އޯލެވެލްގެ ފަސް މާއްދާ އިން ފާސްވި މިންވަރު ހަތް ޕަސެންޓް އިތުރުވެއްޖެ: ޑރ. އައިޝަތު ޝިހާމް

ޖެނުއަރީ 28، 2018: އޯލެވެލް އިމްތިހާނުގެ ނަތިޖާއާއި ގުޅޭގޮތުން އެޑުކެޝަން މިނިސްޓްރީއިން ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޯލެެވެލް އިމްތިހާނުން ފަސް މާއްދާ އިން ފާސްވި މިންވަރު ހަތް ޕަސެންޓް އިރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އޯލެވެލް އިމްތިހާނުގެ ނަތީޖާއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އައިޝަތު ޝިހާމް ވިދާޅުވީ 2016 ވަނަ އަހަރު އޯލެވެލް އިމްތިހާނު ހެދި ކުދިންނާ ބަލާއިރު މިދިޔަ އަހަރު އޯ ލެވެލް އިމްތިހާނު ހެދި ކުދިންގެ ނަތީޖާއިން ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.

"މިއަހަރު ތެރޭގައި ފަސް މާއްދާއިން ފާސްވި ނިސްބަތް މިއޮތީ ހަތްދިހަ ހަތް އިންސައްތަ އަށް ފޯރުކޯށްދެވިފައި. މިހަތްދިހަ ހަތް އިންސައްތައަކީ މިދިޔަ އަހަރު ލިބުނު ނަތީޖާއަށް ވުރެ ހަތް އިންސައްތަ މަތީ އަދަދެއް." ޝިހާމް ވިދާޅުވިއެވެ.

ޑރ. އައިޝަތު ވިދާޅުވީ ފާއިތުވި ހަތަރު އަހަރުތެރޭ އޯލެވެލް އިމްތިހާނުން ލިބުނު ނަތީޖާ، މީގެ ދިހަ އަހަރު ކުރިން ލިބުނު ނަތީޖާގެ ކާމިޔާބީއާ އެއްފަދަ ކަމަށާއި މިއީ ރާއްޖޭގެ ތައުލީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ޖެނުއަރީ 28، 2018: އޯލެވެލް އިމްތިހާނުގެ ނަތިޖާއާއި ގުޅޭގޮތުން އެޑުކެޝަން މިނިސްޓްރީއިން ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ސަތާރަ ވަނަ އަހަރު ތިން މާއްދާއިން ފާސްވި މިންވަރުވެސް 93 ޕަސެންޓަށް އިތުރުވެފައިވާ ކަމަށާއި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ޑރ. އައިޝަތު ވިދާޅުވިއެވެ. އަދި ވަކިވަކި މާއްދާތަކުން ވަކި ވަކި ގްރޭޑްސްތަކުން ކާމިޔާބީ ލިބުނު މިންވަރު އިތުރުވެ މާއްދާތަކުން "ޔޫ" ފާސް ލިބުނު މިންވަރުވެސް ފާއިތުވި ހަތަރު އަހަރުތެރޭ ހަަތް ޕަސެންޓަށް ދައްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އައިޝަތު ވިދާޅުވީ މިއަހަރު ލިބުނު ބޮޑު ކާމިޔާބީ ލިބުމުގައި ޓީޗަރުންގެ ފެންވަރަ ރަނގަޅު ކުރުމަށާއި ރާއްޖޭގެ ގިނަ ސްކޫލުތަކަށް އިތުރު ވަސީލަތްތައް ހޯދައިދުނުމަށް ކުރި މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާ ކުރި ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ މިދިޔަ އަހަރު 5300 ކުދިން އޯލެވެލްގައި ބައިވިއިރު އަތަޮޅުތަކުން 3800 ކުދިން އިމްތިހާނުގައި ބައިވެރިވިކަމަށެވެ. އަދި މާލޭއާއި އަތޮޅުތަކުގެ ނަތީޖާއިން ވަރަށް ބޮޑުތަން ފަރަގު ކުޑަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް