ސޫރިޔާގައި އެމެރިކާއާއި ތުރުކީއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގައިފާނެބާ!

ސޫރިޔާގެ އިރު އުތުރުގެ ސަރަހައްދެއްކަމަށްވާ މަންބަޖްގައި ވާ އެމެރިކާގެ އަސްކަރީ ބާރުތައް އެ ސަރަހައްދުން ބޭލުމަށް ތުރުކީން ވަނީ އެތަށް ފަހަރަކު އެމެރިކާއަށް ގޮވަލާފައެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެމެރިކާގެ ތަކުރާރުކޮށް ގޮވާލައްވާފައިވަނީ ތުރުކީ ސިފައިން ސޫރިޔާގެ އިފްރީން ސަރަހައްދުގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން މަންބަޖްވެސް ހިމެނޭގޮތަށް ކުރިޔަށް ގެންދިޔުމަށްޓަކައި އެސަރަހައްދުގައިވާ އެމެރިކާ ގެ އަސްކަރީ ބާރުތައް ބޭލުމަށެވެ.

އެމެރިކާ ސިފައިން މަންބަޖުން ނުފައިބައިފިނަމަ ތުރުކީ ސިފައިންގެ ހަމަލާއެއް އެމެރިކާ ސިފައިން ތިބޭ ސަރަހައްދުތަކަށް އެރުން އެކަށީގެންވާ ކަމަށާ އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އެކަމުގެ ޒިންމާ ތުރުކީން ނުނަގާނެ ކަމަށްވެސް އުރުދުޣާންވަނީ ވިދާޅުވެފައެވެ.

އުރުދުޣާންގެ މި އިންޒާރުތަކަށް އެމެރިކާ ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސޫރިޔާގައި ތުރުކީ ސިފައިން ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ސޫރިޔާގެ މަންބަޖްގައި އެމެރިކާ ސިފައިން ތިބެނީ ޓެރަރިސްޓުންނަށް އެހީތެރިވުމުގެ ގޮތުންކަމަށް އުރުދުޣާން ވިދާޅުވެފައިވެއެވެ. އެމެރިކާ ސިފައިން މަންބަޖުން ނުފޭބިނަމަވެސް އެމެރިކާގެ އެހީތެރިކަން ލިބޭ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރިން މަންބަޖުން ފައްސާލާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވެފައިވެއެވެ. މަންބަޖްގައި އަސްކަރީ އޮޕަރޭޝަން ކުރިޔަށް ގެންދާއިރު އެމެރިކާއާ ކުރިމަތިލާން ޖެހިއްޖެނަމަ އެކަން ކުރާނެކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ތަފާތު ހަނގުރާމަވެރި ޖަމާއަތްތަކަކީ އައިއެސް ކަމަށްވިޔަސް ޖަބްހަތުއްނުސްރާ ކަމަށްވިޔަސް އަދި ކުރުދީންގެ ޖަމާއަތްތައް ކަމަށްވިޔަސް މި ޖަމާއަތްތަކަކީ ސޫރިޔާގެ ހަނގުރާމައިގެ ފަހަތުގައިވާ ވާދަވެރި ގައުމުތަކުގެ ޖާސޫސީ އިދާރާތައް އަޑީގައި ތިބެގެން ހިންގާ ޖަމާއަތްތަކެވެ. ބޭނުމަކީ އެގައުމުތަކުގެ ސިފައިންގެ ލަޝްކަރުތަށް ބޭނުންކޮށްގެން ފާޅުގައި ނުކުރެވޭ ކަންތައްތައް އެފަދަ ޖަމާއަތްތައް ބޭނުންކޮށްގެން ކުރުމެވެ.

