސް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް އަނެއްކާވެސް ލާޒްލޯ ކިސް ހަމަޖައްސައިފިއެވެ.

ކުރިން ވިކްޓަރީގެ އިތުރުން ވީބީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއަށް އިރުޝާދުދިން ތަޖުރިބާކާރު ކޯޗު ކިސް، ވިކްޓަރީގެ ކޯޗުކަމާ އަލުން ހަވާލުވެފައިވާކަން އެ ކްލަބުގެ އިސް އޮފިޝަލަކު ވަނީ 'ސަން ސްޕޯޓްސް'އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ކިސްއަކީ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް ދަންނަ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި މަސައްކަތް ކުރި ކޯޗެކެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ 1996 ވަނަ އަހަރު ވެލެންސިއާގެ ކޯޗަކަށެވެ. ކިސްގެ އިރުޝާދުގެ ދަށުން ވެލެންސިއާ އިން ވަނީ 1999 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2004 ވަނަ އަހަރުގެ ލީގު ކާމިޔާބުކޮށްފައެވެ.

ދެހާސް ފަސްވަނަ އަހަރު ވެލެންސިއާ ދޫކޮށްލުމަށްފަހު ކިސް ވަނީ 2008 ވަނަ އަހަރު ވީބީ ސްޕޯޓްސްގެ ކޯޗުގެ މަގާމަށް އައިސް 2008 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދައިފައެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ވީބީ ވަނީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ލީގު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. އެއަށްފަހު ވިކްޓަރީއާ އޭނާ ހަވާލުވީ 2016 އަހަރުގެ ސީޒަނުގެ މެދުތެރެއިންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބުގެ ގޮތުގައި ފާހަގަކޮށްލެވޭ ވިކްޓަރީއަށް ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރަނގަޅު ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ މާލޭ ލީގަށް ވިކްޓަރީ ނުކުތް ނަމަވެސް، ގަދަ ހަތަރެއްގެ ޖާގައެއް ހޯދިފައި ނުވުމުން ދިވެހި ޕްރިމިއާ ލީގުން އެ ކްލަބު ފެނިފައެއް ނުވެއެވެ.

މިދިޔަ އަހަރުވެސް ވިކްޓަރީގެ ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. ހަމައެގޮތަށް މިއަހަރުވެސް ވިކްޓަރީން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާއެކު ވަރުގަދަ ސްކޮޑެއް ފެނިގެންދާނެ ކަމަށް އެ ކްލަބުން ބުނެއެވެ. މިރޭ ސަލްސާ ރެސްޓޯރެންޓްގައި ވިކްޓަރީގެ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

comment ކޮމެންޓް