ރުއްތިބީގައި ރިސޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ތ. ރުއްތިބި

އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް)އަށް ރިސޯޓެއް ހެދުމަށް ސަރުކާރުން ދީފައިވާ ތ. ރުއްތިބީގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ތ. ރުށްތިބިއަކީ މީގެ ކުރިން ލ. ކައްދޫގެ އެއާޕޯޓު އައިއޭއެސްއިން ހިންގި އިރު، އެއާޕޯޓާ އެކު ރިސޯޓެއް ހިންގުމަށް ދިން ރަށެކެވެ. އެހެން ނަމަވެސް ފަހުން އެކުންފުނިން ތިމަރަފުށި އެއާޕޯޓު ހިންގުމާ ހަވާލުވުމުން، އެރަށާ އެކު ސަބްސިޑީގެ ގޮތުގައި ރިސޯޓު ހިންގުމަށް ދޭ ރަށުގެ ގޮތުގައި ރުއްތިބި ކަނޑައެޅިގެން ދިޔައެވެ.

ރުއްތިބީގައި ރިސޯޓު ހެދުމަށް އައިލެންޑް އޭވިއޭޝަން ސާވިސެސްއިން ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ އެމްއެސްއެން ރިއަލްޓީ ކިޔާ ކުންފުންޏަކާއެވެ.

"ދަ އިންޑަސް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ"ގެ ނަމުގައި ހަދާ ފަސްތަރީގެ ރިސޯޓުގެ ބިންގާ އެޅީ އެ ރަށުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަލްޑީ މުޒައްވިރުގެ އިތުރުން ޑިރެކްޓަރު ފައިސަލް އިބްރާހީމެވެ.

އަންނަ ޑިސެންބަރުމަހު ހުޅުވަން ހަމަޖެހިފައިވާ އެ ރިސޯޓުގައި 170 ކޮޓަރި ހުންނައިރު ފްލޯޓިން ރެސްޓޯރެންޓަކާއެކު ހަތަރު ރެސްޓޯރެންޓް ހުންނާނެއެވެ. އޭގެ އިތުރުން އެ ރިސޯޓު ކައިރީގައި ތިން ޕްރައިވެޓް އައިލެންޑްގެ އިތުރުން ދަތުރުގޮސް އުޅޭނެ ރަށެއްވެސް ތަރައްގީ ކުރަންވަނީ ހަމަޖެހިފައެވެ.

އައިލެންޑް އޭވިއޭޝަނުން ބިޑަށް ހުޅުވާލައިގެން ރިސޯޓު ތަރައްގީ ކުރަން އެމްއެސްއެން ކުންފުންޏަށް ސަބްލީސް ކުރީ 2016 ވަނަ އަހަރުއެވެ.

comment ކޮމެންޓް