ފާރިސް ހައްޔަރުކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

ފާރިސް މައުމޫން ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރަން ނެރުނު އަމުރު އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވަނީ މައިގަނޑު ހަތް ނުކުތާއެއް ފާހަގަކުރުމަށް ފަހުގައި ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހައްޔަރުކުރުމާއި ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި އަމަލުކުރުމަށް ކަނޑައަޅުއްވައުފައިވާ އުސޫލާ ހިލާފަށް އަމުރު ނެރުމެވެ.

މީގެ އިތުރުން ހައްޔަރުކުރުމުގެ އަމުރަށް އެދިފައިވާއިރު އެއްވެސް ހެއްކެއް ހުށަނޭޅުމާއި ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ހިލާފަށް ކަމަށް ފާރިސްގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

ފާރިސް ހަމަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ފަހު ދެދުވަސް ކުރިން ދޫކޮށްލާފައި ވަނިކޮށް އިއްޔެ އަނެއްކާ ހައްޔަރުކުރީ ގާނޫނީ ސަރުކާރެއް ވައްޓާލަން މަޖިލިސް މެމްބަރުންނަށް ރިޝްވަތުދޭ ކަމަށް ބުނެއެވެ.

ފާރިސް ހައްޔަރުކުރުމަށް ފަހު ރޭ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަަށް 15 ދުވަސް ޖަހައިފައެވެ.

comment ކޮމެންޓް