މިކަމުގައި ދީން ނުވަތަ ގައުމިއްޔަތު ޝިޢާރެއްގެ ގޮތުގައި ނުވަތަ އެޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގެ ޕްރޮޕަގެންޑާ އެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދެއެވެ. މި ޕްރޮޕަގެންޑާގައި ޖެހި މުސްލިމް އެތަށް ގައުމެއްގެ ޒުވާނުން ސޫރިޔާގެ ހަނގުރާމައިގެ އަލިފާނުގެ ދަރަށްވެގެން އަދައި އަޅިއަށްވެފައިވެއެވެ.

ސޫރިޔާގެ އުތުރާއި އިރުމަތީގައި ހަރަކާތްތެރިވާ ސޫރިޔާގެ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކަކީވެސް މިފަދަ ބައެކެވެ. ތުރުކީއާއި ސޫރިޔާގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށް ސޫރިޔާ ބައިބައިކޮށްލުމުގެ ރޭވުމުގެ ދަށުން ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރާއި ތަމްރީން ފޯރުކޮށްދެނީ އެމެރިކާއެވެ. ތުރުކީ ސޫރިޔާގެ ބިމަށް ވަދެގަނެގެން އުޅެނީ އެމެރިކާ އެހީތެރިވެދޭ މިޖަމާއަތްތަކުގެ ދުވަސް ދުއްވާލުމަށެވެ. އެއީ އެޖަމާއަތްތަކުގެ ނުރައްކާތެރިކަން ސޫރިޔާގެ އިތުރުން ޚުދު ތުރުކީއަށްވެސް ބޮޑުވާތީއެވެ.

އެންމެ ނުރައްކާތެރި ޓެރަރިސްޓް ދެ ޖަމާއަތުގެ ގޮތުގައި ހިމެނޭ އައިއެސް އާއި ޖަބްހުތުއްނުސްރާ އަކީވެސް މިފަދަ ދެ ޖަމާއަތެވެ. މިދެޖަމާއަތަކީ އެމެރިކާއާއި އިސްރާއީލުން އެދެގައުމުގެ ސިފައިންގެ ލަޝްކަރުތަށް ބޭނުންކޮށްގެން ނުކުރެވޭ ނޫނީ ކުރަން ނުކެރޭ ކަންތައްތައް ކުރުމަށް އެދެގައުމުގެ ޖާސޫސީ އިދާރާތަކުން އެހީތެރިވެގެން އުފެއްދި ޖަމާއަތް ތަކެއްކަން މިހާރުވަނީ މުޅިންހެން ކަށަވަރުވެފައެވެ.

ނަމަވެސް މިފަދަ ޖަމާއަތްތަކަށް އެހީތެރިވެގެން ސިޔާސީ މަގްސަދުތައް ހާސިލް ކުރަނީ ހަމައެކަނި އެމެރިކާއާއި އިސްރާއީލަކުންނޫނެވެ. ތުރުކީއާއި ގަތަރާއި ސައޫދީ އަރަބިޔާއަކީވެސް އިރާގާއި ސޫރިޔާގައި އެގައުމުތަކުގެ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށްޓަކައި އައިއެސް އާއި ޖަބްހުތުއްނުސްރާއަށް ނުސީދާ ގޮތެއްގައި އެހީތެރިވަމުން ގެންދިޔަ ގައުމުތަކެވެ.

އެމެރިކާގެ މަދަދު ލިބޭ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކުގެ ދުވަސް ދުއްވާލުމަށްޓަކައި ތުރުކީ ސިފައިން ސޫރިޔާގެ އިފްރީންގައި ކުރިޔަށް ގެންދާ އަސްކަރީ އޮޕަރޭޝަންގައި މިހާތަނަށް ކުރުދީންގެ ހަތަރު ސަތޭކައަށްވުރެ ގިނަ ހަނގުރާމަވެރިން ތުރުކީ ސިފައިންގެ ހަމަލާތަކުގައި މަރާލާފައިވެއެވެ. ނަމަވެސް މިކަމާގުޅިގެން ތުރުކީއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. ތުރުކީ ސިފައިންވަނީ އިފްރީންގެ ބޮޑުބައެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށްވެސް ގެންގޮސްފައެވެ.

