އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ތެޔޮ ޓޭންކަރެއް އެސްޓީއޯއިން ގެނެސްފި

އެސްޓީއޯ ރާއްޖެ ގެނައި ބޮޑު ތެޔޮ ޓޭންކަރު --- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ތެޔޮ ޓޭންކަރެއް އެސްޓީއޯއިން ރާއްޖެ ގެނެސްފިއެވެ.

މިއަދު އެޓޭންކަރު ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޓޭންކަރު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރުގެ އިތުރުން އެކުންފުނީގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވީ، އެސްޓީއޯއަށް ބޭނުންވާ ވަރަށް ތެޔޮ ގެނައުމުގައި ދަތިތަކެއް ކުރިމަތިވަމުން ދިޔަނަމަވެސް މިއަދު ގެނައި ތެޔޮ ޓޭންކަރާއެކީ އެކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ޝަހީރު ވިދާޅުވީ، މިއަދުންފެށިގެން ރާއްޖެއަށް ތެޔޮ ގެނައުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާކަށް ނުޖެހޭނެ ކަމަށެވެ.

"ހަކަތަ ޔަގީން ކުރުމަށް ރާއްޖެއަށް ތެޔޮ ގެންނަށް ބޭރުގެ އެއްވެސް އެހީއެއް ހޯދަން ނުޖެހޭނެކަން އަޅުގަނޑަށް ޔަގީން،" ޝަހީރު ވިދާޅުވިއެވެ.

މިއަދު ގެނައި ޓޭންކަރާއެކީގައި މި ސަރަހައްދުގައި އުޅޭ ބޭރުގެ ބޯޓުތަކަށާއި އަވަށްޓެރި ސްރީލަންކާއަށްވެސް ތެޔޮ ވިއްކާނެކަމަށް ޝަހީރު ވިދާޅުވިއެވެ.

"ސްރީލަންކާގެ އިތުރުން މިތާ ކައިރީގައި އުޅޭ ކުދި ބޯޓު ތަކަށްވެސް ތެޔޮ ވިއްކުމުގެ މަސައްކަތް ކުރާނަން. އަޅުގަނޑުމެންނަށް މިހާރުވެސް މިވަނީ ވަރަށް ބައިވަރު އިންކުއަރީޒް ލިބިފައި. އެހެންވީމަ އިރާދަކުރެއްވިއްޔާ އެ ވިޔަފާރި އަޅުގަނޑުމެން ކުރާނަށް،" ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯއަށް މިއަދު ގެނައި ތެޔޮ ޓޭންކަރަކީ 14.7 މިލިއަން ޑޮލަރުގެ ޓޭންކަރެކެވެ. އެއީ 25،000 ޓަނުގެ ތެޔޮ ޓޭންކަރެކެވެ.

comment ކޮމެންޓް