ފަސޭހަކަމާއެކު ނިއުކާސަލް ބަލިކޮށް ޗެލްސީ ފަސްވަނަ ބުރަށް

މިޗީ ބަޓްސްޗުއާއީ: މިރޭގެ މެޗުގައި އޭނާވަނީ ދެ ގޯލް ޖަހާފައި --- ފޮޓޯ/ އޭޕީ

އިނގިރޭސި އެފްއޭ ކަޕުގައި ފަސޭހަ ކަމާއެކު ނިއުކާސަލް ބަލިކޮށް ޗެލްސީން ފަސްވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ކުޅުނު މެޗު، އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ޗެލްސީން ނުކުތީ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ އަލްވާރޯ މޮރާޓާ އަދި ކީޕަރު ތިބޯ ކޯޝުއާވެސް ނުލައެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ޗެލްސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ޗެލްސީން މެޗުގައި ދަށްކޮށް ފެށުމުގެ ސަބަބުން ނިއުކާސަލްއިންވަނީ ޗެލްސީގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ. ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް މިޗީ ބަޓްސްޗުއާއީވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި ހާފް ނިމުމުގެ ކުރިން ބަޓްސްޗުއާއީވަނީ އޭނާގެ ދެވަނަ ގޯލާއެކު ޗެލްސީއަށް ލީޑު ފުޅާކޮށްފައެވެ.

މިރޭގެ މެޗުގައި ޗެލްސީގެ ޑްރިކްވޯޓާ ބޯޅައާއެކު --- ފޮޓޯ/އޭޕީ

ދެވަނަ ހާފަށް ނުކުމެ ޗެލްސީން މެޗު ކޮންޓްރޯލް ކުރިނަމަވެސް ނިއުކާސަލްއިންވަނީ ލިބޭ މަދު ފުރުސަތުތަކުގައި ބޭނުން ހިފާފައެވެ. އަދި ޗެލްސީގެ ގޯލް ބެލެހެއްޓި ވިލީ ކަބަލޭރޯގެ ފަރާތުންވަނީ ރަނގަޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޗެލްސީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މާކަސް އެލޯންސޯއެވެ. އެލޯންސޯ އެ ގޯލް ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

ޗެލްސީގެ ތިންވަނަ ގޯލް ޖެހި މާކަސް އެލޯންސޯ --- ފޮޓޯ/ އޭޕީ

ޗެލްސީވަނީ ވޭތުވެދިޔަ އަހަރުގެ އެފްއޭކަޕް ފައިނަލް ކުޅެފައެވެ. ވެމްބްލީގައި ކުޅުނު ފައިނަލުން ޗެލްސީ ބަލިވީ އާސެނަލް އަތުންނެވެ. މިއަހަރުގެ އެފްއޭކަޕުން އެންމެފަހުގެ ޗެމްޕިއަން އާސެނަލްވަނީ ކަޓައިފައެވެ.

comment ކޮމެންޓް