އިފްރީންގެ އޮޕަރޭޝަން ފެށުމުގެ ކުރިން ތުރުކީ ވަނީ ސޫރިޔާގައި އެންމެ ނުފޫޒުގަދަ ދެގައުމު ކަމަށްވާ ރަޝިޔާއާއި އީރާންގެ ކިބައިން މިކަމުގެ ހުއްދައަށްވެސް އެދިފައެވެ. ނަމަވެސް ސޫރިޔާ ސަރުކާރުގެ ކިބައިން ހުއްދައަށް އެދިފައެއް ނުވެއެވެ. ސޫރިޔާ ސަރުކާރަކީ އީރާނާއި ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައިވާ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށްވާތީ އެއީ ބޭނުންކަމެއް ކަމަކަށް ތުރުކީ ނުދެކެއެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ ސޫރިޔާގެ އުތުރުގައި ތުރުކީ ބޭނުންވާ ގޮތަށް އަމަނާބެހޭ ސަރަހައްދެއް ގާއިމް ކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުއްވުމަށްވެސް ދެކޮޅު ހައްދަވާފައެވެ. އޭގެބަދަލުގައި ތުރުކީ ބޭނުންވަނީ އެމެރިކާގެ މަދަދުލިބޭ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކުގެ ދުވަސް އެއްކޮށް ދުއްވާލައި އެޖަމާއަތްތައް ފުނޑުފުނޑު ކޮށްލުމަށެވެ.

އެމެރިކާ ޖެހިފައިވަނީ ތުރުކީ ސިފައިން ހިންގަމުން ގެންދާ މިމަންޒަރު ހަމައެކަނި ބަލަން އޮތުމަށެވެ. ތުރުކީއާ ދެކޮޅަށް ހަރަކާތްތެރިވާކަށް އެމެރިކާއަކަށް ނުކެރެއެވެ. އެމެރިއަކީ ދުނިޔޭގެ އެއްވަނަ އަސްކަރީ ބާރުކަމަށް ވިޔަސް ސޫިރޔާގެ އުތުރުގައި (ތުރުކީގެ ބަނޑުދަށުގައި) ހަނގުރާމަކޮށްގެން އެމެރިކާއަށް ކާމިޔާބު ލިބުމަކީ މުސްތަހީލް ކަމެކެވެ. ޚާއްސަކޮށް ރަޝިޔާއާއި އީރާން ފަދަ ބާރުތައް ތުރުކީއާ އެއްކޮޅަށް އޮވެފައި ސޫރިޔާ ސަރުކާރާވެސް އެމެރިކާއާ ގުޅުން ނެތުމުން ސޫރިޔާގެ އުތުރުގައި އެމެރިކާއަށް މާބޮޑު ފުރްސަތުތަކެއް ނެތެވެ. ހަނގުރާމައަކަށް ހިނގައްޖެނަމަ ލޭއޮހޮރި އެމެރިކާ ސިފައިންގެ އެތަށް ބަޔަކު މަރުވުން ފިޔަވައި އެހެން ކަމެއް އެމެރިކާއަކަށް ނުވާނެއެވެ.

ސޫރިޔާގެ ހަނގުރާމައަކީ ސޫރިޔާއަށް ޑިމޮކްރަސީ ގެނައުމަށް ކުރާ ހަނގުރާމައެއް ނޫނެވެ. މިހަނގުރާމައިގާ ޝާމިލްވާ ފަރާތްތަކަކީ ސޫރިޔާއަށް ހެޔޮއެދޭ ފަރާތްތަކެއް ނޫނެވެ. ކޮންމެ ގައުމަކުންވެސް މަސައްކަތް ކުރަނީ އެގައުމެއްގެ ޖިޔޮ ޕޮލިޓިކަލް މަގްސަދުތަކެއް ހާސިލްކުރުމަށެވެ.

comment ކޮމެންޓް