ހަޒާޑްގެ ބަދަލުގައި ރެއާލުން ޗެލްސީއަށް ރޮނާލްޑޯ ދޫކޮށްލަނީ!

ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް އަދި ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ: ގެޓީ

ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މިވަނީ ފާއިތުވި ނުވަ އަހަރު ދުވަހުގެ ތެރޭގައި ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ބާރު، ރެއާލް މެޑްރިޑްގެ ތާރީޚުގައި އޭނާގެ ނަން ރަން އަކުރުން ލިޔެލައިފައެވެ. ރެއާލާއެކު ރޮނާލްޑޯ ވަނީ ފުޓްބޯޅައިގެ އެތަކެއް ރެކޯޑެއް ގާއިމުކޮށްފައެވެ.

އުމުރުން 32 އަހަރުގެ ރޮނާލްޑޯ ރެއާލްގައި ކިތަންމެ ގިނަ ކާމިޔާބީތަކެއް ހޯދާފައި ވީނަމަވެސް، މިފަހަކަށް އައިސް އޭނާއާ ކްލަބާ ދެމެދު ގުޅުން އެހާ ރަނގަޅެއް ނޫނެވެ. ޚާއްސަކޮށް މުސާރަ އިތުރަށް ބޮޑުކޮށްދޭން ރޮނާލްޑޯ އެދިފައިވާ އިރު، ރެއާލުން އޭނާއަށް މިހާރު ދެމުންދާ މުސާރައާ މެދު އުފާކުރަން ޖެހޭކަމަށް އެޓީމުގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ވިދާޅުވެފައެވެ.

ރޮނާލްޑޯގެ ތަރި އަދިވެސް ދަނީ ފުޓްބޯޅައިގެ އެންމެ އުހުގައި ފިޔަ ޖަހަމުންނެވެ. އޭގެ ހެއްކަކީ ރެއާލްގައި އޭނާ މިހާރުވެސް އަދާކުރަމުންދާ މުހިއްމު ދައުރާއި އަދި ޓްރާންސްފަރ މާކެޓްގައި ބޮޑެތި ކްލަބުތަކުން އޭނާއަށް ޝައުގުވެރިކަން ފާޅުކުރަމުން ދިއުމެވެ.

ފްރާންސްގެ ޕީއެސްޖީއާއި އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން ރޮނާލްޑޯ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، އެކަމުގައި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އެހެން ނަމަވެސް އިނގިރޭސި ޗެމްޕިއަން ޗެލްސީއަށް މިވަނީ އެ ކްލަބުން ބޭނުން ނަމަ، ރޮނާލްޑޯ ގެންނަން ރަނުގެ ފުރުސަތެއް ލިބިފައެވެ.

ޗެލްސީން ކުރަން ޖެހޭ ކަމަކީ، އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑް ރެއާލަށް ވިއްކާލަންވީއެވެ. އެގޮތުން އެ ވިޔަފާރީގެ ބައެއްގެ ގޮތުގައި ރޮނާލްޑޯ ހިމެނުމަށް، ރެއާލުން ޗެލްސީއަށް ހުށަހަޅާފައިވާ ކަމަށް ސްޕެއިންގެ ކުޅިވަރު ޚަބަރުތައް ފަތުރާ ފަރާތްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޓްރާންސްފަރ ރޫމާތަކުގައި އެންމެ ކުރީގައި އުޅޭ ޑޮން ބެލޮން އިން ވަނީ ހަޒާޑް ހޯދުމަށް ރެއާލުން ޗެލްސީއާ މަޝްވަރާކުރާކަމަށް ބުނެފައެވެ. އަދި އެ ވިޔަފާރި ހަގީގަތަކަށް ހެދުމަށް، ރެއާލުން ޗެލްސީއަށް ރޮނާލްޑޯ ދޫކޮށްލަން ތައްޔާރުކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައި ވެއެވެ.

ހަޒާޑުގެ ބަދަލުގައި ރެއާލުން ޗެލްސީއަށް ރޮނާލްޑޯ ދޫކޮށްލަން ތައްޔާރަށް ތިބި ނަމަވެސް، ޗެލްސީން އެގޮތް ބޭނުން ނުވާކަމަށް ވެއެވެ. އެހެން ނަމަވެސް، ރެއާލުން ހަޒާޑް ބޭނުންނަމަ، ޗެލްސީން ބޭނުންވާ އަގަކާއެކު ބަދަލުގައި ރެއާލަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ތަރި މާކޯ އެސެންސިއޯ ދޭނަމަ، އެ ވިޔަފާރިއާއިގެން ޗެލްސީން ކުރިއަށް ދާނޭކަމަށް ވެއެވެ.

comment ކޮމެންޓް